އައްޑޫ ސިޓީގައި ހިންގާ ފްލައިން ސްކޫލް 35،000 ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.
އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން ހިންގާ މި ސްކޫލް ޖޫރިމަނާ ކުރީ މަދަނީ ދަފްތަރުގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނާއި ހިލާފުވާ ފަރާތްތައް އެއް ލައްކަ ރުފިޔާއަށް ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ.
ފްލައިން ސްކޫލް ޖޫރިމަނާ ކޮށްފައި ވަނީ ގިނަ ކަންތައްތަކެއް އިސްލާހު ކުރަން އަންގާފައި ވީނަމަވެސް އެކަންކަން އިސްލާހު ނުކުރާ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ. ސިވިލް އޭވިއޭޝަން އޮތޯރިޓީން ފްލައިން ސްކޫލަށް އިސްލާޙު ކުރަން އެންގި ކަންކަމުގެ ތެރޭގައި އެތަނުން ވަކި ކުރާނެ ކަމުގެ ނޯޓިސް ދީފައިވާ ކުދިންގެ ނޯތިސްތައް ބާތިލް ކުރަން އެންގުން ހިމެނެ އެވެ.
އަދި ޑޮލަރުން އެކަނި ފީ ނުނެގޭނެ ކަމަށް އެންގި އެވެ. މީގެ އިތުރުން ދަރިވަރުން ތަމްރީން ހެދުމަށް ބޭނުން ކުރާ މަތިންދާބޯޓުތަކުގެ ތެރެއިން ގިނަ ބޯޓުތައް ހަލާކުވެފައި ހުރި މައްސަލައަށްވެސް ހައްލު ގެންނަން ސިވިލް އޭވިއޭޝަން އޮތޯރިޓީން އެންގި އެވެ.
ފްލައިން ސްކޫލްގެ މައްސަލަ ހައްލު ކުރުމަށް ސިވިލް އޭވިއޭޝަން މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން އެ ތަނުގައި ކިޔަވަމުންދާ ދަރިވަރުންގެ މައްސަލަތައް ވަކިވަކިން ބަލަން ވަނީ ނިންމާފައި އެވެ. އެ ދެ މިނިސްޓްރީން ބުނީ އެތަނުގެ މައްސަލަ ހައްލު ކުރަން އެންމެ އިންސާފުވެރިގޮތަކީ އެއީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް