ނޮވެމްބަރ މަހު މީރާއަށް 461.49 މިލިއަން ރުފިޔާ ބަލައިގެންފި

މި އަހަރުގެ ނޮވެންބަރު މަހު މީރާއަށް 461.49 މިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ. މީރާ އިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މު...

10 Dec 2020 | 12:08

މި އަހަރުގެ ނޮވެންބަރު މަހު މީރާއަށް 461.49 މިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

މީރާ އިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 59.9% ދަށް އަދަދެއް ކަމަށެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު ލިބުނު އާމްދަނީ އާ އަޅާބަލާއިރު މިއަހަރުގެ ނޮވެންބަރުގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާގެ އިޤްތިޞާދީ ހަރަކާތްތައް މަދުވެ، ޓޫރިޒަމް ދާއިރާއިން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވުން ކަމަށް މިރާ އިން ބުނެ އެވެ.

މިގޮތުން، ޖީ.އެސް.ޓީ އަދި ގްރީން ޓެކްސް ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ދަށްވެފައިވާ އިރު، މިދިޔަ އަހަރުގެ ނޮވެންބަރު މަހުގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ އެ އަހަރުގެ ނޮވެންބަރުގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު، މިއަހަރުގެ ނޮވެންބަރުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވާ އިތުރު ސަބަބެއް ކަމަށް ވެސް މީރާ އިން ބުނެ އެވެ.

ނޮވެންބަރު 2020 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ޖީ.އެސް.ޓީ ހިއްސާކުރާ އިރު، އެއީ 66.9% ނުވަތަ 308.68 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުން ނެވެ.

އެގޮތުން %9.1 ނުވަތަ 42.09 މިލިއަން ރުފިޔާ އިންކަމް ޓެކުހުން ވަނީ ލިބިފަ އެވެ.

މީގެ އިތުރުން، ރެސިޑެންޓް ޕަރމިޓްގެ ގޮތުގައި 19.77 މިލިއަން ރުފިޔާ (4.3%)، ގްރީން ޓެކްސްގެ ގޮތުގައި 16.49 މިލިއަން ރުފިޔާ (3.6%)، ބީ.ޕީ.ޓީގެ ގޮތުގައި 11.33 މިލިއަން ރުފިޔާ (2.5%) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 63.13 މިލިއަން ރުފިޔާ (13.7%) ހިމެނެ އެވެ.

ފާއިތުވި އަހަރުގެ ނޮވެންބަރުގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 11.26 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް