"ފަރުދީ ޒިންމާ އަދާކުރައްވާ! ގޭގައި މަޑުކުރައްވާ" މިއީ ކޮވިޑް19 ގައި އެންމެ ގިނައިން އިވިފައިވާ އެއް އަޑެވެ. ކޮވިޑްގެ ހާލަތުގައި އެންމެ އިސް ސަފުގައި މަސައްކަތްކުރާ ފަރާތްތަކުން، އެބޭފުޅުންގެ ޒިންމާ އަދާކުރައްވަމުން މުޖުތަމައުގެ ފަރާތުން އެދުނީ މުޖުތަމައުގެ ބައި ފުރިހަމަކުރާށެވެ. އެއީ ފަރުދީ ޒިންމާ އަދާކުރާށެވެ.
އަމިއްލަ ފަރުދެއްގެ ގޮތުގައި ތިމާ ކުރަންޖެހޭ ކަންތައްތަކާއި ތިމާގެ ދައުރަކީ ފަރުދީ ޒިންމާގެ ގޮތުގައި އެމީހަކު ކުރާ ކަންތަކެވެ. މުޅި މުޖުތަމައުން ފަރުދީ ޒިންމާ ފުރިހަމަވާނީ ކޮންމެ މީހަކުވެސް އެމީހެއްގެ ބައި އަދާކުރުމުންނެވެ. ވަކި ފަރުދުން ފަރުދީ ޒިންމާ އަދާކުރުމުން އެކަމުގެ ފައިދާ އެންމެންނަށް ވެސް ކުރާނެއެވެ.
ކޮވިޑް19 ގެ ހާލަތުގައި ފަރުދީ ޒިންމާ މުހިންމުވާ ގޮތަށް، މުޖުތަމައުގެ ވަރަށް ގިނަ ކަންކަމުގައި ފަރުދީ ޒިންމާ މުހިންމުވެއެވެ.
މުޖުތަމައުގެ ސާފުތާހިރު ކަމާއި، ކުނި މެނޭޖް ކުރުމާއި، ވެހިކަލް ޕާކް ކުރުމާއި، ވޯޓް ލުމުގެ ކަންތައްތަކާއި، ތެދު މައުލޫމާތު މީސްމީޑިޔާގައި ހިއްސާ ކުރުން ފަދަ ކަންކަމުގައި ފަރުދީ ޒިންމާ މުހިންމުވެއެވެ. މި ނޫންވެސް އެކި ކަހަލަ ކަންކަމުގައި ފަރުދީ ޒިންމާ އަދާކުރަން ޖެހެއެވެ.
އެންމެ ފަހުން ވެމްކޯއިން މާލޭގެ ގޭބިސީތަކުން ކުނި ނެރޭ ގަޑިއަށް އިއްޔެ ބަދަލު ގެެނެސްފއި ވެއެވެ. އެގޮތުން މިހާރު ކުނި ނެރެންޖެހޭނީ ރޭގަނޑު22:00 އިން00:00 އަށެވެ. ނަމަވެސް އިއްޔެ ހެނދުނުވެސް ބައެއް ފަރާތްތަކުން މަގުމައްޗަށް ކުނި ނެރިފައި ހުއްޓެވެ. ވެމްކޯގެ މެނޭޖިންގް ޑިރެކްޓަރ އާދަމް މުހައްމަދު ކުރައްވާފައިވާ ޓްވީޓެއްގައިވެސް މިކަން ވަނީ ފާހަގަ ކުރައްވާފައެވެ. މީގެ ކުރިންވެސް ބައެއް ފަރާތްތަކުން މިފަދަ ގޮތަކަށް އަމަލު ކޮށްފައިވެއެވެ.
"ގައުމު ތަރައްގީ ކުރުމުގައި ފަރުދީ ޒިންމާ އަދާކުރައްވާ" ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެެ އެދުމަކީ މިއީއެވެ. މުޖުތަމައެއް ކުރިއަރައި ދާނީ، އެ މުޖުތަމައެއްގެ އަފުރާދުންގެ ވިސްނުމާއި ފިކުރު ތަރައްގީވެގެން ކަމަށް ވާއިރު، ފަރުދީ ޒިންމާއާ މެދުގައި ދެގޭގޮތް ރަނގަޅުކުރަން ޖެހެއެވެ.
މީގެ އިތުރުން، ސައިކަލް ޕާކުކުރުމަށް ވަކި ޚާއްސަ ތަންތަން ހެދިފައި ހުރެއެވެ. ނަމަވެސް ބައެއް ފަހަރު މީހުންނަށް އުނދަގޫވާ ގޮތަށް ސައިކަލް ޕާކުކޮށްފައި ހުންނަތަން އާދެއެވެ. މީގެ ސަބަބުން ހިނގާ މީހުންނަށް އުނދަގޫ ވުމުގެ އިތުރުން، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް އެކި ކަހަލަ އުނދަގޫތައް ކުރިމަތިވެއެވެ.
"ފަރުދީ ޒިންމާ ނުނަގައި އެކްސިޑެންޓް ތައް މަދެއް ނުކުރެވޭނެ. ނުވެސް ހުއްޓުވޭނެ" ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެފައި ވެއެވެ. ތެދެކެވެ. އެބޭފުޅުންނަށް ގަވާއިދުތަކާއި ގާނޫނުތައް ހެދޭނެއެވެ. ނަމަވެސް ސައިކަލް ކާރު ތަކުގެ ސްޕީޑްގެ ކޮންޓްރޯލެއް އެބޭފުޅުންގެ އަތުގައެއް ނޯންނާނެއެވެ. އެކަމުގައި މުޖުތަމައުންވެސް ވިސްނަން ޖެހޭނެއެވެ.
ކޮންމެ ތަނެއްގައިވެސް މައްސަލަ ތަކެއް ހުންނާނެއެވެ. އެކި މުއައްސަސާގައިވެސް ހިތްހަމަ ނުޖެހޭ އެކި ކަހަލަ ކަންކަން ހުރެދާނެއެވެ. ނަމަވެސް އެއީ ފަރުދީ ޒިންމާ އަދާނުކުރެވޭނެ އުޒުރެއް ނޫނެވެ. އެކަންކަން އެގޮތަށް ހިނގިކަމަށް ވިޔަސް އަމިއްލަ ފަރުދުންގެ ޒިންމާ އަދާކުރައްވާށެވެ.
ދިވެހިންގެ ބައެއް އާދަތައް ބަދަލު ކުރާނަމަ މަޑުމަޑުން މުޖުތަމައުން ފަރުދީ ޒިންމާ އިތުރުވެގެން ދާނެއެވެ. މޫދާއި އަތިރިމައްޗަށް ކުނި އެޅުމާއި، ފިނޮޅުތަކަށް ދަތުރުގޮސްފައި އެތަންތަން 'ގޮނޑެއްހެން' ހެދުން ހުއްޓާލަން ޖެހެއެވެ.
ފަރުދީ ޒިންމާގެ ވާހަކައަކީ މިހާރު އަބަދުވެސް އިވޭ އަޑަކަށް ވާނެއެވެ. ގިނަ ބަޔަކު އެ ވާހަކަ ދައްކާ، އެކަމަށް މީހުން ހޭލުންތެރިކުރަން މަސައްކަތް ވެސް ކުރެއެވެ. ނަމަވެސް އަދިވެސް ދިވެހިންނަކަށް ފަރުދީ ޒިންމާއެއް ދަހެއް ނުވެއެވެ. ފަރުދީ ޒިންމާ އަދާ ނުކުރުމުގެ ސަބަބުން އެކިކަހަލަ ހިތާމަވެރި ހާދިސާތައް ވެސް ހިނގާފައި އެބަ ހުއްޓެވެ.
ބައެއް ފަރާތްތަކުން ފަރުދީ ޒިންމާ އަދާކުރުމުގައި ފަރުވާ ކުޑަ ކުރި ނަމަވެސް، ދިވެހިންގެ ތެރޭގައި ވެސް މިކަމަށް ސަމާލުކަން ދީގެން ނަމޫނާ ދައްކާ ފަރާތްތައް ވެސް އުޅެއެވެ. މިގޮތުން އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ވެސް ސާފްކުރުމުގެ ޕްރޮގްރާމްތައް ރައްރަށުގައި ހިންގުން ދަފަ ކަންކަން ވެސް ކުރެއެވެ. އަދި އެ ނޫނަސް މުޖުތަމައިގައި ފަރުދީ ޒިންމާ އަދާކުރުމުގައި ނަމޫނާ ފަރާތްތައް އުޅެއެވެ.
އެހެންކަމުން، އެހެންމީހުން ފަރުދީ ޒިންމާ އަދާ ކުރޭތީ ނުކުރޭތޯ ބެލުމުގެ ބަދަލުގައި ކޮންމެ މީހެއްވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރަމާ ހިނގާށެވެ. އައު އަހަރުގެ އެއް އަމާޒަކީ ފަރުދީ ޒިންމާ އަދާކުރުން ކަމުގައި ހަދަމާ ހެއްޔެވެ؟
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް