ފިލްމު "ކަހާނީ"ގެ ތްރިލާ "ބޮބް ބިސްވާސް" ރިލީޒް ކުރާ ދުވަސް ކައިރިވަނީ

ބޮލީވުޑްގައި ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ފިލްމު "ބޮބް ބިސްވާސް" މިއަހަރު ރިލީޒް ކުރާނެ ކަމަށް ބެލެވެން ފަށައިފި އެވެ. މި ފިލްމަކީ 2012 ވަނަ އަހަރު ރިލީޒް ކުރި “ކަހާނީ” އާއި ގުޅުން ހުރި އެ ފިލްމު...

11 Feb 2021 | 03:21

ބޮލީވުޑްގައި ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ފިލްމު "ބޮބް ބިސްވާސް" މިއަހަރު ރިލީޒް ކުރާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

މި ފިލްމަކީ 2012 ވަނަ އަހަރު ރިލީޒް ކުރި “ކަހާނީ” އާއި ގުޅުން ހުރި އެ ފިލްމުގެ ތްރިލާ އެކެވެ. ފިލްމު "ކަހާނީ" އަކީ ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގައި ވަރަށް މަޝްހޫރުވި ބޮލީވުޑް ފިލްމެކެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި ފިލްމުގެ ޝޫޓިން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ފަށައި ކޯވިޑާއި ގުޅިގެން މެދުކަނޑާލަން ޖެހުމުން އޮތީ ދިގުލައިގެން ގޮސްފައިވެ އެވެ. އެކަމަކު މިމަހުގެ ތެރޭގައި ފިލްމުގެ ޝޫޓިން ނިންމާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އަދި މި ފިލްމަށް އިންތިޒާރު ކުރަމުން އައި ގިނަ ބަޔަކަށް ވަނީ މި ފިލްމު މިއަހަރު ރިލީޒް ކުރާނެ ކަމުގެ އުފާވެރި ހަބަރު ޕްރޮޑަކްޝަން ޓީމްގެ ފަރާތުން ދީފައި އެވެ. އެ ޓީމްގެ މެމްބަރަކު މީޑިއާގައި ބުނެފައިވަނީ މިއަހަރު މެދުތެރޭގައި ސިނަމާތަކުގައި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެކަމަކު "ބޮބް ބިސްވާސް" ރިލީޒް ކުރާނެ ވަކި ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ.

އެ ފިލްމުގައި ފެނިގެންދާ ބޮބް ބިސްވާސް އަކީ ފިލްމު “ކަހާނީ” އިން ފެނިގެންދާ ފައިސާއަށް މީހުން މަރާ މީހާ އެވެ. އޭނާގެ ކެރެކްޓާ އަށް ވަކި ފިލްމެއް ހަދަން ނިންމީ ޑައިރެކްޓަރު ދިޔާ އަންނަޕޫނާ އެވެ.

އެ ކެރެކްޓާއިން ފެނިގެންދާނީ އަބީޝެކް ބައްޗަން އެވެ. ބޮބް ބިސްވާސް އާއި ސިފަ އެއްގޮތް ކުރުމަށް އަބީޝެކްގެ ބޮލުގައި އިސްތަށިގަނޑެއް ޖަހައި، ސިފައާއި ހަށިގަނޑާއި ހެދުން އެޅުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާތަން ފިލްމުން ފެނިގެންދާނެ އެވެ. އަބީޝެކަށް ގެނެސްފައިވާ ބަދަލުން މީގެ ކުރިން ފިލްމުގެ ޝޫޓިން ކުރިޔަށް ދަނިކޮށް ފޮޓޯނަގަން މަސައްކަތް ކުރި ޕަޕަރާޒީންނަށް އޭނާ އޮޅިފައިވެ އެވެ.

ޕަޕަރާޒީން ނެގި އެ ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބި ފިލްމަށް ގިނަ ބައެއްގެ ޝައުގުވެރިކަން އިތުރަށް ބޮޑުވި އެވެ.

މި ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ޝާރުކް ހާން މަސައްކަތް ކުރެ އެވެ.

ފިލްމުގައި އަބީޝެކް އާއި އެކު ލީޑް ރޯލުން ފެނިގެންދާ އަންހެން ބަތަލާއަކީ ޗިތްރަންގަދާ ސިންގް އެވެ. މީގެ އިތުރުން ފިލްމު "ކަހާނީ" ގެ ލީޑްރޯލުން ފެނިގެންދިޔަ ވިދްޔާ ބާލަން މި ފިލްމުގައިވެސް ފެނިގެންދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް