ޕްރިމިއާ ލީގު: ފަސް ކުޅުންތެރިން ބަދަލުކުރެވޭ އުސޫލަށް އަމަލުކުރުމަށް ކުލަބްތަކުން ގޮވާލައިފި

މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި ފަސް ކުޅުންތެރިން ބަދަލުކުރެވޭ އުސޫލަށް އަމަލު ކުރުމަށް އެ ލީގުގެ ކުލަބުތަކުން ގޮވާލައިފި ކަމަށް ރިޕޯޓުތަށް ބުނެފިއެވެ. މެޗެއްގެ ތެރެއިން ފަސް ކުޅުންތެރިން ބަދަ...

10 Nov 2020 | 08:56

މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި ފަސް ކުޅުންތެރިން ބަދަލުކުރެވޭ އުސޫލަށް އަމަލު ކުރުމަށް އެ ލީގުގެ ކުލަބުތަކުން ގޮވާލައިފި ކަމަށް ރިޕޯޓުތަށް ބުނެފިއެވެ.

މެޗެއްގެ ތެރެއިން ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދު އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިފެބް) އިން ފާސްކޮށްފައިވަނީ ކޮވިޑް-19 އަށްފަހު ފުޓްބޯޅަ އަލުން ފެށުމުގެ ގޮތުން ފީފާއިން ހުށަހެޅުމުންނެވެ. މި ބަދަލު ގެންނަން އައިފެބުން ފާސްކުރީ ކުޅުންތެރިންނަށް ލިބޭ ވަރުބަލިކަމާއި، އަނިޔާތައް މަދުކުރުމުގެ ގޮތުންނެވެ. އެކަމަކު މި ކަމުގައި އެންމެ ފަހު ގޮތްތަކެއް ނިންމާނީ ލީގުތަކުގެ ބޯޑުންނެވެ.

އެގޮތުން ކޮވިޑް-19 ގެ ބްރޭކަށްފަހު މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު އަލުން ފެށިއިރު، ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދަށް އަމަލުކުރިއެވެ. އެކަމަކު މި ސީޒަނުގައި އެ ގަވާއިދަށް އަމަލުނުކުރަން ވަނީ ނިންމާފައެވެ.

ޔޫރަޕުގެ ގަދަ ފަސް ލީގުގެ ތެރެއިން ފަސް ކުޅުންތެރިން ބަދަލުކުރެވޭ އުސޫލަށް އަމަލުނުކުރާ ހަމައެކަނި ލީގަކީ އިނގިރޭސި ޕްރިމިއާ ލީގަށް ވާއިރު، ޔުއެފާގެ ހުރިހާ މުބާރާތްތަކެއްގައި ވެސް ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދަށް އަންނަނީ އަމަލުކުރަމުންނެވެ. މި މައްސަލައާއި ގުޅިގެން ޕްރިމިއާ ލީގުގެ ގިނަ ކުލަބުތަކެއްގެ ކޯޗުން އަންނަނީ ޕްރިމިއާ ލީގުގައި ފަސްކުލޫންތެރިން ބަދަލު ނުކުރެވޭ ގޮތަށް ނިންމާފައިވާ މި އުސޫލަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

އެގޮތުން އެންމެ ބޮޑަށް މި އުސޫލަށް ފާޑު ކިޔާފައިވާ އެއް ކޯޗަކީ ސިޓީގެ ކޯޗު ގާޑިއޯލާއެވެ. މި މައްސަލައާއި ގުޅިގެން ގާޑިއޯލާ ކަންބޮޑުވުން ފާޅުކުރާއިރު، އޭނާ ބުނެފައިވަނީ މި ސީޒަނުގައި ގާތް ގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހިފައިވުމާއެކު އެކަމުގެ އަސަރު ކުޅުންތެރިންނަށް ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދަށް އަމަލުކުރުމަށް ގާޑިއޯލާ ވަނީ ޕްރިމިއާ ލީގުގެ ބޯޑަށް ގޮވާލާފައެވެ.

ގާޑިއޯލާގެ އިތުރުން ލިވަޕޫލްގެ ކޯޗު ޖާގަން ކްލޮޕްވެސް ވަނީ ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދަށް އަމަލުކުރުމަށް ޕްރިމިއާ ލީގުގެ ބޯޑަށް ގޮވާލާފައެވެ. ޕްރިމިއާ ލީގުގެ ބޯޑުން ނިންމާފައިވާ މި ނިންމުމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުން ކްލޮޕް ބުނީ މި ދަނޑިވަޅުގައި ތިން ކުޅުންތެރިން ބަދަލުކުރެވޭ ގޮތަށް ހެދުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެ ނިންމުން އަނބުރާ ގެންގޮސް ފަސް ކުޅުންތެރިންނަށް ބަދަލު ކުރެވޭ އުސޫލަށް ބަދަލު ކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ކްލޮޕް ބުނީ އޭނާ ކަންބޮޑުވަނީ ކުޅުންތެރިންނާ މެދު ކަމަށާއި، ޔޫރަޕުގެ އެހެން ހުރިހާ ލީގެއްގައި އެ ގަވާއިދަށް އަމަލުކުރާއިރު، ޕްރިމިއާ ލީގުގައި އެ ގަވާއިދަށް އަމަލުނުކުރަންވީ ސަބަބެއް ނެތް ކަމަށެވެ. ކްލޮޕްގެ އިތުރުން އެހެން ކުލަބުތަކުން ވެސް ދަނީ މިކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް