ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އަންނަ މަހުގެ ފަހުކޮޅު ބަންގްލަދޭޝް އަށް ވަޑައިގަންނާވާނެކަމުގައި އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓްކޮށްފިއެވެ.
އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ރައީސް ސޯލިހް އެ ގައުމަށް ޒިޔާރަތް ކުރައްވަނީ އެ ގައުމުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެލެއްވުމަށެވެ.
ބަންގްލަދޭޝްގެ މިނިވަންދުވަހަކީ 26 މާރިޗް 1971 އެވެ. މި އަހަރު ފުރޭނީ މިނިވަންކަމަށް 50 އަހަރެވެ. މިއަހަރު އެ ގައުމުން ފާހަގަކުރާނީ މިނިވަންކަމުގެ ރަން ޔޫބީލެވެ.
ބަންގްލަދޭޝް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ރައީސް ސޯލިހް ބަންގްލަދޭޝް އަށް ވަޑައިގަންނަވާނެ ކަމުގެ ހަބަރު އެ ގައުމުގެ ރައީސް އަބްދުލް ހާމިދަށް ދެއްވީ ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ. މި ހަބަރު ދެއްވީ މިހާރު އަބްދުﷲ ޝާހިދު އެ ގައުމަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި އިއްޔެ އެ ގައުމުގެ ރައީސްގެ އަރިހަށް ކުރެއްވި ޒިޔާރަތުގައި ކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް