ކެހި ދީފައި ދިޔަ ލޯބިވެރިޔާ ރަނގަޅުވެދާނެ ކަމަށް އުއްމީދުނުކުރާތި!

ދެމީހަކު ލޯބީގެ ގޮތުން ގުޅެނީ ވަރަށް ފޮނި ބޮޑެތި އުންމީދުތަކަކާއި އެކުގައެވެ. ފޮނި ހުވަފެންތަކާއި އެކުގައެވެ. ނަމަވެސް ބައެއް ފަހަރު މި އުންމީދުތައް ހީވެސްނުކުރާފަދަ ގޮތަކަށް ފުނޑުފުނޑުވެދެއެވެ. ދެކެމ...

11 Jan 2021 | 16:46

ދެމީހަކު ލޯބީގެ ގޮތުން ގުޅެނީ ވަރަށް ފޮނި ބޮޑެތި އުންމީދުތަކަކާއި އެކުގައެވެ. ފޮނި ހުވަފެންތަކާއި އެކުގައެވެ. ނަމަވެސް ބައެއް ފަހަރު މި އުންމީދުތައް ހީވެސްނުކުރާފަދަ ގޮތަކަށް ފުނޑުފުނޑުވެދެއެވެ. ދެކެމުން އައި ފޮނި ހުވޗަފެންތައް ބިރުވެރި ނާމާން ހުވަފެންތަކަކަށް ވެދެއެވެ.

ލޯބީގެ ދަޅަދައްކަމުން އައި އުންމީދުން ފުރުގެންވާ ހުވަފެންތަކެއް ދައްކަމުން އައި ލޯބިވެރިޔާ ކެހީދީފައި ދިޔައީއެވެ. ހިތް ހަލާކު ކޮށް ޒަޚަމްކޮށްލާފައި ދިޔައީއެވެ.

މިފަދަ ހާލަތަކަށް ކަންތައް ދިޔައީމާ ދެން ވިސްނުން ބަދަލުކޮށްލަން ޖެހެއެވެ. އެއީ ކެހިދީފައި ދިޔަ ލޯބިވެރިޔާ އެނބުރި އަންނާނެ ކަމަށް އުންމީދުކުރާ މީހުން އެ ވިސްނުން ބަދަލުކޮށްލަން ވީއެވެ. ކެހި ދީފައި ދިޔަ ލޯބިވެރިޔާ ރަނގަޅުވެދާނެ ކަމަށް އުއްމީދުކުރެވުނު ނަމަވެސް އެއީ ގިނަ ފަހަރު ނުވާނޭ ކަމެކެވެ. އެފަދަ މީހުން ދެވަނަ ފަހަރައްވެސް ކެހިދޭނެއެވެ.

ލޯބިވެރިޔާގެ ހަނދާންތަކުން ސަލާމަތްވުމަށް ކުރާ މަސައްކަތުގައި ކުރިއެރުމެއް ނުލިބި ހިތާމައިގެ ބަނަކަމުގެ ތެރޭގައި ތިމާ ތާށިކޮށްލާ އެންމެ ނުބައި ފިކުރަކީ ދެ މީހުންގެ މައްސަލަ ހައްލުވެ ދެ މީހުން އަލުން އެކުގައި އުޅޭނެ ކަމަށް ގަބޫލުކުރުމެވެ. ފުނޑުފުނޑުވެފައިވާ ހަޔާތް އަލުން އޭގެ އަސްލު ސިފައަށް ބަދަލުވެދާނެ ކަމަށް ގަބޫލުކޮށްގެން ހުންނަ މީހާގެ ހަޔާތް ދުވަހަކު ވެސް އެ ހިސާބުން ކުރިއަކަށް ނުދާނެ އެވެ. ލޯބިން އެކުގައި އުޅުނު ދެ މީހަކު ރުޅިވުމަށް ފަހު އަލުން ގުޅޭނެ ކަމުގެ އުއްމީދުގައި ވަގުތު ނަގާނުލާށެވެ. އެއީ އަމިއްލަ ނަފުސަށް ވެވޭ ހިޔާނާތެކެވެ. އަނިޔާއެވެ.

ބޭވަފާތެރި ކެހިވެރިޔާގެ އަވައިގައި ދެވަނަ ފަހަރަށް ޖެހުމުގެ ބަދަލުގައި ތިމާއާ ރަނގަޅަށް ޓިއުނުދިމާވާ މީހަކު ހޯދުމަކީ އަނެއް މުހިންމު ކަމެވެ. ލޯބިވެރިޔާ ކެހިދީފައި ދިއުމުން އެކަމާ ހިތާމަކުރުމުގެ ބަދަލުގައި ރައްޓެހިންނާ އެކު ބޭރަށް ނުކުމެ އުފާވެރިކަމުގައި ވަގުތު ގުނޭތޯ ބަލާށެވެ. އިސާހިތަކު ޝައުގުވެރިވާ ފަދަ ބައިވެރިޔަކާ ވެސް ދިމާވެދާނެ އެވެ. ތިމާގެ ހިޔާލުތަކާ ފުށުނާރާ ބައިވެރިޔަކު ހޯދުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ.

މިސާލަކަށް ހިޔާލާއި ފިކުރުގެ ގޮތުން ދިމާ އިދިކޮޅު މީހަކު ހަޔާތަށް ގެނެވިއްޖެ ނަމަ އޭގެން ނުކުންނާނެ ނަތީޖާ ވަރަށް ވެސް ހިތިވާނެ އެވެ. ފަހަރެއްގައި އެންމެފަހުން ރައްޓެހިވެގެން އުޅުނު ކުއްޖާ ވެސް ދޫކޮށްލަން ޖެހުނީ އެކަހަލަ ކަމެއްގައި ކަމަށް ވެސް ވެދާނެ އެވެ. ހިޔާލު ދިމާނުވާ ބައިވެރިޔަކު ހަޔާތުގައި ހުރުމަކީ ވަރަށް ވެސް ނުރައްކާތެރި ކަމެކެވެ. ތިމާ އަޑުއަހާ މިއުޒިކާއި އެކުގައި އުޅޭ ރައްޓެހިން އަދި އާންމު ބަހުރުވަ ކަމުނުދާ ބައިވެރިޔަކާ އެކު ދިރިއުޅުމެއް ފައްކާކުރާނެ ގޮތެއް އޮންނާނެ ހެއްޔެވެ. އޭރުން ތިބެން ޖެހޭނީ އަބަދުވެސް ދެ ބަސް ވުމެއްގެ ތެރޭގަ އެވެ.

އެހެން ކަމުން ދެވަނަ ފަހަރަށް ލޯބިވެރިޔަކު ހޯދާއިރު މިއީ ވަރަށް ވިސްނަން ޖެހޭ ކަމެކެވެ. މިކަމާއި ފުންކޮށް ވިސްނާލާށެވެ.

ތިމަންނަ އެކަނިވީ ކަމަށް ހީނުކުރާށެވެ. އަދި މިހާރު ރައްޓެހިވެގެން ތިޔަ އުޅޭ ކަޓު ބިޓު ކަޓައިގެން ވެސް އެކަނިވެރިވެދާނެ ކަމަށް ގަބޫލުނުކުރާށެވެ. އެހެން ވެދާނެ ކަމަށް ހީކޮށް ނުބައި ބައިވެރިޔަކާ އެކު ހަޔާތް ބަރުބާދު ކުރުމުގެ ވަކި ބޭނުމެއް އެބައޮތް ހެއްޔެވެ؟ މިއީ ބައެއް މީހުންނަށް ވާ ގޮތެވެ. ގިނަ މީހުންނަށް ވިސްނިފައި އޮންނަނީ އެކުގައި އުޅޭ ބައިވެރިޔާ އަކީ ކިތަންމެ ގޯސް ހޮވުމެއް ކަމަށް ވިޔަސް ދެން އޭނާ އަށް ވުރެ ރަނގަޅު ހޮވުމެއް ނުހޮވޭނެ ކަމަށެވެ. މިއީ ވަރަށް ނުބައި ވިސްނުމެކެވެ. މި ވިސްނުން ދޫކޮށްލަން ޖެހެއެވެ.

އަދި އެފަދަ ކެހިވެރިޔެއްގެ ބަދަލު އެއަށް ވުރެ ރަނގަޅު ލޯބިވެރިޔަކު ހޯދަން މަސައްކަތްކުރަން އެބަޖެހެ އެވެ. އެހެންވީމަ، ނުބައި ބައިވެރިޔެއް އިހްތިޔާރުކޮށްގެން އުއްމީދު ގެއްލިފައި ހުރުމަކީ އަމިއްލަ ނަފުސަށް ދެވޭ ވަރަށް ވެސް ބޮޑު އަނިޔާއެކެވެ. ވިސްނާ ފިކުރު ކުރާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް