އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އެކައުންޓެންޓުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސާނަވީ ދަރިވަރުންނަށް އަމާޒުކޮށްގެން ކެރިއާ ގައިޑެންސް ވެބިނާއެއް ބާއްވަން ނިންމައިފި އެވެ.
ސީއޭ މޯލްޑިވްސްއިން ބުނީ އެ ވެބިނާގައި މާލެ ސިޓީ، ކުޅުއްދުފުށި ސިޓީ އަދި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގެ ސުކޫލުތަކާ ގުޅިގެން އެ ސުކޫލުތަކުގެ ދަރިވަރުންގެ ބައިވެރިވުމުގެ އިތުރުން، ފޭސްބުކް ލައިވް މެދުވެރިކޮށް މުޅި ރާއްޖޭގެ ހުރިހާ ސްކޫލުތަކަށްވެސް ބައިވެރިވެވޭ ގޮތަށް ވަނީ ހުޅުވަލައިފަ އެވެ.
ސެޝަނުގައި މައުލޫމާތު ދެއްވާނީ އެކައުންޓިން ދާއިރާގެ ތަޖުރިބާކާރު ދިވެހި ބޭފުޅުންނެވެ.
ކޮންމެ އަހަރެއްގަ ވެސް ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހަކީ އެކައުންޓެންޓުގެ ދުވަހެވެ. އެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސީއޭ މޯލްޑިވްސްގެ އިންތިގާލީ ރައީސް އޮޑިޓާ ޖެނެރަލް ހަސަން ޒިިޔަތު ވަނީ ހިތާބެއް ދެއްވާފަ އެވެ.
އެ ހިތާބުގައި ޒިޔަތު ވިދާޅުވީ، ގައުމުގެ ވިޔަފާރީ އާއި އިގްތިސޯދުގެ ދާއިރާއަށް އެކައުންޓެންޓުން މުހިންމު ކަމަށެވެ. އަދި ސަސްޓެއިނަބަލް ޑިވެލޮޕްމެންޓަށް ބޭނުންވާ ހިންގުމާއި ދެފުށްފެންނަ ނިޒާމެއް ގާއިމް ކުރުމުގައި އެކައުންޓެންޓުގެ ރޯލު މަތިން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. އިތުރަށް ވިދާޅުވީ މިއަހަރުގެ ސެޕްޓެމްބަރު މަހު ތަސްދީގުކުރި އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސްގެ ގާނޫނުން އުފެދުނު ސީއޭ މޯލްޑިވްސްގެ ސަބަބުން ރާއްޖޭގެ އެކައުންޓެންޓުންގެ މުސްތަގުބަލަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް