އަތޮޅު ތެރޭގައި ފައުންޑޭޝަލް ލެވެލް އާއި ޕްރީ ސްކޫލްތައް ފެށުމުގެ ހުއްދަ ދީފި

އަތޮޅު ތެރޭގެ ސަރުކާރު ސްކޫލްތަކުގެ ފައުންޑޭޝަލް ލެވެލްގެ ދަރިވަރުންގެ ކިޔެވުމާއި ޕްރީ ސްކޫލްތައް ފެށުމުގެ ހުއްދަ ދީފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިމަހުގެ 15 ވާ އާދިއްތަ ދުވަހުން ފެށިގެން ދަ...

10 Nov 2020 | 06:52

އަތޮޅު ތެރޭގެ ސަރުކާރު ސްކޫލްތަކުގެ ފައުންޑޭޝަލް ލެވެލްގެ ދަރިވަރުންގެ ކިޔެވުމާއި ޕްރީ ސްކޫލްތައް ފެށުމުގެ ހުއްދަ ދީފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިމަހުގެ 15 ވާ އާދިއްތަ ދުވަހުން ފެށިގެން ދަރިވަރުން ހާޒިރު ކޮށްގެން ޕްރީ ސްކޫލްތަކުގައި ކިޔަވައިދޭން ފެށޭނެ ކަމަށެވެ. އަދި ފައުންޑޭޝަން ލެވެލް ކަމަށްވާ އެލްކޭޖީ އަދި ޔޫކޭޖީ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން ފަށާނެ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މިގޮތަށް ނިންމީ ރާއްޖޭގެ ކޯވިޑް-19 ގެ ހާލަތަށް ބަލައި އެޗްޕީއޭގެ ލަފާގެ މަތިން ކަމަށެވެ.

ކޯވިޑް-19 ގެ ލޮކްޑައުނަށް ފަހު ޖުލައި އެއް ވަނަ ދުވަހުން ފެށިގެން އަތޮޅު ތެރޭގެ ސްކޫލްތަކުގައި ކިޔަވައިދެމުން އަންނަނީ ގްރޭޑް 1-12 އަށެވެ. އަދި ފުރަތަމަ ހަފްތާއަކު ހަތަރު ދުވަހު ހަތަރު ގަޑިއިރު ކިޔަވައިދިނުމަށް ފަހު މިހާރު ވަނީ ހަފްތާއަކު ހަތަރު ދުވަހު ކޮންމެ ދުވަހަކު ކިޔަވައިދޭ ވަގުތު ފަސް ގަޑިއިރަށް އިތުރުކޮށްފައި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ގެެންދަނީ ސްކޫލް މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ކަން ބެލެނިވެރިންނަށް ކަށަވަރުކޮށްދެމުންނެވެ. އެޗްއީއޯސީން ބުނީ މިހާތަނަށް އެއްވެސް ރަށެއްގައި ސްކޫލް މާހައުލުގައި ކޯވިޑް ފެތުރިފައި ނުވާ ކަމަށެވެ.

ކޯވިޑް-19 ހާލަތުގައި ސްކޫލްތަކަށް ދަރިވަރުން ގެންގޮސް ކިޔަވައިދެނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު އެވެ. އެގޮތުން ސްކޫލް ތެރޭގައި މާސްކު އަޅަން ޖެހޭއިރު ދަރިވަރުން ސްކޫލަށް ވައްދަނީ ފިނިހޫނުމިން ބަލައި އަތް ދޮވުމަށް ފަހު އެވެ.

އަތޮޅު ތެރޭގައި ހުރިހާ ގްރޭޑަކަށް ކިޔަވައި ދިން ނަމަވެސް މިއަހަރު މާލޭގެ ސްކޫލްތަކުގައި ކިޔަވައިދޭނީ ގްރޭޑް 7-12 އަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް