ފަތުރުވެރިކަމާބެހޭ ކުރީގެ ވަޒީރު އަލީ ވަހީދުގެ މައްޗަށް ކޮށްފައިވަނީ ވަރަށް ސީރިއަސް ތުހުމަތު ތަކެކެވެ. އުފުލާފައިވަނީ އާދައިގެ ދައުވާތަކެއް ނޫނެވެ.
ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ، ރޭޕް ކުރަން އުޅުނމުގެ ކުށުގެ ދައުވާ، ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ، ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ، ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ، ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ ހިމެނޭހެން މި ހަތް ދައުވާ ކޮށްފައިވަނިކޮށް، މިކަމުގައި އަދި ގޮތެއް ނިމިފައިނުވަނީސް އަލީ ވަހީދު ބޭރަށް ފުރައިގެން ދިއުން ވެގެންދިޔައީ ގިނަ ބަޔަކަށް ކުއްލި ސިހުމަކަށެވެ. ހާއްސަކޮށް އެ ފުރައްސާރަ ލިބުނު ފަރާތްތަކަށް ހަމަގައިމުވެސް މިކަން ވެގެންދާނީ އުންމީދު ކުރި އިންސާފު ދެން ނުލިބޭނެކަމުގެ ހިތާމަވެރި ހަބަރަކަށެވެ.
އަލީ ވަހީދު ފުރައިފިކަން އެނގިގެން ދިޔައީ ފުރައިގެން ދިޔަ ފަހުންނެވެ. ފުރީ ކީއްވެކަމާ ފުރުން މަނާކޮށްފައި އޮތް އޮތުން ބާތިލުކޮށް ޕާސްޕޯޓުވެސް ދޫކުރީ ކީއްވެކަން އެނގިގެންދިޔައީ އަދި މާ ފަހުންނެވެ. ސަރުކާރަށްވެސް މިކަން އެނގުނު ކަމަށްވީ ހަބަރުން ފެނިގެން ކަމަށްވެއެވެ.
ކޮންމެއަކަސް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ނާޗަރަންގީގެ ވާހަކަ ދެކެވެމުންދާ މި ދަނޑިވަޅުގައި މުޅި ގައުމު މަޑު މިއުޒިކެއްގައި އޮއްވާ އަލީ ވަހީދު ފުރައިގެން އެ ދިޔައީ އޭނާއަށް ކުރިންވެސް ސިޔާސީ ހިމާޔަތް ދީފައި އޮތް ގައުމެއް ކަމުގައިވާ އިނގިރޭސިވިލާތަށެވެ.
ބުނެވޭގޮތުގައި ފުރައިގެން އެ ދިޔައީ ބޭސް ފަރުވާއަކަށެވެ. ޑަކުޓަރަކު ދިން މައުލޫމާތަކަށް ރިއާޔަތްކޮށް ފުރުމުގެ ހުއްދަ ދީފައި އެއޮތީ ރާއްޖެއިން އަލީ ވަހީދުގެ ބަލި ހާލަތަށް ފަރުވާ ދެވެން ނުވެސް ނެތްކަމަށް ބުނުމުންނެވެ.
ހަމަގައިމުވެސް މިހާތަނަށް މިކަމުގައި ފެންމަތިވި ބައެއް ކަންކަމަށް ބަލާއިރު މިކަމުގައި ގޯހުން ގޯހަށް ކަންތައްތަކެއް ހިނގާފައިވާކަން އެބަ އެނގެއެވެ. ފުރަތަމަ ބުނެފައިވަނީ އަލީ ފުރުން މަނާކޮށްފައި އޮތް އޮތުން ކްރިމިނަލް ކޯޓުން ބާތިލުކުރީ ދައުލަތުން އެދިގެން ކަމަށެވެ. ނަމަވެސް ފަހުން ކްރިމިނަލް ކޯޓުން ބުނެފައިވަނީ އަމުރުގައި ޕީޖީގެ ނަން ޖެހުނީ އޮޅިގެން ކަމަށެވެ.
އޮޅިގެން އެވަރުގެ ކަމެއް ވެދާނެއެވެ. ނަމަވެސް މި ގައުމަށް މިއަދު މި ދެވުނީ ކޮންފަދަ މެސެޖެއް ތޯ؟ އެވެ. އެފަދަ ބޮޑެތި ތުހުމަތު ތަކެއް ކުރެވިފައިވަނިކޮށް ފިލައިގެން ދާން ފުރުސަތު ދިނުމީ، ޖިންސީ ފުރައްސާރައިގެ ކުށް ރިޕޯޓްކުރަން ބޭނުންވެފައިތިބި ފަރާތްތަކުގެ އަނގަމަތީގައި ޓޭޕު އަޅާ ދެ އަތް ފުރަގަށް ބަނދެލުމެއް ނޫންތޯ؟ އެވެ. އަދި ޖިންސީ ފުރައްސާރަ ކުރާ ފަރާތްތަކަށް ދެވުނު އިތުރު ހިތްވަރެއް ނޫންތޯ؟ އެވެ.
އަލީ ވަހީދު ފުރައިގެން ދިޔަތާ 24 ގަޑިއިރު މިހާރު 24 ގަޑިއިރު ވެފައިވާއިރު އޭނާގެ އެއްވެސް ހަބަރެއް އަދި މިހާތަނަށް ވެފައެއް ނެތެވެ. އެންމެފަހުން އަލީ ވަހީދު ޓްވީޓެއް ކޮށްފައި އޮތީ މިދިޔަ އަހަރުގެ ޖުލައި މަހުގެ އަށްވަނަ ދުވަހުގައެވެ. ގައުމަށް އަލީ އެދުވަހު ދީފައިވާ މެސެޖަކީ "މި ދުވަސްވެސް ހިނގައިދާނެ" ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް