މިދިޔަ އަންގާރަ ދުވަހު72 ކިލޯގެ މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކުރި 10 މީހުންގެ ވަނަވަރު ހާމަކޮށްފި އެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޑްރަން އެންފޯސްމެންޓް ޑިޕާޓްމެންޓުން ހިންގި އޮަޕަރޭޝަންގައި އަތުލައިތް މަސްތުވާތަކެތި ހުރީ ދެ ގޯންޏަކާއި ދަބަސްތަކަކަށް އަޅާފައި އެވެ. ފުލުހުން ބުނީ އެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށްފައިވަނީ "މަސްޖަރީ" ނަމަކަށް ކިޔާ ކަންނެލި ދޯންޏެއްގައި ކަމަށެވެ.
މި މައްސަލައިގަ ފުލުހުން ހައްޔަރުކޮށްފައިވަނީ އައްޑޫ ސޓީ ހުޅުދޫ، ދޭލިޔާގެ އުމުރުން 32 އަހަރުގެ އިރުފާން ތަޤިއްޔު، ރ. އިނގުރައިދޫ އެލެސްކާ އުމުރުން 28 އަހަރުގެ މުހައްމަދު ވިސާމް، ހަމަ އެގޭ އުމުރުން 26 އަހަރުގެ އަބްދުﷲ ވިޝާމް، ދ. މާއެނބޫދޫ އަނބުގަސްދޮށުގެ އުމުރުން 38 އަހަރުގެ އަހުމަދު ނަސީރު، މާލެ މއ. ކަނޑޫގެ އުމުރުން 37 އަހަރުގެ އަލީ އަހުމަދު، މާލެ ހ. ގާޑްންބިއުޓީ އުމުރުން 27 އަހަރުގެ އަހުމަދު އަކްރަމް އެވެ. ދެން މި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަމްފަރު ނޫރީއާގެ އުމުރުން 34 އަހަރުގެ މުހައްމަދު ޝަރީފު، ލ. ގަން ދުނޑި ޕެރިސްހޮލިޑޭ އުމުރުން 33 އަހަރުގެ މުހައްމަދު ފުރުގާން އަދި ތ. ތިމަރަފުށި ތަނޑިރަތްމާގެ އުމުރުން 35 އަހަރުގެ މުހައްމަދު ވަޖީހުގެ އިތުރުން ރ. ރަސްގެތީމު ފީރޯޒު އުމުރުން 30 އަހަރުގެ އަހުމަދު ޝިނާން އެވެ.
ފުލުހުން ބުނީ މީގެ ތެރެއިން މި މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރުމުގައި އިސްކޮށް ތިބީ މުހައްމަދު ވިޝާމް އާއި އިރުފާން ތަގިއްޔު ކަމަށެވެ. ހައްޔަރުކޮށްފައިވާ މީހުންނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދޯނީގައި ހަރަކާތްތެރިވަމުންދިޔަ މީހުންނާއި ލޯންޗުގައި މާލެއަށް މަސްތުވާތަކެތި އެތެރެކުރި މީހުންނާއި ކާރަށް މަސްތުވާތަކެތި އަރުވައިގެން ކާރުގައި ދިޔަ މީހުންނެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ވަނީ މި މަސްތުވާތަކެތި އަތުލައިގަތުމުގެ އެއް ހަފްތާ ކުރިން އޮޕަރޭޝަން ފަށާފައި އެވެ. ފުލުހުން ބުނީ އެ ތަކެތި މާލެއަށް އެތެރެކޮށްފައިވަނީ "މަސްޖަރީ" ދޯނީގައި ގެނެސް ލޯންޗަކަށް އަރުވައިގެން ކަމަށެވެ.
މި މައްސަލައި10 މީހުން ހައްޔަރު ކުރުމުގެ އިތުރުން ދޯންޏަކާއި ލޯންޗެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. އަދި މި މައްސަލައާއި ގުޅުންހުރި ބައެއްގެތަށް ބަލައި ފާސްކޮށްފައިވެ އެވެ.
މި މައްސަލައިގަ ހައްޔަރު ކުރި ދެމީހެއްގެ ބަންދަށް 15 ދުވަސް، ހަތަރު މީހެއްގެ ބަންދަށް 10 ދުވަސް، ތިން މީހުންގެ ބަންދަށް ހަތް ދުވަސް އަދި އެކަކުގެ ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހައިދީފައި އެވެ.
ފުލުހުން ދަނީ އިތުރަށް މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް