ދަރިވަރުން ކިޔެވުމުގެ އިތުރުން ހުނަރުވެރި ތޫނުފިލި ބަޔަކަށް ހެދުމަށް ހާއްސަ އިސްކަމެއްދޭ ސްކޫލެއް ރާއްޖޭގައި ގާއިމްކޮށްފިއެވެ.
9 ޑިސެމްބަރ 2021 ވީ ބުދަ ދުވަހު ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ތަޢާރަފްކުރި ޖީނިއަސް ކިޑްސް މޯލްޑިވްސް އަކީ ކިޔެވުމުގެ އިތުރުން ދަރިވަރުގެ ފަންނާއި ހުނަރު ކުރިއަރުވައި ދަރިވަރުގެ ޤާބިލުކަން އިތުރުކުރުމަށް ޚާއްސަ ސަމާލުކަންދޭގޮތަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ސުކޫލެކެވެ. މި ސްކޫލުގެ މޮޓޯއަކީ "ދަރިވަރުން ތޫނުފިލި ބަޔަކަށް ހަދައިދިނުމަށް ހުޅެވޭ މަގެއް" މިއެވެ.
އެގޮތުން މިސްކޫލުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ޕްރޮގްރާމް ބަހަލެވިފައިވަނީ މައިގަނޑު 8 ބަޔަށެވެ. އަދި މި ޕްރޮގްރާމްގެ ޒަރީއާއިން ދަރިވަރުގެ ކިޔެވުމުގެ ޤާބިލްކަން އެންމެ އާދައިގެ ދަރަޖައިން އެންމެ މަތީ ދަރަޖައަށް ގެންދިޔުމަށް އެހީތެރިވެދެއެވެ. ޕްރޮގްރާމުގެ ކޮންމެ ބައެއް ނިމުމުން އެ ބައެއް ނިންމިކަމުގެ ސަނަދެއް ދަރިވަރަށް އެރުވޭނެއެވެ. އަދި އެންމެ މަތީ ސަނަދު ލިބޭ ދަރިވަރުން ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެއެވެ.
މި ޕްރޮގްރާމްތަކުގައި ކިޔަވައިދޭނީ ރާއްޖޭއާއި ރާއްޖެއިން ބޭރުގެ އެކަމަށް ޚާއްސަ މުދައްރިސުންނެވެ. މި ޕްރޮގްރާމް ރާވާފައިވަނީ ދަރިވަރުންނާއި މުދައްރިސުން ބައްދަލުވާގޮތަށް ފޭސްޓުފޭސް ސެޝަންތަކަކަށެވެ. ނަމަވެސް މިއީ ކޮވިޑްގެ ދުވަސްވަރުކަމުން ސެޝަންސްތައް ކުރިއަށްދާނީ ހެލްތް ޕްރޮޓަކްޝަން އޭޖެންސީގެ އެންގުންތަކާއި އެއްގޮތަށެވެ. މި ޕްރޮގްރާމްގެ ސެޝަންސްތައް އޮންނާނީ ހަފްތާއަކު 3 ދުވަހު ޖުމްލަ 2 ގަޑިއިރަށެވެ. އެސެސްމެންޓްތަކާއި އިމްތިހާނު އޮންނާނީ ޕްރޮގްރާމް ފަށާތާ 3 ވަނަ މަހުގައެވެ.
ކިޔަވައިދިނުމަށް ބޭނުންކުރާނީ ކޮން އުކުޅުތަކެއް؟
ދަރިވަރުގެ ހުނަރުގެ ތެރެއިން 50 ޕަސެންޓު ކުރިއަރުވަން ހަމަޖެހިފައިވަނީ އެބަކަސް ޓެކްނިކްގެ ޒަރީއާއިންނެވެ. އެގޮތުން ދަރިވަރު ބުއްދީގެ ނަޒަރުން ވިސްނުން ބައްޓަންކުރާނެ ގޮތާއި ހާސްކަން (ސްޓްރެސް) ނެތްގޮތަށް ކިޔަވާނޭ ގޮތް ދަރިވަރަށް އުނގަންނައިދެވޭނެއެވެ. ދަރިވަރުގެ ހުނަރުގެ 30 ޕަސެންޓު ކުރިއެރުވަން ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެން.އެލް.ޕީ ސްޓައިލްގެ އެހީގައެވެ.
އެގޮތުން ދަރިވަރު އެނާގެ ސިކުނޑި ކަންކަމުގައި ހުޅުވައިލެވޭ މިންވަރު އިތުރުކުރުމާއި، އެކުދީން އަމިއްލަ ނަފްސަށް އޮންނަ ޔަގީންކަން އިތުރުކުރުމާއި، ތަފާތު މިޒާޖުތަކުގެ މީހުންނާއިމެދު އަމަލުކުރާނެ ގޮތްތަކާއި، ލީޑަޝިޕް ކޮލިޓީއާއި، ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތްތަކާއި، އަދި އެކަކު އަނެކަކާއި މުވާސަލާތުކުރާނެ ގޮތްތައް ދަރިވަރުންނަށް އުގަންނައިދެވޭނެއެވެ.
ދަރިވަރުގެ ހުނަރުގެ 20 ޕަސެންޓު ހުނަރުތައް ކުރިއަރުވާނީ އެ ދަރިވަރުން ކަންކަމަށް އިސްނެގުމަށް ބާރުއެޅުމުގެ މައްޗަށެވެ. އެގޮތުން ޚާއްސައެހީއަށް ބޭނުންވާ ކުދީން އެކުދީންގެ ގޮތުގައި ބަލައިގަތުމާއި އަދި އެކުދިންނާއެކު ބަދަހި ގުޅުމެއް އުފައްދާނެ ގޮތާއި، ދީނީ ކަންކަމުގައި މަސްއޫލުވެގެން އުޅޭނެ ގޮތްތަކާއި އަދި މީޑީއާ އާއި އައިޓީ ހުނަރުތައް ދަރިވަރުންނަށް އުނގަންނައިދެވޭނެއެވެ.
ސްކޫލަށް އެންރޯލް ވާނީ ކިހިނެތް؟
ޖީނިއަސް ކިޑްސް މޯލްޑިވްސްގައި އެންރޯލް ވެވޭނީ 5 އަހަރާއި 13 އަހަރާއި ދެމެދުގެ އުމުރުފުރާގެ ދަރިވަރުންނަށެވެ. މާލެ އަދި ހުޅުމާލޭ ސުކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް 2021 ވަނަ އަހަރުގެ އެންރޯލްމަންޓަށް މިހާރުވަނީ ހުޅުވާލެވިފައެވެ. ދަރިވަރުންނަށް އެޑްމިޝަން ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ރަޖިސްޓްރީ ވާ ތަރުތީބުންނެވެ. ރަޖިސްޓްރީވެ ފޯމް ބަލއިގަތުމަށް ހަމަޖެހިފައިވަނި ޖީނިއަސް ކިޑްސް މޯލްޑިވްސްގެ ވެބްސައިޓް މެދުވެރިކޮށެވެ. މި ސްކޫލުގެ ވެބްސައިޓަކީ www.geniuskids.school
ޖީނިއަސް ކިޑްސް މޯލްޑިވްސްގައި އެންރޯލްވާ ކުދީންގެ އަތުން އެޑްމިޝަން ފީއެއްގެ ގޮތުގައި -/900 ރުފިޔާ ނެގޭނެއެވެ. އަދި ފީގެ ގޮތުގައި ކޮންމެ މަހަކަށް 1000 ރުފިޔާ ދަރިވަރެއްގެ އަތުން ނެގޭނެއެވެ. ދަރިވަރު ސްކޫލަށް އެންރޯލްވުމާއި އެކު ސްޓަރޓަރ ޕެކް، ޔުނިފޯމް، ފޮތް، ދަބަސް އަދި ސްކޫލަށް ބޭނުންވާ އެހެން ސަމާނުތައް ސްކޫލުގެ ފަރާތުން ދަރިވަރަށް ފޯރުކޮށްދޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް