ސްކިލްސް ފޮރ އަ ރިޒިލިއަންޓް ވާރކްފޯސް ޕްރޮގްރާމްގެ ދަށުން ހިންގި "ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް" ދާއިރާގެ ކޯސްތަކުގެ ދަރިވަރުން އިންޓަރންޝިޕް ހަދަން ފަށައިފި އެވެ.
މި ޕްރޮގްރާމްގެ ދަށުން ހިންގި "ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް" ދާއިރާގެ ބައެއް ކޯސްތަކުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 16 ދަރިވަރަކު، އޮންލައިންކޮށް ހިންގި އެ ކޯސްތަކުގެ އެންމެހާ ބައިތައް ފުރިހަމަކޮށް، މި ނޮވެންބަރު މަހުގެ 6 ވަނަދުވަހު އިންޓަރންޝިޕް ވަނީ ފަށައިފައެވެ.
މިގޮތުން، އިންޓަރޝިޕް ފަށާފައިވަނީ، ސެޓްފިކެޓް 3ގެ ފެންވަރަށް ހިންގި، ފްރޮންޓް އޮފީސް ސަރވިސް ކޯހާއި، ބޭކަރީ އެންޑް ޕޭސްޓްރީ ކޯހާއި، ފުޑް ޕްރޮޑަކްޝަން ކޯހުގެ ދަރިވަރުންނެވެ.
މި ދަރިވަރުން 4 މަސްދުވަހުގެ އިންޓަރންޝިޕް ހަދަން ފަށާފައިވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ރިސޯޓްތަކާއި ރެސްޓްރޯންޓްތަކުގައެވެ.
އެގޮތުން، އަދާރަން ކްލަބް ރަންނާޅި، ހެރިޓަންސް އާރަށް، ސަން ޝިޔާމް އޮޅުވެލި، ސަން ޝިޔާމް ވިލުރީފް، ސަން ޝިޔާމް އިރުފުށި، ލަކްސް ސައުތުއަރި، އަދި ބުރުޒު ކޭޓަރިންގގައި ދަރިވަރުން ޙަރަކާތްތެރިވަމުންދާނެއެވެ.
މަސައްކަތުގެ މާޙައުލަށް ދިވެހިން ނެރެދެއްވުމަށް މިތަންތަނުން މި ދެއްވާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރަމެވެ.
މި ޕްރޮގްރާމްގެ ދަށުން ފަށައިފައިވާ ކޯސްތަކުގެ ފުރަތަމަ ބެޗުގައި 80 ދަރިވަރުން ބައިވެރިވެފައި ވެއެވެ. 62 ދަރިވަރަކު ވަނީ، އޮންލައިންކޮށް ހިންގި ތިއަރީ ކްލާސްތައް ނިންމައި ފާސްވެފައެވެ.
މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ޓޫރިޒަމާއި، މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެއްބާރުލުމާއެކު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށުން ހިނގަމުންދާ ޕްރޮގްރާމެކެވެ.
މޯލްޑިވްސް ޕޮލީޓެކްނިކްގައި ހިންގައި މިހާތަނަށް ނިމުނު ކޯސްތައް ކުރިއަށް ގެންދިއުމުގައި ގިނަ ރިޒޯޓްތަކެއްގެ އެހީތެރިކަމާއި، "މަޓީ"ގެ އެހީތެރިކަން ވެސް ވަރަށް ބޮޑަށް ލިބިފައިވެއެވެ.
އެ ހުރިހާ ފަރާތްތަކަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ޝުކުރު ދަންނަވައެވެ.
"ސްކިލްސް ފޮރ އަ ރިޒިލިއަންޓް ވަރކްފޯސް" އަކީ ކޮވިޑް-19ގެ ދަތި ހާލަތުން ދިވެހިރާއްޖެ އަރައިގަނެ، އިޤްތިޞާދީ މަސައްކަތްތައް އަލުން ފެށިގެންދާއިރު، ބިދޭސީން ގިނައިން މަސައްކަތް ކުރާ، ރާއްޖޭގެ މުހިންމު އެކިއެކިޞިނާޢަތްތަކަށް ދިވެހީން ތަމްރީނުކުރުމަށް ދިވެހި ސަރުކާރުގެ އިސްނެމުގެ ދަށުން ފަށާފައިވާ ޚާއްޞަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ސަބަބުން ދިވެހިރާއްޖޭގެ ޞިނާޢަތްތަކަށް ބޭނުންވާ ހުނަރުވެރި ދިވެހީން ވަޒީފާގެ ބާޒާރަށް ނެރުމާއި އިޤްތިޞާދީ ޙަރަކާތްތަކުގައި ބައިވެރިވުން އިތުރުވުމަށް މަގުފަހިވެގެން ދާނެއެވެ.
މި ޕްރޮގްރާމްގެ ކޯސްތައް ކުރިއަށް ގެންދަނީ އެޗް.ޕީ.އޭ އިން ކަނޑައަޅުއްވާފައިވާ ޞިއްޙީ ރައްކާތެރިކަމުގެ މިންގަޑުތަކަށް ވެސް ރިޢާޔަތްކޮށްގެން، މިހާރުގެ ޞިއްޙީ ރައްކާތެރިކަމުގެ އުސޫލުތަކާ އެއްގޮތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް