ގޫގުލް އިން ހިންގާ "ޕްރޮޖެކްޓް ލޫން" ގެ ބެލޫންއެއް އަނެއްކާވެސް ރާއްޖޭ ސަރަހައްދަށް ވެއްޓިއްޖެ އެވެ.
މި ޕްރޮޖެކްޓަކީ އިންޓަނެޓްގެ ހިދުމަތް ނުލިބޭ އެކަހެރި ހިސާބުތަކަށް އިންޓަނެޓް ފޯރުކޮށްދޭން، ޖައްވަށް ބެލޫންތަކެއް ފޮނުވައިގެން ގޫގުލް އިން ހިންގާ ޕްރޮޖެކްޓެކެވެ. މިއީ ރާއްޖެއަށް މި ޕްރޮޖެކްޓުގައި ބޭނުން ކުރަމުންދާ ބެލޫނެއް ވެއްޓުނު ދެ ވަނަ ފަހަރެވެ.
އެމްއެންޑީއެފުން ބުނީ މި ފަހަރު ބެލޫން ވެއްޓިފައިވަނީ ގދ. ވާދޫގެ ހުޅަނގުން ކަނޑަށް ކަމަށެވެ. އެ ބެލޫން ވެއްޓެމުންދާކަމުގެ ރިޕޯޓު އެމްއެންޑީއެފް ކޯސްޓުގާޑަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ކޮށްފައިވަނީ އިއްޔެ ހެނދުނު 8:30 ހާއިރު އެވެ.
އެމްއެންޑީއެފުން ބުނީ އެ ވަގުތުން ފެށިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއާއި ހުޅުލޭ އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) އަދި، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ ގުޅިގެން އޮޕަރޭޝަނެއް ކޯޑިނޭޓްކޮށް ކުރިއަށް ގެންދަން ފަށާފައިވާ ކަމަށެވެ.
ބެލޫން ވެއްޓުމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ވެފައިނުވާކަމަށް ބުނެ އެވެ. އަދި އެ ބެލޫން ވެއްޓުމުގެ ސަބަބުން އެއްވެސް ނުރައްކަލެއް ކުރިމަތިނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ބެލޫން ނެގުމަށް ފަހު އެމްއެންޑީއެފުން ހަވާލު ކުރާނީ ރާއްޖޭގައި ހުންނަ ގޫގްލް ޕްރޮޖެކްޓް ޓީމާއި އެވެ.
މި ޕްރޮޖެކްޓުގެ ބެލޫނެއް އެންމެ ފުރަތަމަ މިދިޔަ މަހުގެ 28 ވަނަ ދުވަހު ވެއްޓުނީ ގދ. އަތޮޅު އެތެރެވަރިން ނަޑެއްލާ އާއި މަޑަވެއްޔާ ދޭތެރެއަށެވެ. ޕްރޮޖެކްޓް ލޫންގެ ބެލޫންތައް މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުން ދަތުރުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް