N/A
ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ކޮންސެޕްޓް ކުރެހުންތައް މިއަދު ދައްކާލައިފިއެވެ.
ގާތްގަނޑަކަށް 7.7 ބިލިއަން ރުފިޔާގެ މި މަޝްރޫއުގެ ކުރެހުންތައް އާންމުކުރެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިންގާ މި މަޝްރޫއުގައި ޖުމްލަ 5,000 ޒަމާނީ ހައުސިންގ ޔުނިޓް ހުޅުމާލޭގައި ބިނާކުރުމަށް ވަނީ ނިންމައިފައެވެ.
ހުޅުމާލެ ފޭސް ތިނެއްގެ ވިޝަން މާސްޓަރޕްލޭނާ އެއްގޮތަށް މި މަޝްރޫއު ފަރުމާކޮށްފައި ވަނީ ސިންގަޕޫރުގެ "ވާއު އާކިޓެކްޓްސް / ވާނަރ ވޮންގ ޑިޒައިން" ކުންފުނިންނެވެ. ފަރުމާގައި އުސް ރެސިޑެންޝަލް ޓަވަރުތަކާއި މޫދުގެ މަންޒަރު ފެންނަ ވޯޓަރފްރަންޓް ޓައުންހޯމްތަކުގެ އިތުރުން ކުޅިވަރު ކުޅޭ ދަނޑުތަކާއި ކެފޭތަކާއި ފިހާރަތަކާއި ބީޗް އޭރިއާތައް ވަނީ ހިމަނައިފައެވެ. އިސްލާމީ ވަންތަކަން ރަމްޒުކޮށްދޭ ބޮޑު ޖަމާއަތުގެ މިސްކިތެއް ވެސް މި ސަރަހައްދުގައި ގާއިމުކުރުމަށް ހިމަނައިފައިވެއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން ދަނީ 2027 ވަނަ އަހަރުގެ ކުރީކޮޅަށެވެ. މީގެ އިތުރުން ރާއްޖޭގެ ތާރީހުގައި ހިންގާ އެންމެ ބޮޑު އުމްރާނީ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ "ރަސްމާލެ" ގެ ދަށުން 20 ބިލިއަން ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމަށް ވެސް ސަރުކާރާއި އީގަލް ހިލްސްއާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް