ހާމިދު ބަލާލީ ނާޒިމާއަށެވެ. އޭނާގެ މޫނުމަތިން އެއްވެސް ވަރެއްގެ ކަންބޮޑުވުމެއް ނުފެނެއެވެ. އޭނާ އިނީ ވިހާކޮޓަރި ބޭރުގައިހުރި ގޮނޑިބަރީގައެވެ. އިރުއިރުކޮޅާ ފޯނުން ކޮންމެވެސް ނަމްބަރަކަށް ގުޅާލައެވެ. ކަންފަތުގައި ޖައްސައިގެން އިރުކޮޅަކު މަޑުކުރުމަށްފަހު ކަންފަތުން ނައްޓާލައެވެ. ހީވަނީ ކޮންމެވެސް މީހަކަށް ނުގުޅިގެން އުޅޭހެނެވެ. އެވަގުތު އެގުޅަނީ ކާކަށް ބާވައޭ ހާމިދުގެ ހިތަށް އެރިއެވެ.
ކުއްލިއަކަށް ސަރީފާ ހަނދާންވީ ފަހުދު މަތިންނެވެ. ޒާރާ ވިހާކޮޓަރިއަށް ވެއްދިފަހުން ފަހުދެއް ނުފެނެއެވެ. ޒާރާއަށް ވަމުންދާގޮތެއްވެސް ބަލާލެވޭނީ ފަހުދު ހުރިނަމަ ނޫންހެއްޔޭ ސަރީފާގެ ހިތަށް އެރިއެވެ. އެވަގުތު ފަހުދަށް ގުޅާލަން އޭނާ ބޭނުންވިއެވެ. ފޯނުނަގާ ފަހުދުގެ ނަމްބަރަށް ގުޅާލިއެވެ.
ފަހުދު ފޯނު ނުނެގުމުން ސަރީފާގެ ހާސްކަން އިތުރުވިއެވެ.
''ވެދާނެ ބިޒީކޮށް އުޅެނީ ކަމަށްވެސް......... ޑިއުޓީގަޑި ނޫނަސް ހޮސްޕިޓަލަށް ވަނީމަ އެމީހުން ވަރަށް ބިޒީވާނެ......ދެން ތިހާވަރަށް ކަންބޮޑުނުވޭ........ އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ދާނީ ރަނގަޅަށް.......'' ސަރީފާގެ ހާސްކަން ކުޑަކުރެވޭތޯ އަލިބެ މަސައްކަތް ކުރިއެވެ. އަލިބެ އަކީ ރަނގަޅު، އޯގާތެރި ފިރިއެކެވެ. ސަރީފާއާއި އަލިބެ ކައިވެނި ކުރުމުގެ ކުރިން ތިން ކައިވެނި ކޮށްފައިވިޔަސް އެއްވެސް ކައިވެންޏަކުން ދަރިއަކު ލިބިފައެއް ނުވެއެވެ. ކޮންމެ ކައިވެންޏެއްވެސް ރޫޅިގެންދިޔައީ އެ ސަބަބާހުރެއެވެ. ސަރީފާއާއި ކައިވެނި ކުރުމަށްފަހު ބެންކޮކަށް ކުރި ދަތުރުގައި ހެދި ޓެސްޓްތަކުން އަލިބެއަށް ދަރިން ނުލިބޭކަން އެނގުނެވެ. އޭރު އިމްރާންގެ އުމުރުން އެންމެ އަހަރެކެވެ. އިމްރާން އަކީ އުފަން ދަރިއެއްކަމުގައި ދެކި ބައްޕައެއްގެ ފުރިހަމަ ލޯބި ދީގެން އިމްރާން ބޮޑުކުރަން އެދުވަހުން ފެށިގެން އަލިބެ އަޒުމް ކަނޑައެޅިއެވެ. އަލިބެ ފަދަ ރަނގަޅު ފިރިއަކު ލިބުނުކަމަށްޓަކައި ސަރީފާ އިންތިހާއަށް އުފާކުރެއެވެ.
''ދެން ތިވަރަށް ނުވިސްނާ....... ހިނގާ އެތަނުގައި އިށީނދެލަން.......''އަލިބެ ސަރީފާގެ ކޮނޑުގައި ހިފަހައްޓާލަމުން އެތާހުރި ގޮނޑިބަރިއާ ދިމާއަށް އިޝާރާތް ކޮއްލިއެވެ.
''ތިކަހަލަ މާތް މީހަކު އަހަންނަށް ފިރިއެއްގެ ގޮތުގައި މިންވަރު ކުރެއްވީތީ ﷲ އަށް ޝުކުރުވެރިވަން.......'' ސަރީފާ ލޮލުން ވެއްޓެން ކައިރިވެފައިވާ ކަރުނަތިކި އަތުގެ ނުފުށުން ފޮހެލަމުން އަލިބެއާއެކު ގޮސް ގޮނޑިބަރީގައި އިށީނދެލިއެވެ.
ކުޑަ އިރުކޮޅަކަށްފަހު އިމްރާން އެނބުރި އައެވެ. އިމްރާންގެ ފަރާތުން އެނގުނުގޮތުގައި ދަރިފުޅު ބޮޑު ވުމުގެ ސަބަބުން ވިހެއުމުގައި މައްސަލަތަކެއް ކުރިމަތިވެދާނެކަމަށް ފެންނާތީ، ސިޒޭރިއަން ހަދަން ޖެހޭކަމަށް ބުންޏެވެ. އިސާހިތަކު އެކަމުގެ ހުރިހާ ތައްޔާރީތަކެއް ނިމިއްޖެއެވެ. ސޮއި ކުރަންޖެހޭ ލިޔުންތަކުގައި ސޮއިކުރީ އިމްރާނެވެ.
ސިޒޭރިއަން ހެދުމަށްޓަކައި ޒާރާ ތިއޭޓަރަށް ވެއްދީއްސުރެ އިމްރާންގެ ހިތް ތެޅެމުން ދިޔައީ އާދަޔާ ޚިލާފަށެވެ. އެހެންނަމަވެސް ކެތްތެރިކަމާއެކު އިންތިޒާރު ކުރުން ނޫންގޮތެއް ނެތްކަން އޭނާއަށް އެނގެއެވެ.
ސިޒޭރިއަންގެ ހުރިހާކަމެއް ނިމި ދަރިފުޅު ލޮލަށް ފެންނަވަރުވީ ދޮޅުގަޑިއިރެއްހާއިރު ފަހުންނެވެ. ޒާރާ އާއި ދަރިފުޅު ބަދަލުކުރީ ޕްރައިވެޓް ރޫމަކަށެވެ. އިމްރާނަށް ލިބުނީ އަންހެން ކުއްޖެއްކަން އެނގުނުވަގުތު އުފަލުން ގޮސް ލޮލުން ފެންއައެވެ.
''ހަމަ ޒާރާކަހަލަ ލޯބި ލޯބި ފުއްގަނޑެއް''....... ސަރީފާ މާމަ ދަރިފުޅު ގާތަށް ޖެހިލަމުން ނުހަނު ލޯބިން އެ ދަރިފުޅަށް ބަލާލިއެވެ.
ޒާރާގެ ގާތުގައި ލޯބިލޯބިކޮށް ނިލާލާފައިވާ ތުއްތު ދަރިފުޅާ ދިމާއަށް ހުރިހާ މީހުނަށް ބަލާލެވުނީ އެއްފަހަރާއެވެ. އެންމެންވެސް އެ ދަރިފުޅު ދެކިލަން ކެތްމަދުވެފައިވާ ކަހަލައެވެ. ދަރިފުޅު ފެނުމާއެކު އިމްރާންގެ ހިތް އުފަލުން ފުރުނެވެ. މަޑުމަޑުން އެދަރިފުޅުގެ ގާތަށް ޖެހިލިއެވެ. ތުއްތު ދަރިފުޅުގެ ފިޔާތޮށިކުލައިގެ މަޑު ކޯތާފަތުގައި ބޮސްދެވުނެވެ. އިމްރާނަށް ބަލާލެވުނީ ޒާރާ އާ ދިމާއަށެވެ. މަޑުމަޑުން ޒާރާ ގާތަށް އޭނާއަށް ޖެހިލެވުނީ ބޭއިޚްތިޔާރުގައެވެ. އެމަންޒަރު ސަރީފާއަށް ފެނުމާއެކު އެ ދެމަފިރިން އެކަނިވެލުމަށް ފުރުސަތު ދީފައި ބޭރަށް ޖެހިލަން ނިންމިއެވެ.
''މަންމަމެން އެބަ އަންނަން އެއްޗެއް ކާލައިގެން.......'' ސަރީފާ ނިކުންނަން ހިނގައިގަންނަމުން ގާތުގައި ތިބި ނާޒިމާގެ ދެމަފިރިންނަށް އަތުން އިޝާރާތް ކޮއްލިއެވެ. ހާމިދުގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަން ނާޒިމާއަށް ސިއްރެއް ނުވިއެވެ. އޭރު އެތަނުން ހާމިދު ނެރޭނެ ގޮތަކާ ދޭތެރޭގައި އޭނާ ވިސްނާތާ އިރުކޮޅެއް ވެއްޖެއެވެ. އެހެންކަމުން ލިބުނު ފުރުސަތުގެ ބޭނުންކޮށް ހާމިދުގެ އަތުގައި ހިފައިގެން ކޮޓަރީގެ ދޮރާދިމާއަށް ހިނގައިގަތެވެ.
''ތެންކިޔޫ.......ސޯ މަޗް'' ޒާރާގެ ނިތްކުރިމަތިން ވިހުރުވެމުންދިޔަ އިސްތަށިކޮޅެއް އެއްފަރާތް ކޮއްލަމުން އެނދުކައިރީގައި ހުރި ގޮނޑީގައި އިމްރާން އިށީނެދެލިއެވެ.
''ކޮންކަމަކަށް.... '' ޒާރާ ހިނިތުންވެލިއެވެ. އޭނާގެ ރީތި މޫނަށް ވެރިވެފައިވަނީ އިންތިހާ ޖަރަޖައިގެ އުފާވެރިކަމެކވެ. ތުންފަތުގައި ވަނީ ލުއި ހިނިތުންވުމެކެވެ. ދެލޮލުގައިވަނީ އުންމީދުގެ އުޖާލާ ވިދުވަރެކެވެ.
''މިހާ ލޯބި ލޯބި ކުއްޖެއްގެ ބައްޕައަކަށް އަހަރެން ވުމުގެ ފުރުސަތު ދިނީމަ.......'' އައިވީ ގުޅާފައިވާ ޒާރާގެ އަތް އިމްރާނުގެ އަތުތެރެއަށް ލަމުން އަނެއް އަތުން އެ އަތުގައި އޭނާ ފިރުމާލިއެވެ.
''އިމްރާނަށްވެސް ތޭންކްސް....... މިހާ ލޯބިލޯބި ކުއްޖެއްގެ މަންމައަކަށް އަހަރެން ހެދީމަ...... އަދި އަހަރެން ދެކެ ތިހާ ލޯބިވާތީ.........'' ޒާރާގެ އަތުގައި ހިފަހައްޓާލާފައިވާ އިމްރާނުގެ އަތަށް ފިއްތާލަމުން ޒާރާ ބަލާލީ އިމްރާންގެ ދެލޮލަށެވެ. އުފާވެރިކަމުގެ ޖަޒްބާތުގެ ސަބަބުބް އެ ދެލޯވަނީ ތެންމާލާފައެވެ.
''ދެން ތިވަރަށް ނުބަލާ.......'' ޒާރާ އަނެއް އަތުން މޫނު ފޮރުވާލިއެވެ.
''ނުބަލާ ހުރެވޭނީ ކިހިނެތް........ މިހާރު އަދި މާ ރީތި....... ހަށިގަނޑުވެސް........'' ލާނެތް ގޮތަކަށް އެއްލޯމަރާލަމުން ޒާރާގެ މޫނުމަތީގައި އަޅާފައިވާ އަތް އިމްރާން ދުރުކޮއްލިއެވެ. ޒާރާ ލޯމަރާލީ އިމްރާން އޭނާގެ މޫނާ ދިމާލަށް ގުދުވެ މޫނާ މޫނު ކައިރިކޮއްލުމުންނެވެ.
''އެހުމް....އެހުމް.........'' ޒާރާ އާ ދުރަށް އިމްރާނަށް ޖެހިލަން މަޖުބުރުވީ ފަހުދުގެ އަޑު އިވުމުންނެވެ. ނިކަން ގާތުންނެވެ.
''ގެއަށް ދެވެންދެންވެސް ކެތެއްނުކުރެވުނުދޯ..............'' ފަހުދު އިމްރާނާ ދިމާކޮއްލި އެވެ.
ޒާރާލަދުން ބޮނޑިވެލީ ބުރުގާ ނާޅާ އެފަދަ ގޮތަކަށް އޮއްވާ ފަހުދު ވަނުމުންނެވެ. ފަހުދުގެ ނަޒަރު ޒާރާގެ ބޮލުން ފެށިގެން ފައިތިލައާ ހަމައަށް ހިންގާލިއެވެ. ޒާރާއަށް އެކަން އެނގުނީ ފަހުދާ ދިމާއަށް ބަލަން އޮތް ޒާރާއަށް އެ ބެލުމުން އުނދަގޫވާން ފެށިއެވެ.
'' ހޮސްޕިޓަލަށް އައިގޮތަށް ކޮންތާކަށް ވަދެ އޮވެފަ ތި ނިކުތީ........އަދި ލޮލަށް މިފެނުނީ އައިފަހުން......'' ފަހުދު އިށީންނުމަށްޓަކައި އިމްރާން އިތުރު ގޮނޑިއެއް ކައިރިއަށް ޖައްސާލަދިނެވެ.
''އިންމަ އަށް ނޭގުނަސް ޑޮކްޓަރުންގެ ޒިންމާ ހާދަ ބޮޑޭ...... ފަހަރި ކަހަލަ ރީތި ކުއްޖަކު ހޯދަން ނޫޅެވިގެންވެސް މިއުޅެނީ ވަގުތު ނުވެގެން އެކަމަށްވެސް ......... ބޮޑުދައިތަވެސް އިންމައަށް ވިއްޔާ ''ބާބީޑޯލް'' އެއް ހޯދާދިނީ.......'' ފަހުދު ގޮނޑީގައި އިށީނުމުގެ ބަދަލުގައި ބޭބީ ގާތަށްގޮސް ބޭބީގެ ކުޑަކުޑަ އަތުގައި ފިރުމާލިއެވެ.
'' މަންމަވެސް ވަރަށްގުޅި.....ފޯނުވެސް ނެގީކީނޫން........'' އިމްރާން ޝަކުވާކޮއްލިއެވެ.
''ވީގޮތަކީ ........ މަގޭ ޕޭޝަންޓަކާ ދިމާވީ ....... ވަރަށް އެހެންހަކަލަ ގޮތެއް ދިމާވެފަ ހުރިމީހެއް.............ރޯޑް އެކްސިޑެންޓެއްގެ ސަބަބުން ބޮލަށް އަނިޔާވެ ކޯމާގަ ހައެއްކަމަސްވަންދެން އޮވެފަ އޭނާ ސަލާމަތްވެފައެހުރީ.........ވަރަށް ފަހުން އިންޑިއާއިން ބޮލުގެ އޮޕަރޭޝަނެއް ކޮއްގެން އައިސްއުޅެނީ ............ހަތަރުވަރަކަށްމަސް މިވީ އޭނާގެ ކަންތަކާ ހަވާލުވެގެންއުޅޭތާ.....'' ފަހުދު އޮޅުންފިލުވައިދިނެވެ.
''އެހެންތަ......... ވަރަށް ދެރަގޮތެއްދޯ އެދިމާވީ އޭނަޔަށް...........ދެން ފަހުދު ކަހަލަ ޑޮކްޓަރަކާ ދިމާވިކަން ރަނގަޅެއްނު.... .. މާ ބާރަށް ދުއްވާމީހުންގެ ސަބަބުން މިހާރު މަގުމައްޗަށް ނިކުންނަންވެސް ޖެހިލުންވޭ.......'' އިމްރާން ބަލާލީ ފަހުދުގެ މޫނަށެވެ.
''މަކަހަލަ މީހަކާ ދިމާވެގެން މީހަކަށް އުފަލެއް ލިބޭނަމަ ފަހަރިއަށް ލިބޭނެ ....... ދޮގެއްތަ އަޅެ.........'' ފަހުދު ހިނިގަނޑެއް ޖަހާލިއެވެ.
''ނޫނޭ ސީރިއަށްކޮށް މިބުނީ ....... ފަހުދަކީ މޮޅު ޑޮކްޓަރެއް ހަމަ.......... އެކި މީސްމީހުންގެ ފަރާތުން އިވިފައެބަހުރި ފަހުދުގެ ރަނގަޅުވާހަކަ........'' ފަހުދު ދައްކާ ބޭކާރު ވާހަކައަށް އެއްވެސް އިރަކު އިމްރާން ސަމާލުކަމެއް ނުދެއެވެ. އެހެންވެ ޒާރާއާ މުޚާތަކުކޮށް އޭނާ ބުނި އެއްޗަކަށް އިމްރާނަށް ސަމާލުކަމެއް ނުދެވުނެވެ.
''އޭނާއަށް ކޮންމެވެސް ވަރެއްގެ އެހީ ވާން ރަނގަޅު ދޯ............'' އިމްރާން އިނީ ވަރަށް ސީރިއަސް ވެފައެވެ. އެއީ އިމްރާންގެ ގޮތެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަހީ އިމްރާނުގެ ތަބީއަތުގައި ހަރުލާފައިވާ ސިފައެކެވެ. އެހެންވެ އެމީހާގެ ވާހަކަ ފަހުދު ދެއްކުމުން އެހީވާން ބޭނުން ވީކަމަށް ވެދާނެއެވެ.
''އެއްކަލަ އިންމަ....... އެއީ ނިކަމެއްޗެއް ނޫނޭ...... ވަޒީފާގަ ހުރި ޒުވާނެކޭ....... އަދި މީހަކާވެސް ނީނދެ......'' ފަހުދު އިތުރަށް އޮޅުންފިލުވައިދިނެވެ.
''ޒުވާނަކަސް އޭނާ ކިހާ ވޭނެއް ތަޙަންމަލުކޮއްފި.......... އަދިވެސް އެދަނީ ފަރުވާ ކުރަމުން...... ވަޒީފާގަ ހުއްޓަސް އަހަރެންދޭ އެއްޗަކުންވެސް އޭނާއަށް ފައިދާކުރާނެކަން ޔަގީން....... އޭނާގެ އެކައުންޓް ނަމްބަރު މަށަށް ފޮނުވާލަދޭތި ދެން ދިމާވާ ފަހަރަކުން.......'' އިމްރާން ކުރުނުކޮށް ކިޔަން ފެށުމުން ފަހުދަށް މަޖުބޫރުވީ އެއްބަސްވާށެވެ.
''ބައްދަލުވެސް ކޮއްދީފާނަން....... ގެއަށްތަ ދާންވީ ގޮވައިގެން.......'' ފަހުދު އެއްލޯމަރާލަމުން ޖެއްސުންކޮއްލިއެވެ. އެހެންނަމަވެސް ފަހުދު އެބުނި އެއްޗަކާ އިމްރާނަށް ގަޔާވެވުނެވެ. އެމީހާއާ ބައްދަލު ކުރުމަށްފަހު ބޭނުންވާ އެހީތެރިކަމެއް ފޯރުކޮއްދިނުމަކީ އެކަން ކުރެވޭނެ އެންމެފުރުހަމަ ގޮތް ކަމުގައި އިމްރާނަށް ގަބޫލުކުރެވުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް