ޖީހާންގެ ފިރިކަލުން ޝާންއަށް ސަފާރީ ޖިންސީ ގޯނާ މައްސަލައިގަ ދައުވާކޮށްފި

ހުޅުމާލޭ ފަޅު ތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގަ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހަމޫދުގެ ފިރިކަލުންގެ މައްޗަށް ދައުވ...

11 Jan 2021 | 10:39

ހުޅުމާލޭ ފަޅު ތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގަ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހަމޫދުގެ ފިރިކަލުންގެ މައްޗަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ޕީޖީ އޮފީހުން މިއަދު މީޑިއާގައި ބުނީ ޖީހާންގެ ފިރިކަލުން ލ. ގަން، ތުނޑި، ނޫރަންގެ، އަބްދުﷲ ޝާންގެ މައްޗަށް ދައުވާ ކުރީ ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ކަމަށެވެ. މި މައްސަލައިގަ ޝާންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި އެވެ.

މިމައްސަލައިގަ އޭނާގެ މައްޗަށް ތިން ދައުވާއެއް ދައުުލަތުން އުފުލާފައިވެ އެވެ. އެއީ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ، އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާ އަދި ގައިގާ އަތްލުމުގެ ކުށުގެ ދައުވާ އެވެ.

ޕީޖީ އޮފީހުން ބުނީ ޝާންގެ މައްޗަށް ދައުވާ ކުރަން ފޮނުވީ މިމަހުގެ ހަ ވަނަ ދުވަހު އެވެ. މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ހިނގި މި ހާދިސާގައި ހިމެނޭ މީހުންނަށް ދައުވާ ކުރަން ފޮނުވާފައި މިވަނީ ނުވަ މަސް ފަހުންނެވެ.

ޝާން އާއި އެކު އެ މައްސަލައިގަ ދެން ހިމެނޭ ދެ މީހުންނަކީވެސް ސަރުކާރުގައި ހިމެނޭ ނުފޫޒުގަދަ ބޭފުޅުންތަކެއްގެ އާއިލާ މެމްބަރުން ކަމަށްވެ އެވެ. ސަފާރީ ޖިންސީ ގޯނާ މައްސަލައަކީ ޝާމިލްވިކަމަށް ތުހުމަތު ކުރެވުނު މީހުންގެ ސަބަބުން ވަރަށް ބޮޑަށް ގައުމު ހިލުވާލި މައްސަލައެކެވެ. ހަމައެއާއި އެކު ވަރަށް އަވަހަށް ވާހަކަދެއްކުން ހުއްޓުނު މައްސަލަ އެކެވެ.

އެ މައްސަލައިގަ ފުރަތަމަ އަަަޑު ފެތުރުނީ އެމީހުން އެ އަންހެން މީހާ ރޭޕް ކުރި ކަމަށް ބުނެ އެވެ. އެކަމަކު ފަހުން އެ އަންހެން މީހާ ވަނީ އޭނާ ރޭޕް ކުރީ ނޫންކަމަށާއި އެމީހުން މަސައްކަތް ކުރީ އޭނާ ގައިގަ ނުރުހުމުގައި އަތްލަން ކަމަށް ބުނެފައި އެވެ.

އެ އަންހެން މީހާ ފަހުން ވަނީ ރާއްޖެއިން ފުރައިގެން ގޮސްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް