ކަނޑިންމަ މޯލްޑިވްސް ރިސޯޓުގައި ކޮވިޑް-19 ޖެހި ހާލު ބޮޑުވެގެން ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ފަހުން، އެ ރިސޯޓުގެ މުވައްޒަފަކު މަރުވެފައިވާއިރު، އެކަމުގައި ރިސޯޓުން އިހުމާލުވެފައިވާ ކަމުގެ ހެކި އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވެއްޖެ އެވެ.
ކަނޑިންމާ ރިސޯޓުން މަރުވެފައިވަނީ ދ. މާއެނބޫދޫ، ދިލްބަހާރުގެ، އާދަމް ނަސީރު، 60 އެވެ. އެ މަރާ ގުޅިގެން އާމިރު ވަނީ މިއަދު ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހަޅައިފަ އެވެ.
ކުއްލި މައްސަލަ ހުށަހަޅައި ދެއްވަމުން އާމިރު ވިދާޅުވީ، ނަސީރު ބަލިވުމުން އޭނާ އަށް ފަރުވާ ހޯދަން އެދި އާދޭސްކޮށް، އެކަމަކު ފަރުވާ އަށް ފުރުސަތު ދީފައި ނުވާކަމުގެ ހެކި އާއިލާގެ މެމްބަރުންގެ އަތުގައި އެބަހުރި ކަމަށެވެ. އިތުރަށް ވިދާޅުވީ، ނާސިރުގެ މަރާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅީ އޭނާގެ އާއިލާއިން އެދިގެން ކަމަށެވެ. އަދި މައްސަލަ ހުށަހެޅުމުގައި ލަސްވީ، މައުލޫމާތު އެއްކުރަން ޖެހުނު މައްސަލަ ގިނަވުމުން ކަމަށެވެ.
އާމިރުގެ ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތީ 35 މެމްބަރުންގެ ވޯޓުންނެވެ. އާމިރަކީ އެމްޑީއޭގެ ނައިބު ރައީސެވެ. އަދި މަޖިލީހުގެ ގަވާއިދު ހަދާ ކޮމިޓީގެ ރައީސެވެ.
އެ ކުއްލި މައްސަލަ މަޖިލީހުން ބަލައިގަތުމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ނަސީރަކީ ކަނޑިންމަ ރިސޯޓުގައި މަަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ، އެ ރިސޯޓުގެ މެނޭޖްމަންޓްގެ އަޅައިލުން ވަރަށް ބޮޑަށް ލިބެން ޖެހޭ ޒާތުގެ މުވައްޒަފެއް ކަަމަށެވެ. އޭނާ އެ ރިސޯޓުގައި އުޅޭތާ ވީ ކިތައް އަހަރުތޯ މެމްބަރު އާމިރާ އެ މަނިކުފާނު ސުވާލު ކުރެއްވި އެވެ.
މަޖިލީހުގެ ރައީސަށް ޖަވާބު ދެއްވަމުން އާމިރު ވިދާޅުވި، ނަސީރަކީ ކަންޑިންމާ ރިސޯޓު ތަރައްގީ ކުރަން ފެށުނީއްސުރެ އެ ރަށުގައި އުޅެމުން އަންނަ މީހެއް ކަމަށެވެ.
ނަސީރުގެ މަރާ ގުޅިގެން ރިސޯޓުގެ ޑޮކްޓަރު ވާހަކަ އެކިފަހަރު އެކޮގޮތްތަށް ހުރުމުގެ ސަބަބުން ހެލްތް އެމްޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ އެކަން އިތުރަށް ބަލައި ދިނުމަށް އެދި ފުލުހަށް ހުށަހަޅައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް