ވޯލްޑް ޕްރެސް ފްރީޑަމް ކޮންފަރެންސް 2020 ގެ ހަވާސާގައި ބޭއްވި ނޫސްވެރިންގެ ރައްކާތެރިކަމާ ބެހޭ ވަށްމޭޒު ބައްދަލުވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.
ނެދަލެންޑްސްގެ ޚާރިޖީ ވަޒީރު ސްޓެފް ބްލޮކް ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމަށްފަހު ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމާ ބެހޭ "ދަ ހޭގް ކޮމިޓްމަންޓް" ވަނީ ނެރެފައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ ތަފާތު ޚިޔާލުތަކާއި ގިނަ ފިކުރުތަކުގެ ސަބަބުން އެކަހެރިކަން އިތުރުވެފައިވާ ދުނިޔެއެއްގައި ނޫސްވެރިކަމުގެ މިނިވަންކަން މުޖުތަމަޢުތައް ގުޅުވާލަދީ ބަދަހި ކުރުމަށް މުހިންމު ދައުރެއް އަދާ ކުރާކަމަށެވެ. އަދި މިނިވަން ނޫސްވެރިކަމުން ސަރުކާރުތައް ޒިންމާދާރުކޮށް، ޑިމޮކްރަސީގެ ހަރުދަނާ އުސޫލުތައް ނެގެހެއްޓުމަށް މަސައްކަތްކުރާ ނޫސްވެރިންނަށް ކުރިމަތިވާ ނުރައްކާތަކާމެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ހަމައެއާއެކު، ކޮވިޑް-19ގެ ސަބަބުން ނޫސްވެރިންނަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ނުރައްކާ ކުޑަކުރުމަށްވެސް މިނިސްޓަރ ޝާހިދު ގޮވާލެއްވިއެވެ.
ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ތާރީޚަށް އަލިއަޅުއްވާލައްވައި، 2018 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ދިވެހިރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ހުރަސްތައް ނައްތަވާލެއްވިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅުނު ފިޔަވަޅުތަކުގެ ތެރޭގައި އަބުރު ރައްކާތެރިކުރުމާ ޚިޔާލުފާޅުކުރުމުގެ ޤާނޫނު އުވާލުމާއި، މަރާލެވިފައިވާ އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަން އެކުލަވާލުމާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް އަލުން މެމްބަރުން އައްޔަން ކުރުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދުނިޔޭގެ ތާރީޚުގެ ކޮންމެ ހިސާބެއްގައިވެސް، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އަސާސި ހައްޤެއް ގޮތުގައި ކަނޑައެޅިފައިވާ ކަމެއްކަމަށާއި، މިއަދު މި ހައްޤުގެ ދިފާޢުގައި އަޅުގަނޑުމެން އެއްވެތިބި ތިބުމުން ރަމްޒުކޮށްދެނީ އިންސާނީ މުޖްތަމަޢުއަށް ކުރިމަތިވާ މިފަދަ ކޮންމެ މައްސަލެއްގެ ހައްލު ހޯދެން އޮތީ އެކުވެރިކަމާއި މަޝްވަރާގެ އުސޫލުންކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް