ޝިފާއަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލަ އިސްލާހު ކުރުމަށް އަނބުރާ ފޮނުވާލައިފި

މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދަށް ކޮރަޕްޝަންގެ ތުހުމަތުކޮށް ދައުވާ ކުރަން ފޮނުވި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަނބުރާ އެންޓީ ކޮރަޕްޝަން ކޮމިޝަނަށް ފޮނުވާލައިފި އެވެ. ޝިފާގެ މައްސަލަ އޭ...

10 Nov 2020 | 03:23

މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދަށް ކޮރަޕްޝަންގެ ތުހުމަތުކޮށް ދައުވާ ކުރަން ފޮނުވި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަނބުރާ އެންޓީ ކޮރަޕްޝަން ކޮމިޝަނަށް ފޮނުވާލައިފި އެވެ.

ޝިފާގެ މައްސަލަ އޭސީސީން ބެލުމަށް ފަހު ދައުވާ ކޮށްދިނުމަށް އެދުނީ ލޮނުޒިޔާރަތްކޮޅު ޕާކު ހަދަން ބަޔަކާއި ހަވާލު ކުރުމުގައި ޝިފާ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އެވެ. ޝިފާގެ މައްޗަށް ދައުވާ ކުރަން އޭސީސީ އިން ފޮނުވީ މާލެ ލޮނު ޒިޔާރަތްކޮޅުގައި ތަރައްގީ ކުރާ ޕާކްގެ އިމާރާތްތަކުގެ ތެރެއިން ދެ ފާހާނާބަރީގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަންއާ ހަވާލު ކުރީ އެއްވެސް ލިޔެކިއުމެއް ނެތި، ވާދަވެރި ދެފުށްފެންނަ އުސޫލަކުން ނޫން ކަމަށް ބުނެއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިސަރު އަހުމަދު ޝަފީއު މީޑިއާގައި ވިދާޅުވީ އެ މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލީ ބައެއް ކަންކަން އިސްލާހުކުރަން ޖެހޭތީ، އެ ކަންކަން ފުރިހަމަކުރުމަށް ފަހު އަލުން ހުށަހެޅުމަށް ކަމަށެވެ. އޭގެ ތެރޭގައި ދައުވާ ކުރުމުގެ ކުރިން އިސްލާހު ކުރަންޖެހޭ ކަންކަމާއި ތަހުގީގުގައި ފުރިހަމަ ކުރަންޖެހޭ ބައެއް ކަންކަން ހިމެނޭކަމަށް ވިދާޅުވި އެވެ.

ޝިފާއަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލައިގަ ޕީޖީ ހުސައިން ޝަމީމް ހުންނެވީ މަސްލަހަތު ފުށުއަރާތީ މައްސަލައިން ތަނާޒުލްވެވަޑައިގެންނެވެ. ޝިފާ އަކީ ޝަމީމް އަކީ ދެބެންގެ ދެދަރި ބޭފުޅެކެވެ.

ކޮރަޕްޝަންގެ ތުހުމަތުކޮށް ޝިފާ އާއި ދެކޮޅަށް ދައުވާ ކުރުމަށް ޕީޖީ އަށް ހުށަހެޅުމުން، ޝިފާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ މަގާމުގެ ޒިންމާ އަދާކުރައްވަމުން ގެންދަވަނީ ވާދަވެރިންނާއި ހަސަދަވެރިންގެ ދުއްތުރާތަކާއި ސިލްސިލާ ހަމާލަތަކާ އެކުގައި ކަމަށެވެ. އެގޮތަށް ލޮނުޒިޔާރަތްކޮޅު ޕާކާ ގުޅުވައި ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތަކީ އެފަދަ އެއް ހަމަލާ ކަމަށް ވިދާޅުވި އެވެ.

ޝިފާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީން ޕީޖީއަށް ހުށަހެޅުމުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންވެސް ވަނީ ނުރުހުން ފާޅުކުރައްވާފައި އެވެ. އެމްޑީޕީގެ މެމްބަރުން މީގެ ކުރިން މަޖިލީހުގެ ޖަލްސާއެއްގައި ވިދާޅުވެފައިވަނީ އެ ޕާކުގައި ފާހާނާ ބަރި ހެދީ އަމިއްލަ މީހަކު އަމިއްލަ ހަރަދުގައި ކަމަށެވެ، ހިލޭ އެހީގެ ދަށުން ނިންމި ކަމެއްގައި ޝިފާއަށް ޝުކުރު އަދާ ކުރުމުގެ ބަދަލުގައި ދައުވާ ކުރަން ފޮނުވުމަކީ އިންސާފެއް ނޫން ކަމަށެވެ.

އެމްޑީޕީ މެމްބަރުން ވިދާޅުވީ ޝިފާގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު ނުއުފެދޭ ކަމަށެވެ. އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަވާނެ ގޮތެއް ހޯދައި ދިނުމުން ދައުވާ އުފުލާކަށް ނުޖެހޭ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް