ނާޗަރަންގީގެ ވާހަކަ ގަދަޔަށް ދައްކާއިރު ކުޑަކުއްޖާގެ މަރުގެ ވާހަކައާއި ފްލެޓް މައްސަލައިގެ އަޑު މަޖިލީހަށް ނީވެނީ !

ގއ. މާމެންދޫގައި ހިނގި މާރާމާރީއެއްގައި އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެއް ވަނީ ދުނިޔެ ދޫކޮށްފައެވެ. އަހުމަދު އުދައްޔުގެ މަރާ ގުޅިގެން އެ މައްސަލައިގަ ހައްޔަރު ކުރި އެންމެންގެ ބަންދުގެ މުއްދަތު ވަ...

11 Feb 2021 | 06:07

ގއ. މާމެންދޫގައި ހިނގި މާރާމާރީއެއްގައި އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެއް ވަނީ ދުނިޔެ ދޫކޮށްފައެވެ. އަހުމަދު އުދައްޔުގެ މަރާ ގުޅިގެން އެ މައްސަލައިގަ ހައްޔަރު ކުރި އެންމެންގެ ބަންދުގެ މުއްދަތު ވަނީ ޖަހާފައެވެ. އަދި އުދައްޔުގެ ހަށިގަނޑު ޕޯސްްޓްމޯޓަމް ހެދުމަށް މިހާރު ވަނީ މާލެ ގެނެސްފައެވެ. ފުލުހުން ބުނީ ރާއްޖެއިން ބޭރަށް އެ ކުއްޖާގެ ހަށިގަނޑު ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އުދައްޔު މަރާލަން ހަމަލާދިން މާރާމާރީ ހިންގީ މި މަހުގެ އަށް ވަނަ ދުވަހުގެ ރޭ 10:10 ހާއިރު އެވެ. އުދައްޔު މަރުވީ ލިބުނު ޒަހަމްތަކަށް ގއ. ވިލިނގިލީ އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެ ހާދިސާގައި އުދައްޔުގެ ބޭބެއަށްވެސް އަނިޔާވެފައިވެ އެވެ. އޭނާއަށް އަނިޔާވީ އުދައްޔުއަށް ހަމަލާދިން ވަގުތު އުދައްޔުގެ ރުއިމުގެ އަޑި އިވި، އުދައްޔު ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި އެވެ.

މި މައްސަލައިގަ ފުލުހުން މިހާތަނަށް ފަސް މީހަކު ހައްޔަރު ކޮށްފައިވެ އެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޔުނިޓުގެ ޓީމެއް މާލެއިން މާމެންދޫއަށް ވަނީ ގޮސްފައި އެވެ.

މި މައްސަލަ މިހާހިސާބަށް ގޮސްފައި ވީއިރުވެސް މަޖިލީހުގެ ތަޅުމުގައި މި ވާހަކަ ދެކެވޭތަނެއް ނުފެނެއެވެ. ދެން އޮތީ ފްލެޓްގެ ވާހަކައެވެ.

މީގެ އިތުރުން، ހިޔާ މަޝްހޫގެ ފްލެޓްތައް ވަނީ މި މަހުގެ ނުވަ ވަނަ ދުވަހު ގެޒެޓްގައި ޝާއިރުކުރެވިފައެވެ. ލިސްޓް އާއްމު ކުރުމާއެކު ގިނަ ބައެއްގެ ޝަކުވާ ތަކާއި އުދާސްތައް މީސް މީޑިޔާގައި ހިއްސާކުރަން ފެށިއެވެ. ދިރިއުޅޭ ދަތި ހާލު ބަޔާންކޮށްދީ، ފްލެޓް ނުލިބުނީ ކީއްވެތޯ ސުވާލު އުފައްދަން ފެށިއެވެ.

މި މައްސަލައިގައި ފްލެޓް ކޮމިޓީން ބުނެފައި ވަނީ، ފްލެޓް ހައްގުވި ނަމަވެސް އެ ފަރާތްތަކަށް ފްލެޓް ލިބިފައި ނުވަނީ، އެވަރަށް ފްލެޓް ނެތުމުން ކަމަށެވެ. އެގޮތުން، ޝަރުތު ހަމަވެ، ފްލެޓް ނުލިބި 14107 މީހުން ތިއްބެވެ.

6720 ފްލެޓަށް ކުރިމަތި ލާފައި 23000 އަށް ވުތެ ގިނަމީހުން ތިއްބެވެ. ފްލެޓް ކޮމިޓީގެ ރައީސް ޠާހާ މުޙައްމަދު ވިދާޅުވީ، އެކި ކެޓަގަރީތަކަށް ވަކި އަދަދަތަށް ފްލެޓް ކަނޑައަޅާފއި ވާއިރު، ޝަރުތު ހަމަވި ނަމަވެސް ފްލެޓް ލިބޭނީ ކޮންމެވެސް އެއް ބަޔަކަށް ކަމަށެވެ.

ކުޑަކުއްޖާގެ މަރާއި، ފްލެޓްތައް ދިނުމުގެ މައްސަލައިގައި އާއްމުން ކަންބޮޑުވުން ފާޅު ކުރި ނަމަވެސް، ރައްޔިތުންގެ މަޖިލީހުން މިކަންކަމުގައި ކަންބޮޑު ވާ ކަމާމެދު ސުވާލު އުފެދެއެވެ.

މި މަހު 8 ވަނަ ދުވަހު އޮތް، 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާ ގައި މަޖިލީހުގެ އިދާރާއަށް އެމްޑީޕީގެ ޗެއަރ ޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ގަރާރެއް ހުށަހެޅުއްވިއެވެ.

އޭގައި ބުނެފައިވާގޮތުގައި މި ގަރާރަކީ މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިއުޒިކް އަޑުއަހާލައި، އެކުވެރިންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނެފަދަ މަރުކަޒެއް ގާއިމްކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ގަރާރެއް ކަމަށެވެ.

މީސް މީޑިޔާގައި އާއްމުންގެ ގިނަ ފަރާތްތަކުން ބުންމުން ދަނީ، މިއަށްވުރެ މުހިއްމު ކަންކަން ޒުވާނުންނަށް އެބަހުރި ކަމަށެވެ. އެގޮތުން ރަނގަޅު ބޯހިޔާހަވި ކަމާއި ވަޒީފާގެ ފުރުސަތުތަކާއި މި ނޫންވެސް ޒުވާނުން ބޭނުންވާ ކަންކަން އެބަހުރި ކަމަށް ޒުވާނުން ފާހަގަ ކުރަމުން ދެއެވެ.

މި ހުރިހާ ކަމަކަށް ވުރެ ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއް އެބަ އޮތެވެ. ކުޑަކުއްޖާގެ މަރާއި ފްލެޓްގެ ވާހަކައިގައި މަޖިލީހުން ވަކާލާތު ކުރާ ތަނެއް ނުފެނެއެވެ. ކުޑަމިނުން ކުރީގެ ޓޫރިޒަމް މިނިސްޓަރު ރާއްޖެ ދޫކޮށް ފުރި ވާހަކައަށް އަލިއަޅުވާލާ ބައެއް މެމްބަރުން މަޖިލީހުގައި ވާހަކަ ދައްކާފައި ވެއެވެ. ނަމަވެސް ކުޑަކުއްޖާގެ މަރާއި، ފްލެޓްގެ ވާހަކަ މަޖިލީހުގައި ދައްކަން ނުކެރެނީ ކީއްވެ ބާވައެވެ.

ވޭތުވެދިޔަ ދެ ދުވަހެއްގައި މަޖިލިސް އިދާރާގައި އޮތީ، ހަސަން ލަތީފް ހުށަހެޅި ގަރާރާ ގުޅިގެން ފޯރިއާއެކު ބަހުސް ކުރަމުންދެއެވެ. ރާއްޖޭގައި ބޮޑެތި ކަންތައްތަކެއް ހިނގައިގެން އުޅޭކަން މަޖިލިސް މެމްބަރުންނަށް ނޭނގޭކަހަލައެވެ.

ކުޑަކުއްޖާގެ މަރުގެ މައްސަލަ އާއި، ޕްލެޓްގެ ވާހަކަ ދެކެވޭ ތަނެއް ނުފެނެއެވެ. އެކަމަށް އަލި އަޅުވާލާ ވާހަކަ ދައްކަން 'އިއްޒަތްތެރި މެމްބަރުންނަށް' ހަނދުމަފުޅު ނެތީ ކަމަށް ވެސް ވެދާނެއެވެ.

ކޮންމެއަކަސް، ކުޑަކުއްޖާގެ މަރުގެ ވާހަކަ އާއި ފްލެޓްތަކުގެ ވާހަކަ މަޖިލިސް ތަޅުމުގައި ކުރިއަށް ގެންދާތަނެއް ނުފެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް