އީސީ މެމްބަރުން ވެކްސިން ޖައްސަވައިފި، އިންތިހާބު މާހައުލު ރައްކާތެރި ކުރުމަށް މުހިންމު ކަމެއް!

އިލެކްޝަންސް ކޮމިޝަނުގެ ބައެއް މެމްބަރުން މިއަދު ކޯވިޑް-19 ވެކްސިން ޖައްސަވައިފި އެވެ. މިއަދު ކޯވިޑް ވެކްސިން ޖެއްސެވި ބޭފުޅުންގެ ތެރޭގައި އީސީގެ ރައިސް އަހުމަދު ޝަރީފު، ނައިބު ރައީސް އިސްމާއިލް ހަބީބ...

11 Feb 2021 | 15:33

އިލެކްޝަންސް ކޮމިޝަނުގެ ބައެއް މެމްބަރުން މިއަދު ކޯވިޑް-19 ވެކްސިން ޖައްސަވައިފި އެވެ.

މިއަދު ކޯވިޑް ވެކްސިން ޖެއްސެވި ބޭފުޅުންގެ ތެރޭގައި އީސީގެ ރައިސް އަހުމަދު ޝަރީފު، ނައިބު ރައީސް އިސްމާއިލް ހަބީބު އަދި މެމްބަރު އަލީ ނަޝާތު ހިމެނިވަޑައިގެންނަވަ އެވެ. އެ ބޭފުޅުން ވެކްސިން ޖެއްސެވީ ހުޅުމާލޭ ހޮސްޕިޓަލްގައި ހަދާވައިފާ ކޯވިޑް-19 ވެކްސިން ސެންޓަރުގައި އެވެ.

ވެކްސިން ޖެއްސެވުމަށް ފަހު ސޯޝަލް މީޑިއާގައި ފޮޓޯ އާއި އެކު އެކަން ހާމަ ކުރައްވާ ކޯވިޑް ވެކްސިން ޖެހުމަށް އާންމުންނަށް ހިތްވަރު ދެއްވާފައިވެ އެވެ.

އީސީގެ ރައީސް ޝަރީފު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އޭނާ ވެކްސިން ޖައްސަވައިފި ކަމަށެވެ. އަދި ރައްކާތެރި މާހައުލެއްގައި ކައުންސިލް އިންތިހާބުގެ ކަންކަމުގައި ހަރަކާތްތެރިވުމަށް ވެކްސިން ޖެހުން މުހިންމު ކަމަށް ވިދާޅުވި އެވެ.

https://twitter.com/ShareefRangondi/status/1359794129924993024

އީސީގެ ނައިބު ރައީސް ހަބީބު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ކޯވިޑް-19 ވެކްސިން ޖެހުމުން ނުރަނގަޅު އަސަރެއް ހަށިގަނޑަށް ކޮށްފައި ނުވާ ކަމަށެވެ. ހަބީބު ވިދާޅުވީ ރައްކާތެރި އަމާން މާހައުލެއްގައި އިންތިހާބު ބޭއްވުމަށްޓަކައި ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ވެކްސިން ޖެހުމަކީ މުހިންމު ކަމެއް ކަމަށެވެ.

https://twitter.com/IsmailHabeeb/status/1359838668987322370

އީސީގެ މެމްބަރުންގެ އިތުރުން ސިޔާސީ މައިދާނުގައި އާއި އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ އާންމުންގެ މެދުގައި މަގުބޫލު ފަރާތްތަކުން ވަނީ ކޯވިޑް ވެކްސިން ޖައްސަވައި އާންމުންނަށް އެކަމަށް ހިތްވަރު ދެއްވާފައި އެވެ. އެޗްޕީއޭއިން ބުނީ ރާއްޖޭގައި ވެކްސިން ޖެހުމުގެ ރޫހު ރައްޔިތުންގެ މެދުގައި އެބަހުރި ކަމަށާއި އެއީ އުފާވެރި މަންޒަރެއް ކަމަށެވެ.

މިހާތަނަށް ރާއްޖޭގައި 20،000 އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ވެކްސިން ދީފައިވެ އެވެ. ރާއްޖޭގައި ކޯވިޑް ވެކްސިން ދޭން ފެށީ މިމަހުގެ އެއް ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް