ރާއްޖޭގައި ކޯވިޑް-19 ޖހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވާ މީހުންގެ ނިސްބަތް ގިނަ ދުވަސްތަކަކަށް ފަހު ދަށަށް ދާން ފަށައިފި އެވެ.
މިދިޔަ އަހަރު ނިމުނު އިރު ރާއްޖޭގައި ކޯވިޑުން ރަނގަޅުވާ ނިސްބަތް ހުރީ 93 ޕަސެންޓުގައި އެވެ. އެކަމަކު މިއަހަރު ފެށުނީންސުރެ ރާއްޖެ ކޯވިޑްގެ ހާލަތަށް ބަދަލު އައިސް ޕޮސިޓިވްވާ މީހުންގެ އަދަދު ވަނީ ކުއްލިއަކަށް އިތުރުވެފައި އެވެ.
އެޗްޕީއޭއިން ކޯވިޑްގެ މައުލޫމާތު އާންމު ކުރާ ޑޭޝްބޯޑު ދައްކާގޮތުން މިހާރު ރާއްޖޭގައި ކޯވިޑުން ރަނގަޅުވާ މީހުންގެ ނިސްބަތް ހުރީ 87 ޕަސެންޓުގައި އެވެ. މިހާތަނަށް ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 14،978 މީހުން ބަލިން ރަނގަޅުވެފައިވެ އެވެ.
އެޗްއީއޯސީން ކުރިން ބުނެފައިވަނީ ބަލި ޖެހޭ މީހުންގެ ތެރެއިން ރަނގަޅުވާ މީހުންގެ އުޅެނީ ކުރިންވެސް ރަނގަޅުވަމުން އައި އަދަދުގައި ކަމަށެވެ. އެކަމަކު ރަނގަޅުވާ މީހުންގެ ނިސްބަތް ދަށްވާކަމަށް ދައްކަނީ ޕޮސިޓިވްވާ މީހުންގެ އަދަދު އިތުރުވެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ އެވެ.
ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު އިތުރުވުމުން ބަލިން ރަނގަޅުވާލެއް ލަސްވެ އެވެ. މިދިޔަ އަހަރު ނިމުމަކާއި ގާތްވިއިރު ހޮސްޕިޓަލްގައި ކޯވިޑް ޖެހިގެން ފަރުވާދެމުން ދިޔަ އަދަދު 30 އަށް ދަށްވި އެވެ. އެކަމަކު އެ އަދަދު މިހާރު ހުރީ 214 ގައި އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހިފައިވަނީ 17،201 މީހަކަށެވެ. އޭގެ ތެރެއިން މި ބަލީގައި 56 މީހުން ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް