ޓޫރިސްޓެއްގެ ފައިސާތަކެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި ކެބިން ކްރޫއެއް ހައްޔަރު ކޮށްފި

ޓޫރިސްޓެއްގެ އަތް ދަބަހުން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ކެބިން ކްރޫއެއް ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ އެ މައްސަލަ ހުށަހަޅާފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހު ކަމަށެ...

11 Feb 2021 | 15:06

ޓޫރިސްޓެއްގެ އަތް ދަބަހުން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ކެބިން ކްރޫއެއް ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ހުށަހަޅާފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހު ކަމަށެވެ. އެ ޓޫރިސްޓު ދަތުރު ކުރީ ބ. އަތޮޅުގައި ހިންގާ ރިސޯޓަކަށެވެ.

މި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ ސީ ޕްލޭން ކެބިން ކްރޫއެއް ކަމަށް ފުލުހުން ބުނެ އެވެ. އެއީ 21 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެކަމަކު އެއީ ކޮން އެއާލައިނެއް ކަމެއް ހާމައެއް ނުކުރެ އެވެ. ރާއްޖޭގައި ސީޕްލޭންގެ ހިދުމަތް ދެނީ ޓީއެމްއޭ އާއި މޯލްޑިވިއަން އެވެ.

ފުލުހުން ބުނީ އެމީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ފުލުހުންނަށް މައްސަލަ ހުށަހެޅީ ޓޫރިސްޓުގެ އަތް ދަބަހުން ފައިސާތަކެއް ގެއްލުނު މައްސަލަ ކަމަށާއި އެ މައްސަލައިގަ އެ ކެބިން ކްރޫ ހައްޔަރު ކުރީ އޭނާ އަތުން އެ ފައިސާތައް ފެނިފައިވާތީ ކަމަށެވެ.

އެމީހާގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިދީފައި އެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެ ޓޫރިސްޓުގެ ދަބަހުން ވަގަށް ނަގާފައިވަނީ 3،000 ޑޮލަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް