އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ހިތަދޫ ކްލަސްޓާ އާއި ގުޅުން ނެތް މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވަމުންދާ ކަމަށް އެ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގައި ކޯވިޑްގެ ދެ ކްލަސްޓާއެއް ވަނީ އުފެދިފައި އެވެ. އެއީ ހުޅުމީދޫ އެމްޓީސީސީ ސައިޓެއްގައި އުފެދިފައިވާ ކްލަސްޓާ އަކާއި އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި އުފެދިފައިވާ ހިތަދޫ ކްލަސްޓާ އެވެ.
މީގެ ތެރެއިން ހުޅުމީދޫ ކްލަސްޓާއިން 25 މީހުން ޕޮސިޓިވްވެފައިވާއިރު މިދިޔަ އާދިއްތަ ދުވަހުގެ ފަހުން އެ ކްލަސްޓާއިން މީހަކު ޕޮސިޓިވްވެފައެއް ނުވެ އެވެ. ހިތަދޫ ކްލަސްޓާއިން މިހާތަނަށް 31 މީހަކު ޕޮސިޓިވްވެފައިވެ އެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސޯބެ ވިދާޅުވީ އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ވަރަށް ހަލުވިކަމާއި އެކު ކޯވިޑް ފެތުރެމުން ދާ ކަމަށެވެ. އަދި ޕޮސިޓިވްވާ މީހުންނާއި ކޮންޓެކްޓުވި މީހުން ދެނެގަތުމަށް ކޮންޓެކްޓު ޓްރޭސިންސިންގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިޔަށް ގެންދާ ކަމަށެވެ.
ސޯބެ ވިދާޅުވީ އެ މަސައްކަތުން ފާހަގަވެގެންދާ ކަމަކީ ގިނަ ބަޔަކު ބައްޔަށް ޕޮސިޓިވްވަމުންދާ ކަމެވެ. މީގެ ކުރިން މިގޮތަށް ކްލަސްޓާތަކާއި ގުޅިގެން ކުރިޔަށްގެންދިޔަ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަ ކުރެވިގެން ޓެސްޓު ކުރެވޭ މީހުން ޕޮސިޓިވްވިޔަސް ރެންޑަމް ސާމްޕަލްގެ ތެރެއިން މީހަކު ޕޮސިޓިވްވެފައިވާކަން ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިފަދަ ކަންކަމަށް ބަލާއިރު އާންމުންގެ މެދުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ބެލެވޭ ކަމަށެވެ.
އިތުރަށް ވިދާޅުވީ ކޯވިޑް ފެތުރޭސީ ސިޓީގެ ރަށްތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުން ވަރަށް ރަނގަޅަށް އަމަލު ކުރަމުންދާ ކަމަށެވެ. އަދި ކާފިއު ގަޑީގައި މަގުމަތިން މީހުން ހުއްޓުވައި ފިޔަވަޅު އެޅުންފަދަ މަސައްކަތް މާ ގިނަ ވަގުތު ކުރަން ނުޖެހޭ ކަމަށެވެ.
އައްޑޫ ސިޓގެ ހުރިހާ ރަށެއްގައި އިއްޔެއިން ފެށިގެން ހަތް ދުވަސް ވަންދެން ރޭގަނޑު 8:00 ން ފަތިހު 4:00 އަށް ކާފިއު ހިންގަން ވަނީ ފަށާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް