ކޯވިޑް-19 އަށް ރާއްޖޭގައި ވެކްސިން ދޭނީ އާބާދީގެ 80 ޕަސެންޓަނަށް ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
ކޯވިޑް-19 އަށް200 އަށްވުރެ ގިނަ ވެކްސިން ހަދަމުން ދާއިރު އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖެއަށް ހިލޭ ލިބޭ ވެކްސިންގެ ފުރަތަމަ ބުރު ލިބޭނެ އެވެ. ކޯވިޑް-19 ގެ ވެކްސިނާއި ގުޅިގެން ޑަބްލިއުއެޗްއޯ ބައިވެރިވެގެން އެކުލަވާލާފައިވާ ކޯވިކްސް ފެސިލިޓީ މެދުވެރިކޮށް ރާއްޖޭގެ އާބާދީގެ20 ޕަސެންޓަށް ހިލޭ ވެކްސިން ލިބޭނެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ހަފްތާގައި ވިދާޅުވީ އާބާދީގެ ބާކީ ބަޔަށް ސަރުކާރުން ހިލޭ ވެކްސިން ދޭނެ ކަމަށެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ސެންޓަރު ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ރައީސް އެ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ދޭ ވާހަކަ ނޫންކަމަށެވެ. ރައިސްގެ ބަސްފުޅު ސާފުކޮށްދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ ވެކްސިން ދޭނީ ވަކި ބަޔަކަށް ކަމަށާއި އެ ދޭން ޖެހޭ މީހުންނަށް ހިލޭ ވެކްސިން ލިބޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިހާތަނަށް ވެކްސިން ދޭން ޖެހޭ މީހުން ކަނޑައެޅި އިރު ކޯވިޑް ވެކްސިން ދޭން ޖެހޭނެ ކަމަށް ލަފާ ކުރެވެނީ އާބާދީގެ 80 ޕަސެންޓު މީހުންނަށް ކަމަށެވެ. ވެކްސިން ދޭނީ ވަކި ކެޓަގަރީތަކަކަށް ފެތޭ މީހުންނަށްކަން ފާހަގަ ކުރައްވާ ޑރ. ނަޒްލާ ވިދާޅުވީ ކުޑަކުދިންނާއި ސިއްހީ ގޮތުން މައްސަލަނެތް އެޗްޕީއޭއިން ކަނޑައަޅާ ކެޓަގަރީތަކަށް ނުފެތޭ 50 އަހަރުން ދަށުގެ މީހުންނަށް ކޯވިޑް ވެކްސިން ނުދޭނެ ކަމަށެވެ.
ވެކްސިން ދޭ މީހުންގެ ތެރެއިން ކޯވިކްސް ފެސިލިޓީ މެދުވެރިކޮށް ފުރަތަމަ ލިބޭ ތިން ޕަސެންޓު ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ސިއްހި ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި، ކޯވިޑްގެ ނުރައްކަލަށް ހުށަހެޅިގެން މަސައްކަތް ކުރަން ޖެހިފައިވާ މީހުންނެވެ. އޭގެ ތެރޭގައި ޑޮކްޓަރުން، ނަރުހުން، ކަށުކަމާކެމީގެ ކަންތައް ކުރާ މީހުން، އާރުއާރުޓީމުތަކުގައި މަސައްކަތް ކުރާ މީހުން، ކުނި ނުވަތަ މަގުމަތި ސާފު ކުރާ މީހުންނާއި ބަލިމީހުން އެއްތަނުން އަނެއް ތަނަށް އުފުލާ މީހުންގެ އިތުރުން ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފުލުހުންނާއި ސިފައިން އަދި އެނޫން ވެސް މީހުން ހިމެނެ އެވެ.
ދެވަނަ ބުރުގައި ލިބޭ 17 ޕަސެންޓު ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި އުމުރުން 50 އަހަރުން މަތީގެ އާބާދީ އަށެވެ. މީގެ ތެރޭގައި ކެންސަރު ބަލިން މިދިޔަ އަހަރެއް ދުވަހުގެ ތެރޭގައި ރަނގަޅުވެފައި ވީނަމަވެސް އެމީހުންނަށް ވެކްސިން ދޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް