އިންޑިޔާ ސަރުކާރުގެ ދައުވަތަކަށް، ރާއްޖެ ވަޑައިގެން އުޅުއްވާ އެޤައުމުގެ ފޮރިން ސެކްރެޓަރީ ޝްރީ ހަރްސް ވަރްދަން ޝްރިންގްލާއާ، ވާދަވެރި ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަންގެ އިސްވެރިންނާއި އެޑްވައިޒަރުން މިއަދު ބައްދަލުކުރައްވައިފިއެވެ.
މާލޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަންގައި ބޭއްވުނު ބައްދަލުވުމުގައި، ޕީ.ޕީ.އެމް.-ޕީ.އެން.ސީ. ގެ ބޭފުޅުންވަނީ، ޕީ.ޕީ.އެމް. ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ސަރުކާރުން ނުޙައްޤުން ދެމުންދާ އަނިޔާތަކާމެދު ވާހަކަފުޅު ދައްކަވާފައެވެ.
އެގޮތުން އެމަނިކުފާނުގެ ޝަރީއަތަކީ ބައިނަލްއަޤްވާމީ އުޞޫލުތަކާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާ އެތައްގޮތަކުން ފުށޫއަރާ ޝަރީއަތެއްކަމަށް އެ ކޯލިޝަނުން ވަނީ ފާހަގަކޮށްފަ އެވެ. އަދި، ޖަލުގައި ހުންނަވާތާ އެއް އަހަރާ ގާތްވަމުންދާ ރައީސް ޔާމީންގެ އިސްތިޢްނާފުގެ މައްސަލައާމެދު ހުރި ކަންބޮޑުވުންތައްވެސް ޙިއްޞާކުރައްވާފައެވެ.
މީގެ އިތުރުން ޝަރުއީ ދާއިރާއަށް ސަރުކާރުން ސީދާ ފޯރުވަމުންދާ ނުފޫޒުގެ ވާހަކައާއި ޤާނޫނު އަސާސީން ވަކިވާންޖެހޭ ބާރުތަކުގެ ތެރެއްއިން ޝަރުއީ ދާއިރާއަށް ފޯރުވަމުންދާ ނުފޫޒުގެ އެންމެ ބޮޑު އަސްލަކީ ޖުޑިޝަލް ސަރވިސް ކޮމިޝަންކަމުގައި ވެސް ވަނީ ފާހަގަކުރައްވާފައެވެ.
ރައްޔިތުންގެ އެންމެ ގިނަ ބައެއްގެ ތާއީދު އޮތް ސިޔާސީ ލީޑަރަކީ ރައީސް ޔާމީންކަމަށްވީހިނދު، ނުޙައްޤުން އެމަނިކުފާނު ހައްޔަރުގައި ބަހައްޓައިގެން ސަރުކާރުން ހިންގަމުންދާ ޖަރީމާތަކުން ދޭހަވަނީ، މިސަރުކާރަކީ ޑެމޮކްރަސީއަށް ކުޑަވެސް އިޙްތިރާމެއް ނެތް ބައެއްކަމަށް އެބޭފުޅުން ހާމަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ކޯލިޝަންގެ ކަންބޮޑުވުން ހުރި ތަފާތު ކަންކަން ހުށައެޅިއެވެ. އަދި ސްޕެޝަލް އެޑްވައިޒަރ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަންވަނީ އިންޑިޔާއިން ރާއްޖެއަށް ވެދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ދިވެހި ރައްޔިތުން ތަމްޞީލުކުރާ އެންމެހާ ފަރާތްތަކާ މަޝްވަރާކުރުމަކީ އިންޑިޔާގެ ސިޔާސަތުކަމާއި، ދެއްވި ދަޢުވަތު ޤަބޫލުފުޅުކުރައްވާ ވާދަވެރި ސިޔާސީ ލީޑަރުން އެމަނިކުފާނާ ބައްދަލުކޮށްލައްވަން ވަޑައިގެންކަމަށްޓަކައި، ފޮރިން ސެކްރެޓަރީ ޝްރިންގްލާ ޝުކުރު އަދާކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް