ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިން ބަލަހައްޓާ ވިލިމާލޭ ކުޑަކުދިންގެ ހިޔާއިން ކޯވިޑް-19 އަށް ދެ ކުއްޖަކު ޕޮސިޓިވްވެއްޖެ އެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އެ ދެކުދިން ވައިރަހަށް ޓެސްޓު ކުރީ އަލާމާތްތައް ފެންނާތީ ކަމަށެވެ. އެ ކުދިން ކޯވިޑަށް ޕޮސިޓިވްކަން އެނގުނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ޑރ ނަޒްލާ ވިދާޅުވީ އެ ކުދިންނާއި ކޮންޓެކްޓުވި މީހުންގެ ގޮތުގައި 89 ފަރާތެއް ފާހަގަ ކުރެވި ކަރަންޓީން ކުރެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެތަނުގެ ކުދިންނާއި އެ ކުދިން ބަލަހައްޓާ މީހުން ހިމެނެ އެވެ.
ޖެންޑާ މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެޗްޕީއޭގެ އިރުޝާދުގެ ދަށުން ޕޮސިޓިވްވި ދެ ކުދިން އެހެން ފެސިލިޓީއަކަށް ގެންދިއުމަށް ނިންމާފައި ކަމަށެވެ. އަދި ޕޮސިޓިވްވި ދެކުދިންގެ ހާލު ރަނގަޅު ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.
ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންގެ ބެލެނިވެރިންނަށް އެކުދިންގެ މަޢުލޫމާތު ޙިއްސާ ކުރަމުން ގެންދާނެކަމަށް ޖެންޑާއިން ބުންޏެވެ. މީގެ އިތުރުން ކުޑަކުދިންގެ ހިޔާއަކީ ގިނަ އަދަދެއްގެ ކުދިން އެކުގައި ދިރިއުޅޭ ތަނަކަށްވާތީ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޗްޕީއޭގެ އިރުޝާދާއި އެއްގޮތަށް ތަނުގެ އިންތިޒާމްތައް ހަމަޖައްސައި މޮނިޓާ ކުރަމުންދާ ކަމަށް ބުންޏެވެ.
ކުޑަކުދިންގެ ހިޔާގެ އިތުރުން ހުޅުމާލޭގައި ދައުލަތުގެ ބެލުމުގެ ދަށުން ކުދިން ބަލަހައްޓާ ފިޔަވަތިން މިއަދު އިތުރު ދެ ކުއްޖަކު ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. މި ދެކުދިންނާއި އެކު އެ ތަނުން ޖުމްލަ ޕޮސިޓިވްވި މީހުންގެ އަދަދު ވަނީ23 އަރާފައި އެވެ.
ފިޔަވަތިން ޕޮސިޓިވްވެފައިވަނީ 11 ކުދިންނާއި ކުދިން ބަލަހައްޓާ 11 މީހުންނާއި އެތަނުގެ މުވައްޒަފެކެވެ. އެތަނުން ފުރަތަމަ ޕޮސިޓިވްވެފައިވަނީ ކުދިން ބަލަހައްޓާ މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް