ރާއްޖެއަށް ކަނޑުމަގުން އެތެރެކުރާ މަސްތުވާތަކެތި ބަލާ ދާ ކަނޑު އުޅަނދު ފަހަރުގެ ވެރިންނަށް އެ މީހުން ދޯނި ބޭނުން ކުރާ ހަގީގީ ބޭނުން ނޭނގޭ ކަން ފާހަގަ ކުރެވޭ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނީ 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި "މަސްޖަރީ" ކިޔާ ކަންނެލި ދޯންޏެއްގައި ރާއްޖެއަށް އެތެރެކުރި މައްސަލައެއްގައި ހައްޔަރު ކުރި މީހުންގެ މައުލޫމާތު އާންމު ކުރަމުންނެވެ. އެ މައްސަލައިގަ 10 މީހަކު ފުލުހުން ހައްޔަރު ކޮށްފައިވެ އެވެ.
މި މަސްތުވާތަކެތި ފުލުހުން އަތުލައިގެންފައިވަނީ އެ ކަންނެލި ދޯނީގައި ރާއްޖެ އެތެރެކޮށް ކަނޑުމަގުން ވަކި ސަރަހައްދަކަށް ގެނައުމުން އެތަކެތި އެހެން ލޯންޗަކަށް އަރުވައިގެން މާލެ ގެނެސް ކާރަކަށް އަރުވައިގެން ގެންދަނިކޮށެވެ. އެތަކެތި އަޅާފައި ހުރީ ދެ ގޯންޏާއި ބޮޑު ދެ ދަބަހަށެވެ.
ފުލުހުން ބުނީ މި ފަދަ މައްސަލަތަކުގައި މަސްތުވާތަކެތި އެތެރެކުރުމުގައި އާއި އެތެރެކުރުމަށްފަހު އެއްތަނުން އަނެއް ތަނަށް އެތަކެތި އުފުލުމުގައި ބޭނުންކުރާ އުޅަނދު ފަހަރުތަކުގެ ވެރިފަރާތަށް އޮޅުވާލައިގެން އުޅަނދުފަހަރު ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ކަނޑު އުޅަނދުފަހަރު އަދި އެއްގަމު އުޅަނދު ގެންގުޅުއްވާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސް ކުރެ އެވެ.
72 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލައިގަ ހައްޔަރު ކުރި މީހުންގެ ތެރޭގައި އެ ދޯނީގެ ފަޅުވެރިންވެސް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް