ފުވައްމުލަކު ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލައިފި

ފުވައްމުުލަކު ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލައިފި އެވެ. އެ ސިޓީގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލީ ފުވައްމުލަކު ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ...

11 Feb 2021 | 12:14

ފުވައްމުުލަކު ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލައިފި އެވެ.

އެ ސިޓީގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލީ ފުވައްމުލަކު ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާތީ އާއި އެ ސިޓީގައި ކޯވިޑް-19ގެ ހާލަތަށް ރިއާޔަތްކޮށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަން އެންގީ މިއަދު އަސުރު ނަމާދުން ފެށިގެން އަންނަ ހަފްތާގެ ހޯމަ ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދަށް ބަންގި ގޮވާނެ ކަމަށެވެ. ބަންގި ގޮވާ ނިމުމަށް ފަހު ގޭގައި ނަމާދު ކުރުމަށް އަރަބި ބަހުންނާއި ދިވެހި ބަހުން އިމާމުން ގޮވާނެ ކަމަށް އިސްލާމިކް މިނިސްޓްރީ ބުނެ އެވެ.

އަދި މިސްކިތްތައް ހުންނާނީ ހުޅުވާފައި ކަމަށާއި ގަވައިދުން މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ގަވައިދުން ކުރާނެ ކަމަށް ބުނެ އެވެ.

އެ މިނިސްޓްރީން ވަނީ މި ދުވަސްތަކުގައި މިސްކިތްތަކުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާ ކުރުމާއި ސުންނަތް ނަމާދު ގިނަކޮށް، ގިނަ ގިނައިން ދުއާ ކުރުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެފައި އެވެ.

ކަމާ ބެހޭ ފަރާތްތަކުން ދޭ އިރުޝާދު ތަކަށް އަމަލު ކުރުމަށާއި މާތް ﷲ ގެ ރަހުމަތުން މާޔޫސްނުވެ ސަބަބުތަކުގައި ހިފައި ފުރިހަމައަށް ﷲ އަށް ވަކީލު ކުރުމަށް ނަސޭހަތްތެރިވެފައިވެ އެވެ.

އިއްޔެއިން ފެށިގެން އަންނަ ހަފްތާގެ ބުދަ ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށް އައްޑޫ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ މެދުކަނޑާލާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް