ސިލްސިލާ ވާހަކަ: ޒާރާ - ސާޅީސް ހަވަނަބައި

'' ނާޒިމާ ކީއްވެ ވަކިން ހުންނަންޖެހޭނީ........ ޒާރާގެ ގެ ކުޑައެއް ނުވާނެ ނާޒިމާ ހުންނާކަށް..... ނާޒިމާ ބޭނުމިއްޔާ ދަރިފުޅަށް އަހަރުވަންދެންވެސް ހުރެވިދާނެ......'' ސަރީފާ އެބުނީ ކީކޭހެއްޔެވެ. ނާޒިމާ ވި...

09 Nov 2020 | 23:40

'' ނާޒިމާ ކީއްވެ ވަކިން ހުންނަންޖެހޭނީ........ ޒާރާގެ ގެ ކުޑައެއް ނުވާނެ ނާޒިމާ ހުންނާކަށް..... ނާޒިމާ ބޭނުމިއްޔާ ދަރިފުޅަށް އަހަރުވަންދެންވެސް ހުރެވިދާނެ......'' ސަރީފާ އެބުނީ ކީކޭހެއްޔެވެ. ނާޒިމާ ވިސްނާލިއެވެ. ދިހަބުރީގެ ބޮޑުސިންގާ ގެއެއް ހުރިއިރު އެތަނުގައިވެސް ނާޒިމާއަށް ހުރެވެންވީ ވަކި މުއްދަތަކަށް ހެއްޔެވެ. އެތަނުން ތަންކޮޅެއް ދިނިއްޔާ ވާނީ ކީއްހެއްޔޭ ނާޒިމާގެ ހިތަށް އެރިއެވެ. އެބުނި އެއްޗަކުން ނާޒިމާގެ ހިތަށް ނުތަނަވަސްކަމެއް ވެރިވި ނަމަވެސް ހީކުރިވަރަށްވުރެ ފަސޭހައިން އޭނާގެ ރޭވުން ކާމިޔާބު ވުމުން އުފާކުރިއެވެ. ދެލޯ ފޮހެލަމުން ކޮޓަރިން ނިކުތީ އާއުންމީދުތައެއް ކުރަމުންނެވެ. ދޮރުން ބޭރަށް ނިކުމެވުމާއެކު މޫނުމަތީގައިހުރި އަސަރުތައް މުޅިން ބަދަލުވެއްޖެއެވެ. ތުންފަތްމައްޗަށް ވެރިވެގެންދިޔައީ މަކަރުވެރި ވިހަގަދަ ހިނިތުންވުމެކެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ ރޭވުންތައް ވަނީ ހަމައެކަނި ނާޒިމާގެ ސިނކުޑީގައެވެ.

ސަރީފާގެ އާއިލާ ފުރުވަން ކައްދޫ އެއާޕޯޓަށް ގޮސްތިބި މީހުންގެ އަދަދު މަދެއް ނޫނެވެ. އަވައްޓެރިންގެ ގޮތުގައި ތިބިމީހުނާ ގާތް ރައްޓެހިންނެވެ. ޒާރާގެ ރައްޓެހިންނާ އިމްރާންގެ ރައްޓެހިންނެވެ. އެ އެންމެންގެ ތެރއިންވެސް ޒާރާއަށް އެންމެ ހާއްސަ ފަރާތަކީ އޭނާގެ ބައްޕައެވެ. ޒާރާހުރީ ހާމިދުގެ މޫނަށް ބަލާށެވެ. ބައްޕަ އާ ވަކިވާންޖެހޭތީ ޒާރާ ހުރީ  އިންތިހާއަށް ދެރަވެފައެވެ. ބައްޕަ އެހާ ބަލިވެ އުޅެނިކޮށް ދޫކޮށްލާފައި އެހާ ދުރަށްދާން ޒާރާގެ ހިތެއް ނޭދެއެވެ. އެހެންނަމަވެސް އިމްރާން ބޭނުންވާ ގޮތާ ދެކޮޅު ހެދުމަކީވެސް ޒާރާއަށް ކުރަން ފަސޭހަ ކަމެއް ނޫނެވެ. އެހެންނޫނަސް ޒާރާގެ ދޮންމަންމަގެ ކިބައިން ސަލާމަތްވެ ހުރެވެން އޮތީ މިނޫންތަނަކަށް ގޮސްގެންކަން ޒާރާއަށް އެނގެއެވެ.

''ކިހިނެތްވެފަ މަގޭ ލޯބިވާ ވައިފް.......... ހާދަ މޫޑީކޮށޭ ފެންނަނީ.....'' އިމްރާން ނުހަނު ލޯބިން ޒާރާގެ މޫނަށް ބަލާލަމުން ސުވާލުކުރިއެވެ. ޒާރާއަށް އަންނަ ކިތަންމެ ކުޑަބަދަލެއް ވިޔަސް އިމްރާން އެކަން ފާހަގަކުރެއެވެ. އެވަރަށް ޒާރާގެ ކަންތަކާ އިމްރާން ވިސްނައެވެ. ގިނަ އަނބިންނަށް އެބައިމީހުންގެ ފިރިންގެ ކިބައިން ސަމާލުކަން ހޯދަން ޖެހެނީ ގަދަކަމުން ކަމުގައިވިޔަސް، ޒާރާއަށް އަބަދުވެސް އޭނާގެ ފިރިމީހާގެ ސަމާލުކަން ލިބެއެވެ.

''އެއްވެސް ކަމެއް ނުވޭ..... ދެރަވަނީ ބައްޕަ އެކަނިވާނެވަރު ހިތަށް އަރާފަ...... ވިސްނެނީ އެކަމާ....'' ޒާރާގެ ނަޒަރު ހުއްޓިފައިވަނީ ތަންކޮޅެއް ދުރުގައި ބެންޗެއްގައި އިށީދެގެން އިން ޒާރާގެ ބައްޕައާ ދިމާއަށެވެ.

'' އެހާވަރަށް ވިސްނާކަށްނުވާނެ..... ބައްޕަ ދެރަވާނީ ޒާރާ ތިގޮތަށް ހުރީމަ..... ފުރައިގެންދާން ޒާރާ ދެރަވާކަން އެނގުނީމަ އަދި މާބޮޑަށް ބައްޕަ ދެރަވާނެ އެއްނު...... އެހެންވީމަ މިވަގުތަކީ ޒާރާ ހިތްވަރުގަދަ ކުރަންޖެހޭ ވަގުތު...... އެހެންނޫނަސް ކަމެއް ދިމާވެއްޖެއްޔާ ވަގުތުން ބައްޕަ މާލެ ގެންދެވޭނެ އެއްނު..... ޒައިދަށް އަހަރެން ކޮންމެ މަހަކު ފައިސާ ފޮނުވާނަން...... ބައްޕަގެ ބޭސްފަރުވާއަށް އެއްވެސް މިންވަރެއްގެ ދަތިކަމެއް އަޔަކަ ނުދެނަން އިންޝާﷲ ...... ޒާރާގެ ބައްޕައަކީ ހަމަ އަހަރެންގެވެސް ބައްޕަކަމުގަ އަހަރެން ދެކެނީ........ދެން މޫޑު ރަނގަޅުކޮށްލާ......ތި ލޯބި ލޯބި މޫނު ހުންނަންވާނީ އަބަދުވެސް ލޯބިކޮށް...... ހިނިތުންވެފަ.........'' އިމްރާންގެ މޫނަށް ޒާރާ ބަލާލުމާއެކު ޒާރާގެ މޫނުމަތީގައިވާ އުދާސްކަން ފިލައިގެން ހިނގައްޖެއެވެ.  އިމްރާނަކީ ކިހާ ރަނގަޅު ފިރިއެއް ހެއްޔެވެ. ޒާރާގެ ކޮންމެ ކަމެއް އެންމެ ގާތުން، އެހާމެ ލޯބިން އިމްރާނު ބަލާ އެހީތެރިވެދެއެވެ. އެފަދަ މީހަކު ފިރިއެއްގެ ގޮތުގައި ލިބޭނީ ކިހާ ނަސީބު ރަނގަޅު މީހަކަށް ހެއްޔެވެ. ޒާރާ ހިތާހިތުން ﷲ އަށް ޝުކުރުވެރި ވިއެވެ.

އެތެރެއަށް ވަންނަން ގޮވައިފިއެވެ. އެތަން މިތަނުގައި އެކި ވާހަކައިގާ މަޝްޢޫލުވެގެން ތިބި މީހުންތަކުގެ ތެރެއިން ފުރަން އައިސްތިބި މީހުން ފުރާ ގެމަތައާ ދިމާއަށް މިސްރާބު ޖަހައިފިއެވެ. ސަރީފާގެ ދެމަފިރިންވެސް، އެމީހުން ފުރުވަން އައިސްތިބި މީހުނާ ސަލާމް ކުރުމަށްފަހު އެތެރެއަށް ވަދެއްޖެއެވެ. ޒާރާ އަދިވެސް ހުރީއެވެ. ބައްޕައާ އެންމެ ފަހުފަހަރަށް ސަލާމްކޮށްލުމަށްފަހު ބައްޕަގެ މޫނަށް ބަލާލުމާއެކު ޒާރާއަށް ރޮވިއްޖެއެވެ. ކިތަންމެ ވަރަކަށް ކޮންޓްރޯލް ކޮށްގެން ހުރިމަކުގައިވިޔަސް ޒާރާއަށް އޭނާގެ ޖަޒުބާތުގެ މައްޗަށް ބާރުފޯރުވައެއް ނުލެވުނެވެ. ލޮލަށް ޖަމާވާން މަސައްކަތްކުރި ކަރުނައިގެ މައްޗަށް ގަދަވެގަންނަން ކުރި ހުރިހާ މަސައްކަތް ވީ ބޭކާރެވެ.

''ދަރިފުޅާ.......މިއީ ދަރިފުޅު ރޯންވީ ވަގުތެއް ނޫން....... ދަރިފުޅު އުފާކުރަންވީ ވަގުތު........ބައްޕަ މިދުވަސްދެކެން ބޭނުންވެފައި ހުރިވަރު ދަރިފުޅަށް އެނގޭނަމަ މިއަދު ދަރިފުޅު ތިގޮތަށް ކަރުނައެއް ނާޅާނެ......'' ޒާރާގެ ބޮލުގައި ހާމިދު ނުހަނު ލޯބިން ފިރުމާލިއެވެ. އެއީ އެންމެ ތުއްތުއިރުއްސުރެ ޒާރާގެ ހިތް ހަމަޖައްސުވައިދިން ފިރުމުމެވެ. އެ އަތުގެ ޒުވާންކަމަށް ބަދަލު އައިސްފައި ވީ ނަމަވެސް އެ ފިރުމާލުމުގައިވާ އޯގާތެރި އިހްސާސްތަކަކަށް އަދިވެސް އެއްވެސް ބަދަލެއް ނާންނަކަމުގައި ޒާރާއަށް އިހްސާސް ކުރެވުނެވެ. ދުނިޔޭގައިވާ ހަމައެކަނި ބަދަލެއް ނާންނަ ލޯތްބަކީ ދަރިންދެކެ މައިން ބަފައިންވާ ލޯތްބެވެ.  އެ ލޯތްބަކީ އުނިކަމެއް ނާންނަ ލޯތްބެކެވެ.

ޒާރާ ހިތްވަރުކޮށްފައި އިމްރާނުގެ އަތުގައި ހިފައިގެން އެތެރެއަށް ވަދެއްޖެއެވެ. އެތެރެއަށް ވަދެގެންގޮސް ލޯމަތިން ގެއްލުނެވެ. އިސާހިތަކު މަތިންދާބޯޓު ޖައްވުތެރެއަށް އުދުހިގެންފިއެވެ. އެ ބޯޓާ ދިމާއަށް ހާމިދު ބަލާލިއެވެ. ދަރިފުޅާއެވެ. ދަރިފުޅަށް އަމާން، ނިޔާމަ ދަތުރަކަށް އެދެމޭ ބުނާފަދައަކުންނެވެ. އޭނާގެ މޫނުގައި ވަނީ ހިތްހަމަޖެހުމެވެ. ތުންފަތުގައި ވަނީ އެ ހިތްހަމަޖެމުގެ ސަބަބުން ވެރިކުރުވާފައިވާ ފަނޑު ހިނިތުންވުމެކެވެ.

''ކަލޭ ހާދަ އުފަލަކުން ތިޔަހަރީ...... އަދިވެސް ދާން ނޭނގިފަތިޔަ ހުންނަނީ......މިހާރު ޒައިދު އެތަނުގައި އިންނަތާ ކިހާއިރެއް....'' ނާޒިމާގެ އަޑު ނުހަނު ގާތުން އިވުނެވެ.

''ހަމަ އެހާ ގިނައިރު ވެއްޖެތަ..... އަދި އެއުޅުނީ މަތިންދާބޯޓު ލޯމަތިން ނުގެއްލިގެން......'' ހާމިދު އިޝާރާތްކުރީ މާދުރަށްގޮސް އޮބަމުންދާ މަތިންދާ ބޯޓަށެވެ.

''ކަލޭ ހުރޭ އެ ބޯޓަށް ބަލަން......ކަލޭ ބޭނުންވާގޮތް ވެއްޖެއެއްނު.....  މަށަކަށް ދެން ނުހުރެވޭނެ.....މަމިދަނީ......'' ނާޒިމާ ނުރުހުމުގެ ފާޑަކަށް ތުން އަނބުރާލިއެވެ. ނާޒިމާ ހިނގައިގަތުމުން ހާމިދުވެސް އޭނާގެ ފަހަތުން ހިނގައިގަތެވެ. އޭރު ޒައިދު ކާރުގައި އައިސް އެމީހުންގެ އިންތިޒާރުގައި އެއްފަރާތެއްގައި މަޑުކޮށްލައިގެން އިނެވެ.

''މިކާރުގަނޑު ދީފަ ދިޔަކަން ރަނގަޅުދޯ.....'' ނާޒިމާ ކާރުގެ ކުރީސީޓުގައި އިށީންނަމުން ޒައިދުގެ މޫނަށް ބަލާލިއެވެ.

''މިހާ އަގުބޮޑުކާރަކަށް ކާރުގަނޑޭ މީހަކު ބުނާނެތަ މަންމާ....... މީ ކިތައް މިލިޔަން ރުފިޔާގެ އަގުހުރި ކާރެއްކަން މަންމައަށް އެނގޭނަމަ ތިހެނެއް ނުބުނާނެ ...... ދޯ ބައްޕާ.....'' ޒައިދު ކާރު ދުއްވާލަމުން ހާމިދުގެ މޫނަށް ބަލާލީ ކުރިމަތީގައި އިން ލޯގަނޑުންނެވެ. އިމްރާން ޒައިދަށް އެ ކާރު ދިނީ ހަދިޔާއެއްގެ ގޮތުންނެވެ. މާލޭގައި އެމީހުންގެ އިތުރު ދެކާރު އޮތުމުން ރަށުގައި އޮތް ކާރު އަލުން މާލެ ގެންދަން އިމްރާން ބޭނުން ނުވީއެވެ. ޒައިދާ ދޭތެރޭގައި އިމްރާން ދެކެނީ އޭނާގެ އަމިއްލަ ކޮއްކޮއެއްގެ ގޮތުގައެވެ.  އެހެންކަމަށްވުމުން އެފަދައެއްޗެއް ޒައިދަށް ދިނުމަކީ އިމްރާން ފަސްޖެހުނު ކަމެއް ނޫނެވެ.

''ދަރިފުޅާ......އެއްޗެއްގެ އަގު ވަޒަންކުރާކަށް ނޭނގޭނެ އެއެއްޗަކީ ކިހާވަރެއްގެ އެއްޗެއްކަން ނޭނގޭމީހަކަށް.......މަންމައަށްވެސް އެވީ އެހެން.....'' ހާމިދަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ.

***************************

ހުޅުލޭ އެއާޕޯޓަށް ޒާރާމެން ބަލައިއައިސް ތިބީ ސަރީފާގެ އެއްބަނޑު ދައްތަ ޚަދީޖާ އާއި ޚަދީޖާގެ ދެދަރިން ކަމުގައިވާ ފަހުދާއި ފަޒީލާއެވެ. އެމީހުން ތިބީ އިމްރާނުގެ ކައިވެންޏަށް މަރުޙަބާ ކިޔުމަށްޓަކައި ފުރިހަމައަށް ތައްޔާރުވެގެންނެވެ. ކޮންމެ މީހެއްގެ އަތުގައި މާބޮނޑިއެއް އޮތެވެ. އިމްރާނުގެ ކައިވެންޏަށް ދައުވަތު ދިންނަމަވެސް އެމީހުން އޭރު ތިބީ މެލޭޝިޔާގައި ކަމަށްވެފައި، ފަހުދާއި ފަޒީލާގެ ޓެސްޓް ދުވަސްވަރުކަމުން އާދެވޭގޮތް ނުވީއެވެ. ނަފުސާނީ އިލްމުން މަތީތައުލީމު އުނގެނެމުންދާ ފަޒީލާއަކީ ޒާރާ އާ ގާތްގަނޑަކަށް އެއް އުމުރެއްގެ ކުއްޖެކެވެ. ފަހުދު ކިޔަވާ ނިމި އޮޕަރޭޝަން ޑޮކްޓަރެއްގެ ގޮތުގައި އައި.ޖީ.އެމް ހޮސްޕިޓަލުގައި މަސައްކަތްކުރަން ފެށިތާ އަދި މާކަ ގިނަދުވަހެއް ނުވެއެވެ.

''ކުޑަބޭ ...... އަހަރެމެންގެ ފަހަރި ހާދަ ލޯތްބޭ...... ފޮޓޯއިން ފެންނައިރަށްވުރެ އަސްލު މާ ރީތި....... ދޯ ދޮންބޭ...... އަޅެ ނޫންތަ މަންމާ.......'' ފަޒީލާ ޒާރާގެ ގާތަށް ޖެހިލަމުން ޒާރާއަށް ތައުރީފު ކުރިއެވެ. އިމްރާންގެ ގާތުގައި ވާހަކައިގައި ޖެހިފައިހުރި ފަހުދަށް ބަލާލެވުނީ ޒާރާގެ މޫނަށެވެ. އެވަގުތަކީ ޒާރާއަށްވެސް ފަހުދާ ދިމާއަށް ބަލާލެވުނު ވަގުތެކެވެ. ތެދެކެވެ. ޒާރާ ވަރަށް ރީއްޗެވެ. މާލޭގައިވެސް ރީތި އަންހެންކުދިން އުޅެއެވެ. އެތައްބައިވަރު ރީތިކުދިންނެއް ފަހުދުގެ ހަޔާތަށްވެސް އައެވެ. ލޯބިވެރިންގެ ގޮތުގައެވެ. އެހެންނަމަވެސް ޒާރާފަދަ ފުރިހަމަ ރީތިކަމެއް ލިބިފައިވާ ކުއްޖަކާ އަދި ދިމާވެފައެއް ނެތޭ ފަހުދުގެ ހިތްބުންޏެވެ.

''ދޮންބޭ..... ތިވަރަށް ނުބަލާ...... ކުޑަބެ ޖޭވާނެ އިނގޭ.....އެހެންނޫނަސް މި ބަނޑުކޮޅު އިނީމަ އަދި ހީވޭ މާ ރީތިހެން.....'' ޒާރާގެ ބަނޑުގައި މަޑުމަޑުން އަތް ޖައްސާލަމުން ފަޒީލާ އިމްރާނާ ދިމާއަށް ބަލާލިއެވެ. ފަޒީލާ އަކީ ލާނެއް މިޒާޖެއްގެ އަނގަ ގަދަ ކުއްޖެކެވެ. ފަޒީލާ އެ ޖުމްލައިން އެއްވެސް މީހަކަށް ނުބައި މާނައެއް ނެގުނު ހެނެއް ހިޔެއްނުވެއެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. ހިތްހަމަޖެހުމެވެ.

އަހަރު ތަކަކަށްފަހު މާލޭގެ ހަލަބޮލިކަމުގެ ތެރެއަށް ވަދެވުމާއެކު މުޅިން ތަފާތު އިހްސާސްތަކެއް ޒާރާއަށް ކުރެވުނެވެ. ހުޅުލެއާ މާލެ ގުޅާލާފައިވާ ހިތަގައިމު ބުރިޖުމަތީގެ ހިތްގަމު ދަތުރަށްފަހު، މާލޭގެ ހަލަބޮލި މަގުތަކުން ކާރު ކުރިއަށް ދާންފެށިއެވެ. ބައެއްފަހަރު ހުއްޓަމުން، ދުއްވާއެއްޗިހީގެ ގިނަކަމުން ކުރިއަށް ދެވެނީ ނިކަން އުނދަގުލުންނެވެ. އެހެންނަމަވެސް ޑްރައިވަރު ވަރަށް ފަރުވާތެރިކަމާއެކު ކާރުދުއްވަމުން ދިޔައެވެ. ސަރީފާ އަންގާފައިވާ ގޮތަށް ކާރަށް މާބޮޑަށް ލޮޅުން ނާރާގޮތަށް ބަލައިގެންނެވެ.

ބައިގަޑިއެއްހާއިރު ދުއްވުމަށްފަހު، ހައިބަތު ބޮޑު ދިހަބުރީގެ އުސްއިމާރާތެއްގެ ކައިރިއަށް ކާރު މަޑުކޮށްފިއެވެ. ހަމަ ދާދި ކުޑަވަގުތުކޮޅެއްގެ ތެރޭގައި ބޮޑު ގޭޓެއް ހުޅުވިގެންދިޔައެވެ. ކާރު އެތެރެއަށް ވަނުމާއެކު އަމިއްލައަށް ގޭޓްގެ ދޮރު ލެއްޕުނެވެ. ޑްރައިވަރު ކާރުން ފޭބުމަށްފަހު، ޒާރާ ފޭބުމަށްޓަކައި ދޮރު ހުޅުވާދިނެވެ. އެއީ ސަރީފާ ޑްރައިވަރަށް އަންގާފައިވާ ގޮތެވެ. ޒާރާއަށް އޭނާގެ ހާއްސަކަން ހިހްސާސްކުރެވުނެވެ. ކުރިއަށްވުރެވެސް ބޮޑަށެވެ. އިމްރާންނަށް ލިބިފައިވަނީ ކިހާ ހިތްހެޔޮ ރަނގަޅުމަންމަ އެއް ހެއްޔެވެ.

ޒާރާ ކާރުން ފޭބުމާއެކު ވަށައިގެން ނަޒަރު ހިންގާލިއެވެ. ގަރާޖުގައި އޭރުވެސް އިތުރު ކާރެއް އޮތެވެ. ގޭގައި ގެންގުޅޭ ބިދޭސީ ދެފިރިހެނުން ކާރުގެ ޑިކީގައިހުރި ސާމާނުތައް ބާލަންފެށިއެވެ.

''އާދޭ ދަރިފުޅާ......އިމްރާން އަންނާނީ ހީވާގޮތުން ފަހުދުމެނާއެކު...... ޕިކަޕުގައި ދެންހުރި ސާމާނު ހިފައިގެން ބައްޕަ އަންނާނެމިހާރު......'' ސަރީފާ ހިނގައިގަތީ ކުރިމަތީގައިހުރި ލިފްޓާ ދިމާލަށެވެ. ދިހަވަރަކަށް މީހުނަށް އެއްފަހަރާ އެރޭވަރުގެ ބޮޑު ލިފުޓެކެވެ. ލިފުޓުގެ ދޮރު ލެއްޕުމާއެކު ސަރީފާ ފިއްތާލީ ދިހަވަނަ ނަމްބަރަށެވެ. މާގިނައިރުތަކެއްނުވެ ލިފުޓްގެ ދޮރު ހުޅުވުނެވެ.


ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް