އިންޑިއާގެ އުއްތަރް ޕްރަދޭޝްއަށް އުފަން އުމުރުން 45 އަހަރުގެ ދަރްމެންދުރަ ޕަރަތާބް ސިން އަކީ އިންޑިއާގެ އެންމެ ދިގު މީހާ އެވެ.
އޭނާ ވަނީ ދުނިޔޭގެ އެންމެ ދިގު މީހާގެ ގޮތުގައި ބެލެވި ގިނިސް ބުކް އޮފް ވޯކްލްޑް ރެކޯޑުންވެސް ޖާގަ ހޯދާފައި އެވެ. އެކަމަކު މިހާރު އޭނާ އަތަކު އެ ރެކޯޑެއް ނެތެވެ.
އިސްކޮޅުގައި އަށް ފޫޓު ދެ އިންޗި ހުންނަ ދަރްމެންދުރަ އަތުގައި މީހުން ބަލައިގެންނަ ޝަރަފުވެރި މަގާމެއް އޮތަސް އޭނާ ގަބޫލު ކުރާ ގޮތުގައި އެއީ ވަރަށް ނަސީބު ދެރަ މީހެކެވެ. އިސްކޮޅުން ދިގުވުމަކީ އޭނާއަށް ދިމާވި ބަދު ނަސީބެއް ކަމަށް ބުނެ 2015 ވަނަ އަހަރުވެސް އިންޓަވިއުއެއް ދީފައިވެ އެވެ.
މިމަހު ތެރޭގައި އަނެއްކާވެސް ދަރުމެންދުރަ ވަނީ އޭނާގެ ހިތާމަވެރި ދިރިއުޅުން މީޑިއާގައި ހިއްސާކޮށްފައި އެވެ. އޭނާ ބުނީ އާއިލާގެ އެންމެންހެން ވަކި ވަކިން މަސައްކަތް ކޮށްދިނުމުންވެސް އޭނާއަށް އިންނާނެ މީހަކު ނުލިބުނު ކަމަށެވެ. ދަރްމެންދުރަ ބުނީ ކައިވެންޏަށް ބައެއް އަންހެނުން އާނއެކޭ ބުނުމަށް ފަހު ބައްދަލުވާއިރު އޭނާ އިސްކޮޅުން ދިގުކަމުން ކައިވެންޏަށް އިންކާރު ކުރަނީ ކަމަށެވެ.
އޭނާ ބުނީ އުމުރުން ދުވަސްވަމުން ދާތީ އަންބަކު ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. ދަރްމެންދުރަ ބުނީ އެތައް އަހަރެއް ވަންދެން ކުރި މަސައްކަތުންވެސް އިންނާނެ މީހަކު ނުވުމުން އަމިއްލަ ދިރިއުޅުމާއި އާއިލާއެއް ހޯދުމާއި މެދު ކުރަމުން އައި އުންމީދު ކަނޑާލާފައިވާ ކަމަށެވެ.
އާންމު ގޮތެއްގައި ދަރްމެންދުރަ އާމްދަނީ ހޯދަމުން އަންނަނީ ޓޫރިސްޓުނާއި އެކު ފޮޓޯ ނަގައިގެންނެވެ. އޭނާ ބުނީ އިންޑިއާ ގޭޓް ފަދަ ގިނައިން ޓޫރިސްޓުން ގޮސް އުޅޭ ތަންތަނަށް އޭނާ ދަތުރުކޮށް އެމީހުންގެ އެދުމަށް އެކުގައި ފޮޓޯއަކަށް ހުއްޓިލައިގެން ރަނގަޅު އާމްދަނީއެއް ލިބޭ ކަމަށެވެ. އެކަމަކު މިވަގުތު ކޯވިޑާއި ގުޅިގެން އާމްދަނީ ހުއްޓިފައިވާ ކަމަށް ބުންޏެވެ.
މިދިޔަ އަހަރު ދަރްމެންދުރަ ވަނީ ހިނގަން އުނދަގޫ ވެގެން އުނަގަނޑުގެ އޮޕަރޭޝަނެއް ކޮށްފައި އެވެ. އަހްމަދްއާބާދުގައި ދަރްމެންދުރަގެ އޮޕަރޭޝަނަށް ކުރި ހޮސްޕިޓަލަށް އޭނާ ދިގު ކަމުން ވަކި އެނދެއް ތައްޔާރު ކުރަން ޖެހުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް