އިއްޔެ ރާއްޖެއަށް ލިބިފައިވަނީ ޗައިނާގައި ކޯވިޑް-19 އަށް އުފައްދާފައިވާ ސީނޯފާމް ވެކްސިން ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
ރައީސް އޮފީހުން އިއްޔެ ބުނީ 5،000 ޑޯޒު ކޯވިޑް ވެކްސިން ރާއްޖެއަށް ލިބިފައިވާ ކަމަށެވެ. އަދި މި މަސް ނިމުމުގެ ކުރިން 100،000 ޑޯޒު ކޯވިޑް-19 ވެކްސިން ރާއްޖެއަށް ލިބޭނެ ކަން ޔަގީންވެފައިވާ ކަމަށެވެ.
މި ވެކްސިންތަކާއި ގުޅޭ އިތުރު މައުލޫމާތު ހާމައެއް ނުކުރެ އެވެ.
މިއަދު އެޗްއީއޯސީން ބުނީ އިއްޔެ ރާއްޖެއަށް ލިބިފައިވަނީ ހެޔޮ އެދޭ ފަރާތަކުން ހަދިޔާ ކުރި 5،000 ޑޯޒުގެ ސޯނީފާމް ވެކްސިން ކަމަށެވެ. އެ ސެންޓަރުން ބުނީ މި ވެކްސިން ރާއްޖޭގައި ދޭން ފެށޭނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތީރިޓީ (އެމްއެފްޑީއޭ) އިން ހުއްދަ ދިނުމުން ކަމަށެވެ.
މި ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ލިބުމާއި އެކު މިހާރު ރާއްޖޭގައި ބޭނުން ކުރަމުންދާ ކޮވިޝީލްޑް ވެކްސިނާއި އެކު ސީނޯފާމް ވެކްސިން ދޭން ފަށާނެ ކަމަށް ބުނެ އެވެ.
މިއީ ހެޔޮ އެދޭ ފަރާތަކުން ރާއްޖެއަށް ސިނޯފާމް ކޯވިޑް-19 ވެކްސިން ހަދިޔާ ކުރި ދެ ވަނަ ފަހަރެވެ. މިދިޔަ މަހުގެ ތެރޭގައި ވެސް ހެޔޮ އެދޭ ފަރާތަކުން ވަނީ ސިނޯފާމް ވެކްސިންގެ 5،000 ޑޯޒު ހަދިޔާ ކޮށްފައި އެވެ
މީގެ އިތުރުން ސިނޯފާމް ވެކްސިންގެ 100،000 ޑޯޒު ރާއްޖެއަށް ހަދިޔާ ކުރަން ނިންމާފައިވާކަން ޗައިނާ ސަރުކާރުންވެސް ވަނީ ހާމަކޮށްފައި އެވެ. އެކަމަކު މި ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދޭނެ ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.
ރާއްޖޭގައި މިހާރު ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާ ކުރި 100،000 ޑޯޒުގެ ކޮވިޝީލްޑް ވެކްސިނެވެ. މި ވެކްސިނަށް އެމްއެފްޑީއޭއިން ވަނީ ވަގުތީ ހުއްދައެއް ދީފައި އެވެ.
ކޯވިޑް-19 އަށް ވެކްސިން ދޭން ފެށީ މިމަހުގެ އެއް ވަނަ ދުވަހު އެވެ. މިހާތަނަށް20،000 އަށްވުރެ ގިނަ މީހުންނަށް ރާއްޖޭގައި ކޯވިޑް-19 ވެކްސިން ދީފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް