ހިޔާ މަޝްރޫއުގެ ވިޔަފާރި ޔުނިޓުތައް ބަލައިލަން އަލުން ރެޖިސްޓްރީވާން ހުޅުވާލައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާ ހިޔާ މަޝްރޫއުގެ ވިޔަފާރި ޔުނިޓުތައް ބަލައިލަން ބޭނުންވާ ފަރާތްތަކުން ރެޖިސްޓްރީވުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ. މި ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ އ...

11 Jan 2021 | 04:38

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާ ހިޔާ މަޝްރޫއުގެ ވިޔަފާރި ޔުނިޓުތައް ބަލައިލަން ބޭނުންވާ ފަރާތްތަކުން ރެޖިސްޓްރީވުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.

މި ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ އަހަރުގެ ޖުލައި ނުވަ ވަނަ ދުވަހު އެވެ. އެކަމަކު ކޯވިޑް-19 އާއި ގުޅިގެން އެ ބުރުގައި ރެޖިސްޓްރީ ކުރި ފަރާތްތަކަށް ވިޔަފާރި ޔުނިޓުތައް ބަލާލުމުގެ ފުރުސަތު ދީފައެއް ނުވެ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ އެ ޔުނިޓުތައް ބަލާލަން ރެޖިސްޓްރީ ފުރުސަތު އިއްޔެއިން ފެށިގެން މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ރެޖިސްޓްރީ ވާން ޖެހެނީ އޮންލައިންކޮށެވެ.

އެޗްޑީސީން ބުނީ ރެޖިސްޓްރީ ފޯމް ފުރިހަމަ ކުރާއިރު ޔުނިޓުތައް ބަލަން ދާ ދުވަހު ނުދެވޭނަމަ ބަދަލުގައި ދާނެ ފަރާތެއްގެ ނަން ޖަހަން ވާނެ ކަމަށެވެ. އެ ފޯމުގައި ނަން ޖަހާ ފަރާތްތައް ފިޔަވައި އިތުރު އެއްވެސް ފަރާތަކަށް މި ޔުނިޓުތައް ބެލުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ބުނެ އެވެ.

މިގޮތަށް ނިންމީ ކޯވިޑް-19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

އެޗްޑީސީން ބުނީ ހިޔާ މަޝްރޫއުގެ ވިޔަފާރި ޔުނިޓުތައް ބަލައިލަން ރެޖިސްޓްރީވާ ފަރާތްތަކަށް ޔުނިޓުތައް ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް އެ ކޯޕަރޭޝަނުން ހިއްސާ ކުރަމުން ދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް