ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޭޝް އެޖެންޓުން މެދުވެރިކޮށް ހިލޭ ފައިސާ ނެގޭގޮތް ހަމަޖައްސައިފި އެވެ.
މިހާތަނަށް އެ ހިދުމަތް ދެމުން އައީ ކޮންމެ ޓްރާންސެކްޝަނަކަށް 10 ރުފިޔާގެ ފީއަކާއި އެކު އެވެ. ބީއެމްއެލްގެ ކޭޝް އެޖެންޓުން މެދުވެރިކޮށް ކޮންމެ ދުަވަހަކު ގިނަވެގެން 2،000 ރުފިޔާ ނެގެ އެވެ.
ބީއެމްއެލްއިން ބުނީ މިއަދުން ފެށިގެން އެ ހިދުމަތް ހިލޭ ލިބޭނެ ކަމަށެވެ. އަދި އޭޓީއެމްއަށް ނުގޮސް ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ދެއްކުމާއި ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.
މި ހިދުމަތް ހިލޭ ދޭން ފެށުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔަރ ވިދާޅުވީ މި ހިދުމަތުން ފީ ނެގުން ހުއްޓާލީ ކަސްޓަމަރުންނަށް އަގުހުރި ހިދުމަތެއް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށެވެ. އަދި ބޭންކުގެ އޭޓީއެމްގެ ހިދުމަތެކޭ އެއްފަދައިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމާއި ފައިސާދެއްކުމުގެ ހިދުމަތް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
ޓިމް ސޯޔާރ އިތުރަށް ވިދާޅުވީ ކޭޝް އެޖެންޓް ވިއުގަ ފުޅާކުރެވިގެންދިޔުމާއެކު ބޭންކުގެ ހިދުމަތް ހޯދުމަށް އެންމެ ކައިރީގައިވާ އޭޓީއެމް ނުވަތަ ބްރާންޗަށް ކަސްޓަމަރުން ކުރަންޖެހޭ ދަތުރުތައް ނިމުމަކަށް ގެނެވިފައިވާ ކަމަށެވެ.
ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ ނެގުމުގެ ހިދުމަތް ދޭ 200 ކޭޝް އެޖުންޓުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެބަތިއްބެވެ. އޭގެ ތެރެއިން 40 އެޖެންޓުން މެދުވެރިކޮށް އެކައުންޓުން ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމުގެ ހިދުމަތާއި ފައިސާ ދެއްކުމުގެ ހިދުމަތް ލިބޭނެ އެވެ.
މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށްޓަކައި ކޭޝް އެޖެންޓުންގެ ހިދުމަތް ތައާރަފް ކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ. މިއީ ބޭންކުގެ ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނެތް ރަށްރަށުގައި އަސާސީ ބޭންކިން ހިދުމަތް ދިނުމަށް ތައާރަފްކުރެވުނު ހިދުމަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް