ރޭގެ އިރާކޮޅުގެ ވަގުތެއްގައި އދ. އޮމަދޫގައި ހިންގި މާރާމާރީއެއްގައި އުމުރުން 12 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް ގިނަ އަނިޔާތަކެއް ލިބިފައިވާއިރު އެ އަނިޔާ ލިބުނު ކުއްޖާގެ ގައިގާ ތަޅައިގަތީ ނަމާދަށް ދާން ނިކުމެ ހުއްޓާ ގަދަކަމުން ގެންގޮސް ކަމުގައި ދުވަހަށް މައުލޫމާތު ލިބިއްޖެއެވެ.
ދުވަހަށް މައުލޫމާތުދެމުން އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ ކުއްޖާ ގައިގާ ތަޅައިގަތީ ނަމާދަށް ދާން ނިކުމެ ހުއްޓާ ގަދަކަމުން ކަހަލަ ގޮތަކަށް ރަށުގެ ބޯޅަ ދަނޑުގެ މީހުން ނޫޅޭ ސަރަހައްދަކަށް ގެންގޮސް ކަމަށެވެ. އަދި އެ ކުއްޖާ ސަލާމަތްވީ ރަށުގެ ތިން އަންހެނަކަށް އެ މަންޒަރު ފެނިގެން ގޮސް ހުއްޓުވުމުން ކަމަށެވެ.
ދުވަހަށް މައުލޫމާތު ދެމުން އަނިޔާ ލިބުނު ކުއްޖާގެ ބައްޕަ، މުހައްމަދު ޝިޔާމް ބުނީ އެ ކުއްޖާއަކީ ވަރަށް މަޑުން ހުންނަ ކުއްޖެއް ކަމަށާއި ކުއްޖާގެ ގައިގާ ތަޅައިގަތީ ކުއްޖާއަށް ވުރެ ހަގު ތިން ކުއްޖަކު ކަމަށެވެ.
"ވަރަށް ދެރަކޮށް ދާ ކަންކަން މިއީ، އެ ތިން ކުދިންގެ މަންމަ މި ބުނަނީ އެ ކުދިން ނުޖަހާނޭ، ނަމަވެސް އެ އަނިޔާ ލިބެމުންދަނިކޮށް ހުއްޓުވި ތިން މީހުންނަށް އެނގޭނެ ދެއްތޯ އަނިޔާ ކުރީ ކޮންބައެއްކަން" ދުވަހަށް މައުލޫމާތުދެމުން ކުއްޖާގެ ބައްޕަ ބުންޏެވެ.
ކުއްޖާގެ ބައްޕަ ބުނީ އެ ކުއްޖާ ގައިގާ ތަޅައިގަތީ އާއިލާގެ އެހެން ކުއްޖަކާ، އަނެއް ތިން ކުދިން ކުރެ ކުއްޖަކާ ސްކޫލުން ޖެހުނު މައްސަލައެއްގައި ކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ.
"ކުއްޖާގެ ހާލު އަލްހަމްދުލިﷲ މިހާރު ރަނގަޅު، ބޮލަށް އަދި ބަނޑަށް ލިބިފަހުރި ގެއްލުން ރަށުން ނޭނގޭތީ މާލެ އަށްދާން ރަށުން އެދުނީ" ދުވަހަށް މައުލޫމާތުދެމުން ކުއްޖާގެ ބައްޕަ ބުންޏެވެ.
ދުވަހަށް ރަށުން މައުލޫމާތުދިން މީހާ ބުނީ، ކުއްޖާ ކުޅެން އުޅެނިކޮށް މަންމަގެ އެދުމުގެ މަތިން ނަމާދަށް ދާން ގެއަށްގޮސް ފެންވަރައިގެން ނިކުމެ ބަންގި ނުގޮވާތީ ދޮރުމަތީގައި ހުއްޓާ ތިން ކުދިން އައިސް ވަށާލާ ދިމާކޮށްލީ ކަމަށެވެ. އަދި ކުއްޖާ ދުވަމުންގޮސް ދަނޑު ސަރަހައްދަށް ދިޔައީ ކަމަށެވެ. އެއީ ގެއާ ދުރުނޫން ހިސާބެއް ކަމަށެވެ. ނަމަވެސް އެ ކުއްޖާ ހަޅޭއް ލަވާފާނެތީ އެހިސާބުން އަނގަމަތީ އަތް އަޅާ، ދަނޑުގެ އެއް ފަރާތުން ބިއްދޮށަށް (މީހުން ނޫޅޭ ސަރަހައްދަށް) ގެންގޮސް ދަނޑިބުރިއާއި އެފަދަ ތަކެތިން ތެޅީ ކަމަށާއި، އެ ކުދިން އެތަނުން ދިޔައީ ރަށުގެ ތިން އަންހެނަކަށް އެތަނަށް ދެވި އެ ކުދިން ދުރުކުރުމުން ކަމުގައިވެސް ދުވަހަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.
ކުއްޖާގެ ބައްޕަ އިތުރަށް ބުނީ އެ ކުދިން އެކަން ކުރުމުން، ދިފާއުގައި މައިންބަފައިން ނިކުތުން ވަރަށް ގޯސް ކަމަށާއި އެ ދެވެނީ ވަރަށް ގޯސް މެސެޖެއް ކަމަށެވެ. އެހެންކަމަށް ވާނަމަ ދެން ކުރާނީ އެއަށްވުރެ ގޯސް އަމަލެއް ކަމަށެވެ. މީގެ ކުރިން އެ ކުއްޖާ ދަނޑުގައި ކުޅެން އުޅެނިކޮށް މި ތިން ކުދިން ގޮސް ކުއްޖާގެ އަންނައުނު ބޭލިކަންވެސް މިހާރު އެނގިފައިވާކަމަށް ކުއްޖާގެ ބައްޕަ ބުނެފައިވެއެވެ.
އަނިޔާ ލިބުނު ކުއްޖާގެ މަންމައާއި ބައްޕަ މިވަގުތު ތިބީ ކުއްޖާއާއެކު އައިޖީއެމް ހޮސްޕިޓަލުގައެވެ. މި މައްސަލައިގާ ރޭގެ ވަގުތެއްގައި ފުލުހުން ބުނެފައިވަނީ އިއްޔެ 18:10 ހާއިރު އެރަށު ދަނޑުމަތީގައި ކުޅެން އުޅުނު ކުދިބައެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި 18 އަހަރުން ދަށުގެ ކުއްޖަކަށް އަނިޔާވެގެން މާލެ ގެނެސްފައިވާ ކަމަށެވެ.
އެހެންނަމަވެސް އަނިޔާކުރިކަމަށް ބުނާ ކުއްޖާގެ އާއިލާގެ ވާހަކަ ތަފާތެވެ. އެ ފަރާތު އާއިލާއިން ބުނެފައިވަނީ ނޫހަށް ދީފައިއެވާ މައުލޫމާތަކީ ރަނގަޅު މައުލޫމާތެއް ނޫންކަމަށެވެ.
"އަޅުގަނޑުމެން ނުބުނަން ކޮއްކޮ ނުޖަހާނެއެކޭ، ނުކުރާނެއެކޭ، ކޮށްވެސް ފާނެ އެހެންނަމަވެސް ގޯސްކޮށް މައުލޫމާތު ދީފަ އެއޮތީ" އަނެއް އާއިލާއިން މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ.
ޖެހިކަމަށް ބުނާ ކުއްޖާގެ ފަރާތުން މައުލޫމާތު ހިއްސާކުރި އާއިލާގެ މެންބަރު ބުނީ އެ ކުއްޖާ ދިޔައީ ލޮލީ ގަންނަން ކަމަށާއި ހުއްޓާ އަނިޔާވިކަމަށް ބުނާ ކުއްޖާގެ ބައިސްކަލުގެ ފުރޮޅުން ކޮއްކޮގެ ފަޔަށް އެރުނީމާ ފުރަތަމަ ކޮއްޕާލީ ކަމަށެވެ. ދެން ދަނޑުގައި ތިބި ބަޔަކު އައިސް އަނިޔާކުރިކަމަށް ބުނާ ކުއްޖާގެ ގައިގާ ހިފަހައްޓާ ތަޅާށޭ ބުނި ކަމަށާއި ދެން އަނިޔާކުރިކަމަށް ބުނި ކުއްޖާ ދަނޑިބުރިއަކުން ޖެހީ ކަމަށެވެ. ޖެހީކީ ބޮލުގައިވެސް ނޫންކަމަށެވެ.
________________________________
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް