މަލާލާ ޔޫސުފް ކައިވެނިކޮށްފި

ނޯބަލް ސުލްހައިގެ އިނާމު ހާސިލް ކޮށްފައިވާ ޕާކިސްތާނުގެ މަޝްހޫރު މަލާލާ ޔޫސުފްޒައި ކައިވެނިކޮށްފި އެވެ. ކައިވެނި ކުރިކަން މަލާލާ ހާމަކުރީ ރަސްމީ ޓުވީޓާ އެކައުންޓު މެދުވެރިކޮށެވެ. އުމުރުން 24 އަހަރުގެ ...

10 Nov 2021 | 04:12

ނޯބަލް ސުލްހައިގެ އިނާމު ހާސިލް ކޮށްފައިވާ ޕާކިސްތާނުގެ މަޝްހޫރު މަލާލާ ޔޫސުފްޒައި ކައިވެނިކޮށްފި އެވެ.

ކައިވެނި ކުރިކަން މަލާލާ ހާމަކުރީ ރަސްމީ ޓުވީޓާ އެކައުންޓު މެދުވެރިކޮށެވެ. އުމުރުން 24 އަހަރުގެ މަލާލާ ކައިވެނިކޮށްފައިވަނީ އައްސަރް މާލިކް އާއި އެވެ.

ކައިވެނީގެ ހަފްލާ ބާއްވާފައިވަނީ އިނގިރޭސިވިލާތުގެ ބާމިންހަމްގައި އެވެ. މަލާލާ ދިރިއުޅެނީ އެ ސިޓީގަ އެވެ.

މަލާލާ ޓުވިޓާގައި ބުނެފައި ދެމީހުން އެކުގައި ދިރިއުޅުމައިގެން ކުރިޔަށްދާން ވަރަށް ހިތްހަމަޖެހިފައި ތިބި ކަމަށެވެ. ދެމީހުން ކައިވެނި ކޮށްފައިވަނީ ވަރަށް ކުޑަ ހަފްލާއެއްގައި ހަމައެކަނި ދެ ފަރާތު އާއިލާގެ ހާޒިރުގަ އެވެ.

https://twitter.com/Malala/status/1458128016157052938

މަލާލާގެ ފިރިމީހާ އައްސަރަކީ ޕާކިސްތާނުގެ ކުޅިވަރުގެ ދާއިރާގަ ފާހަގަ ކުރެވޭ މީހެކެވެ. އޭނާ މިހާރު އަދާ ކުރަމުންދާ މަގާމަކީ ޕާކިސްތާނުގެ ކްރިކެޓް ބޯޑުގެ ޖެނެރަލް މެނޭޖުގެ މަގާމެވެ.

މި ދެމީހުން ކައިވެންޏާ ހިސާބަށް ދިޔައީ ކިހާ ދުވަހެއްގެ ގުޅުމަކުން ކަން ނޭނގުނު ނަމަވެސް 2019 ވަނަ އަހަރުން ފެށިގެން ދެމީހުން ދަންނަކަން އައްސަރްގެ އިންސްޓަގްރާމުން ހާމަވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެއީ އެ އަހަރު އިނގިރޭސިވިލާތުގައި އޮތް ކްރިކެޓް މެޗެއްގައި ޕާކިސްތާނު ބައްދަލު ކުރި އިރު ނަގާފައިވާ ގްރޫޕު ފޮޓޯއެއްގައި އައްސަރު ކައިރީގައި މަލާލާ ހުރުމުންނެވެ.

މަލާލާ އަކީ ނޯބަލް ސުލްހައިގެ އިނާމު އެންމެ ހަގު އުމުރުގައި ހޯދި މީހާ އެވެ. އޭނާއަށް އެ އިނާމު އުމުރުން 17 އަހަރުގައި ލިބުނީ އަންހެން ކުދިންގެ ތައުލީމަށް އޭނާ ކުރަމުންދާ ވަކާލާތާއި ގުޅިގެންނެވެ.

އޭނާ ދުނިޔެއަށް މަޝްހޫރުވީ އުމުރުން 15 އަހަރުގައި އަންހެން ކުދިންނަށް ތައުލީމު ދިނުމަށް ވަކާލާތު ކުރާތީ ތޯލިބާނުން އޭނާގެ ބޮލަށް ބަޑި ޖެހުމުންނެވެ. ގިނަ އޮޮަޕަރޭޝަންތަކެއް ކޮށްގެން މަލާލާ ސަލާމަތްވީ އިނގިރޭސިވިލާތުން ފަރުވާ ހޯދައިގެންނެވެ. އޭގެ ފަހުން އޭނާގެ އާއިލާ ދިރިއުޅެމުންދަނީ އެ ގައުމުގައި އެވެ.

އަދި މަލާލާ މިހާރު ވަނީ އޮކްސްފޯޑު ޔުނިވާސިޓީން ޑިގްރީ ހާސިލްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް