ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވީހާވެސް ގިނަ ރިސޯޓުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އީސީން ކުރިން ކަނޑައަަޅާފަވާ ގޮތުން މި އިންތިހާބުގައި ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓާނީ މަދުވެގެން 50 މީހުން ވޯޓުލާން ރެޖިސްޓްރީ ކޮށްފައިވާ ރިސޯޓުތަކުގައި އެވެ. އެ އަދަދު ހަމަވެގެން މިދިޔަ އަހަރު ބާއްވަން މަސައްކަތް ކުރި ކައުންސިލް އިންތިހާބު ގައި ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައި އޮތީ 24 ރިސޯޓެއްގައި އެވެ.
ކައުންސިލް އިންތިހާބަށް އާ ތާރީހެއް އިއުލާނުކޮށްފައިވާއިރު ވޯޓުލާ ތަން ބަދަލު ކުރުމުގެ ފުރުސަތު އަލުން އީސީން ހުޅުވާލާނެ އެވެ. އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިނާއީ އެއްގޮތަށް މި އިންތިހާބު ކުރިޔަށް ގެންދަން ޖެހޭއިރު ރިސޯޓުތަކުގެ މުވައްޒަފުން އެހެން ރަށްރަށަށް ވޯޓު ލާން ނުދޭވެ ކަމަށް އޮތީ ކަނޑައަޅާފައި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިންގައި މިގޮތަށް އޮތުމުން ވީހާވެސް ގިނަ ރިސޯޓުތަކުގައި ވޯޓު ފޮށި ބެހެއްޓޭތޯ މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން ވޯޓު ފޮށި ބަހައްޓަން ބޭނުންވާ ހުރިހާ ރިސޯޓެއްގައި ފޮށި ބެހެއްޓޭތޯ ބަލާނެ ކަމަށް ވިދާޅުވި އެެވެ.
ޝަރީފުވެސް ވަނީ އެޗްޕީއޭގެ ގައިޑްލައިން އޮތް ގޮތުން މިފަހަރު ރިސޯޓު މުވައްޒަފުން ކައިރި ރަށްރަށަށް ވޯޓުލާން ދިޔުމުގެ ހުއްދަ ނުދެވޭނެ ކަމަށް ވިދާޅުވެފައި އެވެ.
https://twitter.com/ShareefRangondi/status/1359551255933145089
އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ވޯޓުލުން ކުރިޔަށް ގެންދިޔުމަކީ ވަރަށް އުނދަގޫ އަދި ބުރަ ބޮޑު މަސައްކަތެއް ކަމަށް ބުނެ އީސީން ވަނީ ޝަކުވާ ކޮށްފައި އެވެ. އަދި އެކަން ރައްޔިތުންގެ މަޖިލީހާއިވެސް ވަނީ ހިއްސާކޮށްފައި އެވެ.
ޝަރީފު ވިދާޅުވީ މިހާރު އިންތިހާބު ބާއްވަން ޖެހޭގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަށް 8،000 އަށްވުރެ ގިނަ އޮފިޝަލުން ބޭނުންވާ ކަމަށެވެ. ގައިޑްލައިނާ އެއްގޮތަށް އިންތިހާބު ކުރިޔަށް ގެންދާއިރު ކޯވިޑްގެ އެއްވެސް އަލާމާތެއް ހުރި އޮފިޝަލަކަށް މަސައްކަތެއް ނުކުރެވޭނެ އެވެ.
ކައުންސިލް އިންތިހާާބު ބޭއްވުމަށް ތާވަލު ކޮށްފައިވަނީ އޭޕްރިލް 10 ވަނަ ދުވަހު އެވެ. އީސީން މިހާރު ވަނީ ވޯޓާސް ރެޖިސްޓްރީ އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް