ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއެކު ހުޅުވިގެން ދަނީ ބޮޑު ތިލަދުންމަތީ ތަރައްޤީގެ ދޮރޯށި: ރައީސް މުޢިއްޒު

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއެކު ހުޅިވިގެން ދަނީ އެއަރޕޯޓެއްގެ އިންފްރާސްޓްރަކްޗަރ އެކަނި ނޫން ކަމަށާ، ހުޅިވިގެން އެދަނީ ބޮޑު ތިލަދުންމަތީ ސަރަޙައްދުގެ ތަރައްޤީގެ ދޮރޯށި ކަމުގައި ވިދާޅުވެ، މި ފު...

10 Nov 2025 | 03:30
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއެކު ހުޅިވިގެން

ދަނީ އެއަރޕޯޓެއްގެ އިންފްރާސްޓްރަކްޗަރ އެކަނި ނޫން ކަމަށާ، ހުޅިވިގެން އެދަނީ ބޮޑު

ތިލަދުންމަތީ ސަރަޙައްދުގެ ތަރައްޤީގެ ދޮރޯށި ކަމުގައި ވިދާޅުވެ، މި ފުރުޞަތު ބޭނުން

ހުރިހާ ފަރާތްތަކުންވެސް ހިއްޕެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު

ގޮވާލައްވައިފިއެވެ.

މި މޭރުމުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދެއްކެވީ،

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީއާއެކު ޒަމާނީ ފެންވަރަށް ތަރައްޤީކުރެވުނު

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް، ހދ. ހަނިމާދޫގައި ރޭގައި

އޮތް ކުލަގަދަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް

ތަރައްޤީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އިންޑިއާގެ

ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޚާއްޞަ މަންދޫބު އަދި އިންޑިއާގެ މިނިސްޓަރ އޮފް ސިވިލް

އޭވިއޭޝަން،  ޝްރީ ކިންޖަރަޕު ރާމްމޯހަން ނައިޑޫވެސް

ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި

ވާހަކަފުޅުގައި، މި މަޝްރޫޢަކީ ތަޞައްވުރާއި، ބަދަލާއި، މިންނެތް މަސައްކަތުން ޙާޞިލުވާނެ

ކާމިޔާބު ރަމްޒުކޮށްދޭ މަޝްރޫޢެއްކަން ފާހަގަކުރެއްވިއެވެ. 2022 ވަނަ އަހަރުގެ ފަހުކޮޅު

މަސައްކަތް ފެށި ކަމުގައި ވީ ނަމަވެސް، މަސައްކަތުގެ ދުވެލި މަޑުޖެހި، ރައްޔިތުންގެ

މެދުގައި ކަންބޮޑުވުން އުފެދިފައި ވަނިކޮށް، ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައްޔިތުންނަށް

ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް، މަސައްކަތުގެ ދުވެލި ބާރު ކުރައްވައި، ކާމިޔާބު

ކަމާއެކު އެ ވަޢުދުފުޅު ފުއްދަވައިދެވިއްޖެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އުތުރުގެ ރަށްތަކަށް ލިބިފައިވާ ޤާބިލުކަން

ހާމަވެ، މި އެއަރޕޯޓްގެ ޒަރިއްޔާއިން މުޅި ދުނިޔެއާ އެ ރަށްތައް ގުޅާލެވިގެން ދިޔައީ

ކަމުގައި ސިފަކުރައްވައި، ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ،

ހުޅުވިގެން ދިޔަ ރަނުގެ މި ފުރުޞަތުގެ ބޭނުން ހުރިހާ ފަރާތްތަކުންވެސް ހިއްޕެވުމަށް

ގޮވާލައްވާފައެވެ. އެގޮތުން ބައިނަލްއަޤުވާމީ އެއަރލައިންތަކުން ހަނިމާދޫ އިންޓަރނޭޝަނަލް

އެއަރޕޯޓަށް ދަތުރުތައް ފެށުމަށް ގޮވާލައްވައި، ދިވެހި ވިޔަފާރިތަކުންވެސް އުތުރުގައި

އިންވެސްޓްކުރާ މިންވަރު އިތުރުކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.

އިޤްތިޞާދީ ކުރިއެރުމާއެކު އާންމު ރައްޔިތުންގެ ފުދުންތެރިކަން

އިތުރުކުރުމަށް އަދުގެ ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅާ އެއްގޮތަށް، ހަނިމާދޫ

އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވުމާއެކު އެކި ގޮތްގޮތުން ވަޒީފާގެ ފުރުޞަތުތައް

އިތުރުވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ވަކީން ޚާއްޞަކޮށް، ހދ. ނާގޯށީގައި ތަރައްޤިކުރެވޭ ރިސޯޓާއެކު، ފަތުރުވެރިކަމުގެ ދާއިރާއިންވެސް

އުތުރުގެ ސަރަޙައްދަށް ކުރިއެރުން ލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

2465 މީޓަރުގެ ރަންވޭއަކާއެކު

ތަރައްޤީކުރެވުނު ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް މިރޭ،

އެ ރަންވޭއަށް އެންމެ ފުރަތަމަ ޖައްސާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅުކުރެއްވި،

މޯލްޑިވިއަންގެ އޭ-320 މަރުކާގެ މަތިންދާބޯޓެވެ. މިއީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ

ތާރީޚުގައި އެއެއަރޕޯޓަށް ޖެއްސި އެންމެ ބޮޑު މަތިންދާބޯޓެވެ. މި ފްލައިޓްގެ ކެޕްޓަންކަން

ކުރެއްވީ، ހދ. ހަނިމާދޫއަށް ނިސްބަތްވެވަޑައިގަންނަވާ ޕައިލެޓެކެވެ.

2012 ވަނަ އަހަރު ހަނިމާދޫ

ވައިގެ ބަނދަރު، ބައިނަލްއަޤުވާމީ އެއަރޕޯޓަކަށް ބަދަލުކުރިނަމަވެސް، އެއަރޕޯޓުގެ ތަރައްޤީގެ

ދުވެލި މަޑުޖެހިފައި އޮތް އޮތުން ނިމުމަކަށް ގެނެސްދެއްވައި، އެއަރޕޯޓުގެ މަސައްކަތް

ނިންމަވައި، ކުލަގަދަ ރަސްމިއްޔާތަކާއެކު މިރޭ ރަސްމީކޮށް ހުޅުވިގެންދިޔަ ހަނިމާދޫ

އިންޓަރނޭޝަނަލް އެއަރޕޯޓަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިތުރުން ރާއްޖޭގެ

އެއަރޕޯޓެއްގައި ފުރަތަމަ ފަހަރަށް އެއިރޯ ބުރިޖު ބޭނުން ކުރެވޭ ގޮތަށް ތަރައްޤީ ކުރެވުނު

އެއަރޕޯޓެވެ.

އުތުރުގެ ރަށްތަކަށް އިޤްތިޞާދީ ގޮތުން އިންޤިލާބީ ކުރިއެރުންތަކެއް

ގެނެސްދޭނެ އައު ޞަފުޙާއެއްގެ ގޮތުގައި މިރޭ ހުޅުވި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި

ތަރައްޤީކޮށްފައިވާ އައު ޕަސެންޖަރ ޓަރމިނަލަކީ، އަހަރަކު 1.3 މިލިއަން ފަސެންޖަރުންނަށް

ޚިދުމަތް ދެވޭ ފެންވަރަށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ

10380 އަކަ މީޓަރުގެ ބޮޑު ޓަރމިނަލެކެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ

ޙަވާލުވެވަޑައިގެން، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަސައްކަތުގެ 70 ޕަސެންޓް ފުރިހަމަކޮށް

ނިންމަވައި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މިރޭ ރަސްމީކޮށް ހުޅިވިގެންދިޔަ ފަދައިން،

ތަރައްޤީގެ ދެން ހުރި މަޝްރޫޢުތައްވެސް ހަލުވި ދުވެލީގައި ކުރިއަށް ގެންގޮސްދެއްވާނެ

ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހި ރައްޔިތުންނަށް މިރޭވެސް

ވަނީ ތަކުރާރުކޮށް ދެއްވާފައެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް

މިރޭ އޮތް ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި،

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠިފާއި، ދަޢުލަތުގެ

އިސްވެރިންނާއި، ބޭރުގެ ޢިއްޒަތްތެރިންނާއި، ދިވެހިރާއްޖޭގެ އެކި މުއައްސަސާތަކުގެ

އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ. މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ

ދެކަނބަލުންނާއި، ވަފުދުގެ ބޭފުޅުން ވަނީ، އަލަށް ތަރައްޤީކުރި އެއަރޕޯޓާއި، ޓަރމިނަލް

ބައްލަވާލައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް