އެމްޑަބްލިއުއެސްސީގެ ހިންގުމުގެ ޚަރަދުން މިދިޔަ އަހަރު 297 މިލިއަން ރުފިޔާ ކުޑަކޮށްފި

އެމް.ޑަބްލިޔު.އެސް.ސީ އިން 2020 ވަނަ އަހަރު އެ ކުންފުނީގެ ހިންގުމުގެ ޚަރަދު 297.9 މިލިއަން ރުފިޔާ ކުޑަކޮށްފިއެވެ. އެ ކުންފުނިން ބުނީ، ކުންފުނީގެ އޮޕަރޭޓިންގ އެނޑް އެކްސްޕެންސް ބަޖެޓުގެ ގޮތުގައި 2020 ވ...

11 Jan 2021 | 06:51

އެމް.ޑަބްލިޔު.އެސް.ސީ އިން 2020 ވަނަ އަހަރު އެ ކުންފުނީގެ ހިންގުމުގެ ޚަރަދު 297.9 މިލިއަން ރުފިޔާ ކުޑަކޮށްފިއެވެ.

އެ ކުންފުނިން ބުނީ، ކުންފުނީގެ އޮޕަރޭޓިންގ އެނޑް އެކްސްޕެންސް ބަޖެޓުގެ ގޮތުގައި 2020 ވަނަ އަހަރުގެ ނިޔަލަށް ކަނޑައަޅާފައިވަނީ 838.9 މިލިއަން ރުފިޔާ ކަމުގައި ވީނަމަވެސް، މިކަމަށް ޚަރަދު ކުރެވިފައިވާ މިންވަރު 541 މިލިއަން ރުފިޔާއަށް ކުޑަކުރެވިފައިވާ ކަމަށެވެ. އަދި މިއީ، 2019 ވަނަ އަހަރުގެ ކުންފުނީގެ ހިންގުމުގެ ޚަރަދާއި އަޅާބަލާއިރު %14 ކުޑަ އަދަދެއް ކަމަށެވެ.

2020 ވަނަ އަހަރުގެ ކުރެވިފައިވާ ޚަރަދުތަކަށް ބަލާލާއިރު، އިންޖިނިއަރިންގ، މެނުފެކްޗަރިންގ، ފެނާއި ނަރުދަމާގެ ޚިދުމަތްތައް، އަދި ވިޔަފާރީގެ ދާއިރާ ހިމެނޭގޮތައް ފުރަތަމަ ކުއާޓަރގައި 177.4 މިލިއަން ރުފިޔާ، ދެވަނަ ކުއާޓަރ ގައި 130.7 މިލިއަން ރުފިޔާ، ތިންވަނަ ކުއާޓަރ ގައި 163.5 މިލިއަން ރުފިޔާ އަދި ހަތަރުވަނަ ކުއާޓަރގައި 94.8 މިލިއަން ރުފިޔާ ވަނީ ޚަރަދުކުރެވިފައި ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

2019 ވަނަ އަހަރުގެ ޚަރަދުތަކާއި އަޅާބަލާއިރު، 2020 ވަނަ އަހަރުގައި އިންޖިނިއަރިންގ ދާއިރާއިން ކުރެވިފައިވާ ޚަރަދުތައް %6 ކުޑަކުރެވިފައިވާއިރު، މެނުފެކްޗަރިންގ ގެ ޚަރަދުތައް %14 ކުޑަކުރެވި، އަދި ވިޔަފާރީގެ ދާއިރާގެ ޚަރަދުތައް %16 ކުޑަކުރެވިފައިވާއިރު، ފެނާ ނަރުދަމާގެ ޚިދުމަތައް ކޮށްފައިވާ ޚަރަދުތައް %15 ކުޑަކުރެވިފައިވާ ކަމަށް ވެސް އެމްޑަބްލިއުއެސްސީ އިން ވަނީ ބުނެފަ އެވެ.

ކުންފުނީގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އެޅި ފިޔަވަޅުތަކާއި އެކުގައިވެސް، ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން  އެޅުއްވި ހަރުދަނާ އަދި މުހިންމު ފިޔަވަޅުތަކަށް އެއްބާރުލުންދިނުމުގެ ގޮތުން އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ގިނަ ކަންތައް ތަކެއް ކުރެވިފައިވާކަން ވެސް އެމްޑަބްލިއުއެސްސީ އިން ފާހަގަ ކުރެއެވެ.

މީގެތެރޭގައި، ކޮވިޑް ފެސިލިޓީތަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށް ދިނުމާއި، ރައްޔިތުން އާއްމުކޮށް އެއްވެއުޅޭ ތަންތަނުގައި އަތް ދޮންނަ ތަށި ބަހައްޓައި ދިނުމާއި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ލުއިކޮށްދިނުމައްޓަކައި، ފެނުގެ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. މިގޮތުން އެ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެދަށުން މިފަދަ ކަންކަމަށް ޖުމްލަ 4.5 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މީގެ އިތުރުން، 2020 ވަނަ އަހަރުވެސް ކުންފުނިން ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔައީ ކުންފުނީގެ މައިގަނޑު ދާއިރާތަކުން ހާސިލުކުރުމަށް ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކަމަށައި މި ގޮތުން، މެދުކެނޑުމެއްނެތި ރައްކާތެރި ބޯފެނާއި، ނަރުދަމާގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެވިފައިވާކަމީ އެ ކުންފުނިން އުފަލާއެކު ފާހަގަ ކުރާކަމެެއް ކަމަށް ބުންޏެވެ. އަދި ކުންފުނީގެ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށްޓަކައި ތަފާތު އެކިއެކި ޕްރޮޖެކްޓްތައް ވަނީ ހިންގިފައެވެ.

މީގެ އިތުރުން ސަރުކާރުން، ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހިންގާ މަޝަރޫޢު ތަކުގެ ދަށުން، ދެރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢު ނިންމައި، 5 ރަށެއްގެ ޢަމަލީ މަސައްކަތް ފަށައި، އަދި 25 ރަށެއްގެ ފެނާއި ނަރުދަމާ ގެ މަޝްރޫޢު ފެށުމަށް އެމް.ޑަބްލިޔު.އެސް.ސީ ވަނީ ތައްޔާރުވެފައެވެ.

އެ ކުންފުނީގެ ހިނގުމުގެ ޚަރަދުތައް ކުޑަކުރެވިފައި ވަނީ، ޚަރަދު ކުޑަކުރުމުގެ ގޮތުން، ޚާއްސަކޮށް ކޮވިޑް-19ގެ ހާލަތާއި ގުޅިގެން، ކުންފުނީގެ މެނޭޖްމަންޓުން ރޭވުންތެރިކަމާއި އެކު އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކާއި، ގެންގުޅުއްވި ހިކުމަތްތެރި މާލީ ސިޔާސަތު ތަކުގެ ސަބަބުންނެވެ.

ކޮވިޑް-19 ގެ ދަތި އުނދަގޫ ހާލަތާއި އެކުގައިވެސް، ކުންފުނީގެ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެނދިއުމުގައާއި، ކުންފުނީގެ ލަނޑު ދަނޑިތައް ޙާސިލް ކުރުމުގައި، ކުންފުނީގެ ހިތްވަރުގަދަ، ހީވާގި މުވައްޒައްފުން ކޮށްދެއްވާފައިވާ މަސައްކަތްތައް ފާހަގަކޮށް އެކަމަށްޓަކައި ކުންފުނީގެ މެނޭޖްމަންޓުގެ ފަރާތުން ހުރިހާ މުވައްޒަފުންނަށް ވަރަށް ޚާއްސަ ޝުކުރެއް ވަނީ ދަންނަވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް