އަލީ ވަހީދު ފުރުވާލި މައްސަލަ ބަލައިދޭން މަޖިލީހުގެ އަންހެން މެމްބަރުން ހުށަހަޅުއްވައިފި

ޖިންސީ ގޯނާގެ ތުހުމަތު ކުރެވި އެ މައްސަލަތަކުގެ ދައުވާ ކުރެވިފައި ވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވި މައްސަލަ ބަލައި ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ...

11 Feb 2021 | 09:15

ޖިންސީ ގޯނާގެ ތުހުމަތު ކުރެވި އެ މައްސަލަތަކުގެ ދައުވާ ކުރެވިފައި ވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވި މައްސަލަ ބަލައި ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އަންހެން މެމްބަރުން ހުށަހަޅުއްވައިފި އެވެ.

މި މައްސަލަ ހުށަހަޅުއްވާފައިވަނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހަސަން، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ، މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހަމޫދެވެ.

އެ މައްސަލަ މެމްބަރުން ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށެވެ.

އެ މެމްބަރުން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެފަދަ ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށް އަލީ ވަހީދު ފުރުވާލުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މި މައްސަލައިގައި އަނިޔާ ލިބޭ މީހުން ތަހައްމަލްކުރަން ޖެހުނު އިތުރު އަނިޔާއެއް ކަމަށް މެމްބަރުން ވިދާޅުވެފައިވެ އެވެ.

މެމްބަރުން ވަނީ އަލީ ވަހީދު ކޯޓަށް ހާޒިރުކޮށް ޝަރީއަތް ފެށުމުގެ ގޮތުން ޕްރޮސިކިއުޓަ ޖެނެރަލް އަޅުއްވަން ނިންމަވާފައި ހުރި ފިޔަވަޅުތަކަކީ ކޮބައިކަން ސާފުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. މީގެ އިތުރު މި މައްސަލައިގަ ކްރިމިނލަލް ކޯޓާއި ޕީޖީ އޮފީހުން އަމަލު ކުރިކަމަށް ބުނާ ގޮތަށް އަމަލުކުރިތޯ އާއި މުޅި މި މައްސަލާގައި ވެސް އަމަލުކޮށްފައިވާ ގޮތް ބަލަން ޖެހޭ ކަމަށް މެމްބަރުން ވިދާޅުވި އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް އޭނާއާ ޖާމިނުވީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) އެވެ. އަދި އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް ކޯޓުން ހުއްދަ ދިނީ ޑޮކްޓަރު ދެއްވާފައިވާ ލިޔުން އިތުރަށް ކަށަވަރު ކުރުމުގެ ގޮތުން ޑރ. ޔޫސުފް ޝާން ކޯޓަށް ހާޒިރުކޮށް އޭނާގެ ވާހަަކަތަކަށް ރިއާޔަތް ކޮށް ކަމަށް ޕީޖީ އޮފީހާއި ކޮްރިމިނަލް ކޯޓުން ބުނެފައިވެ އެވެ.

މި މައްސަލައިގަ ޕީޖީ އަށާއި ސަރުކާރާއި ކްރިމިނަލް ކޯޓަށް ދަނީ ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވަމުންނެވެ.

އަލީ ވަހީދު ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ވަޑައިގެންނެވި އިރު އޭނާ އާއި ދެކޮޅަށް ދައުލަތުން ހަތް ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް