ޕީޕީއެމް އިން އަނެއްކާވެސް ސުލްހަވެރި އިހުތިޖާޖެއް ފަށައިފި އެވެ.
ޖެންޑަރ މިނިސްޓްރީ ހުންނަ ސަރަހައްދުގައި ކުރަމުންދާ މި އިހުތިޖާޖުގައި ބައިވެރިން ތިބީ އެކި ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެންނެވެ.
އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިއީ މިދިޔަ އޮކްޓޫބަރު 19 ވަނަ ދުވަހު ޖެންޑަރ މިނިސްޓަރާއި ބައްދަލުކުރުމަށް އެދި ފޮނުވި ސިޓީއަށް ޖަވާބު ނުލިބޭތީ އާއި ރޭޕް އާއި ޖިންސީ ފުރައްސާރައިގެ މައްސަލަތަކަށް އިންސާފު ހޯދުމަށް ގޮވާލައި ކުރިއަށްގެންދާ ސުލްހަވެރި އިހުތިޖާޖެއް ކަމަށެވެ.
މި އިހިތިޖާޖުގައި މިހައިތަނަށް 5 މީހުން ހައްޔަރުކޮށްފައިވާ ކަަމަށް ވެސް ހީނާ ވިދާޅުވި އެވެ.
މި މައްސަލައިގައި އިދިކޮޅުން އިހުތިޖާޖު ކުރަމުންދާއިރު މިދިޔަ އަހަރުގެ ޖޫން މަހު ހުޅުމާލެ ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ އާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޕްރޮގްރާމެއްގައި ދެއްކި ވާހަކަތަކަކާ ގުޅިގެން އޭނާ އަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.
އެގޮތުން އެ ޕްރޮގްރާމުގައި އިމްރާން ވަނީ އެ ހާދިސާ އަކީ "އާންމު ޕަބްލިކް ތަނެއްގައިވެސް ހުރެފައިވެސް ބަޔެއްގެ ތެރޭގައި ހުރެފައިވެސް މީހަކަށް ކޮށްލެވިދާނެ ވަރުގެ ކަމެއް" ކަމަށް ވިދާޅުވެފައެވެ. އަދި އެއީ "ކުރީމަ ކަމެއް ކުރިކަންވެސް ނެނގޭ ވަރުގެ ކަމެއް" ކަމަށްވެސް އިމްރާން ވިދާޅުވެފައެވެ.
އެ ވާހަކަތަކާ ގުޅިގެން އިމްރާނަށް ފާޑުކިޔުން އަމާޒުވިއިރު އިދިކޮޅުން ވަނީ އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް މަޖިލީހަށް ވައްދާފައެވެ. ނަމަވެސް އެ މައްސަލައިން އިމްރާން ވަނީ ސަލާމަތްވެ ވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް