ރާއްޖެއިން އެރިޓްރެއާ އާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފި

ދިވެހިރާއްޖެއިން އުތުރު އިރުމަތީ އެފްރިކާގެ ޤައުމެއްކަމަށްވާ އެރިޓްރެއާ އާއެކު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފިއެވެ. އެރިޓްރެއާއެކު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރުމާ ގުޅޭ ޖޮއިންޓް ކޮމިއުނިކޭގައި ސޮއިކު...

11 Feb 2021 | 04:15

ދިވެހިރާއްޖެއިން އުތުރު އިރުމަތީ އެފްރިކާގެ ޤައުމެއްކަމަށްވާ އެރިޓްރެއާ އާއެކު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފިއެވެ.

އެރިޓްރެއާއެކު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރުމާ ގުޅޭ ޖޮއިންޓް ކޮމިއުނިކޭގައި ސޮއިކުރުން އޮތީ އިއްޔެ، ނިއުޔޯކްގައި ހުންނަ ދިވެހިރާއްޖެއިން އދއަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖެއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެންއެވެ. އަދި އެރިޓްރެއާގެ ފަރާތުން ސޮއިކުރެއްވީ އެރިޓްރެއާގެ ފަރާތުން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ސޯފިއާ ޓެސްފަމަރިއަމް ޔޮހާނޭސް އެވެ.

ދިވެހިރާއްޖެއާއެކު އޮންނަ ގުޅުމަށް އިހްތިރާމް ކުރާ، އަދި އެގުޅުމުގެ އަގު ވަޒަންކުރާ ޤައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ ޚާރިޖީ ސިޔާސަތުގައި އިސްކަމެއް ދެއްވާ ކަމެކެވެ.

ރަތްކަނޑުގެ އައްސޭރީގައި އޮންނަ އެރިޓްރެއާ އަކީ އާބާދީގައި ގާތްގަނޑަކަށް 3.2 މިލިއަން މީހުން ހިމެނޭ، އަދި އިތިއޯޕިއާ، ސޫދާން، އަދި ޖިބޫތީ އާއެކު ސަރަހައްދީ އިން ހިއްސާކުރާ ޤައުމެކެވެ.

އެރިޓްރެއާއެކު ސިޔާސީ ގުޅުން ޤާއިމްކުރުމާއެކު ދިވެހިރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފައިވާ ޤައުމުތަކުގެ އަދަދަކީ 176 އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް