ތައުބާވުމަކީ ކޮބައިތޯ ބަލާލަމާ ހިނގާށެވެ. ތައުބާ ވުމަކީ ތިމާއަށް ކުރެވިފައިވާ އެންމެހާ ފާފަތަކަށް ދެރަވެ ހިތާމަކޮށް، ފާފަ ކުރުން ހުއްޓާލައި ދެން އެފަދަ ފާފަތަކަށް އަރައި ނުގަތުމަށް ޢަޒުމު ކަޑައަޅައި ފާފަ ފުއްސެއްވުން އެދި މާތް ﷲ އަށް ދުޢާ ކުރުމެވެ.
ފާފައެއް ކުރެވޭހިނދު، ވުޟޫކޮށް ދެރަކުޢަތް ނަމާދެއްކޮށް އެ ފާފަ ކުރެވުނު ކަމަށްޓަކައި ހިތާމަކޮށް ތެދުވެރި ތައުބާއަކުން ތައުބާވެ ފާފަ ފުއްސެވުމަށް އެދި ދުޢާކުރުމަކީ އެންމެ ފުރިހަމަ އަދި ސުންނަތާއި އެންމެ ގާތް ގޮތެވެ.
އަބޫ ބަކުރުއްޞިއްދީޤް رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ صلى عليه وسلم ޙަދީޘް ކުރެއްވިއެވެ. "مَا مِنْ عَبْدٍ يُذْنِبُ ذَنْبًا فَيُحْسِنُ الطُّهُورَ ، ثُمَّ يَقُومُ فَيُصَلِّي رَكْعَتَيْنِ ، ثُمَّ يَسْتَغْفِرُ اللَّهَ إِلَّا غَفَرَ اللَّهُ لَهُ ، ثُمَّ قَرَأَ هَذِهِ الْآيَةَ : "وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنْفُسَهُمْ ذَكَرُوا اللَّهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَنْ يَغْفِرُ الذُّنُوبَ إِلَّا اللَّهُ وَلَمْ يُصِرُّوا عَلَى مَا فَعَلُوا وَهُمْ يَعْلَمُونَ" . صححه الألباني في صحيح أبي داود
މާނައީ: "މާތް ﷲ ގެ އަޅުތަކުންކުރެ އަޅަކަށް ފާފަ ކުރެވޭހިނދު، ވުޟޫ ފުރިހަމައަށް ކޮށް އެއަށްފަހު ދެރަކުޢަތް ނަމާދެއްކޮށް، ފާފަ ފުއްސެވުމަށް އެދި ދުޢާކޮށްފިނަމަ، މާތް ﷲ އޭނާގެ ފާފަ ފުއްސަވައިދެއްވާނެތެވެ."
އެއަށްފަހު އަންނަނިވި އާޔަތް އިތުރު އެކަލޭގެފާނު ކިޔަވައި ވިދާޅުވިއެވެ. "وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنْفُسَهُمْ ذَكَرُوا اللَّهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَنْ يَغْفِرُ الذُّنُوبَ إِلَّا اللَّهُ وَلَمْ يُصِرُّوا عَلَى مَا فَعَلُوا وَهُمْ يَعْلَمُونَ"
މާނައީ: "އަދި، އެއުރެންނީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއްކޮށްފިނަމަ ނުވަތަ އެއުރެންގެ ނަފްސުތަކަށް އަނިޔާވެރިވެއްޖެނަމަ، (އެބަހީ: ކިތަންމެ ކުޑަނަމަވެސް ފާފައެއް ކޮށްފިނަމަ) ﷲ ހަނދުމަކޮށް، އެއުރެންގެ ފާފަތައް ފުއްސެވުން އެދި ދުޢާކޮށް އުޅޭމީހުންނެވެ. ﷲ ފިޔަވައި ފާފަފުއްސަވާނީ ފަހެ ކާކުހެއްޔެވެ؟ އަދި، އެއުރެން ދެނެތިބި ޙާލު އެއުރެން ކުޅަ ކުށުގެ މަތީގައި ދެމިއެއް ނުތިބެއެވެ."
ފަރުޟު ފަސްނަމާދާއި ސުންނަތް ނަމާދަށް ފަހުގައިވެސް ފާފަ ފުއްސެވުން އެދި ދުޢާކޮށް ތައުބާވުމަކީ އެދެވިގެންވާ ހެޔޮ ޢަމަލެކެވެ.
وبالله التوفيق، وصلى الله على نبينا محمد وآله وصحبه وسلم.
މިލިޔުމައް މައުލޫމާތު ނަގާފައިވަނީ އައްޝައިހް ހުސެއިން މޫސާ ފިކުރީ ރާއްޖެއިސްލާމް.ކޮމް އަށް ލިޔެދީފައިވާ ލިޔުމަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް