ސްލޮވާކިޔާގައި ކޯވިޑް ކޭސްތައް އިތުރުވެ، ދެވަނަ ރާޅެއްގެ ބިރު ބޮޑުވެއްޖެ އެވެ.
އެގައުމުގެ އޮފިޝަލުންނާ ޙަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ މިއަދުގެ މިހާތަނަށް ވެސް 1887 ކޭސް ފެނިފައިވާ ކަމަށެވެ. އަދި އިއްޔެ ވެސް އެއްހާހުން މަތީގައި ކޭސްތައް ހުރި ކަމަށެވެ.
2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް އެގައުމުގައި ފުރަތަމަ ފެތުރެން ފެށުމާއެކު ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ.
އެގޮތުން މުޅި ގައުމު ފުރަބަންދުކޮށް، މާސްކު އެޅުމާއި އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމަށް ވަނީ މަޖުބޫރުކޮށްފަ އެވެ. އަދި އެގޮތަށް ޢަމަލު ނުކުރާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް ވެސް ވަނީ އަޅާފަ އެވެ. އޭގެ ތެރޭގައި ބޮޑެތި ޢަދަދުތަކުން ޖޫރިމަނާ ކުރުމާއި ޖަލަށް ލުން ފަދަ އަދަބުތައްވެސް ދިނުމަށް ނިންމާފައިވެއެވެ.
މިފަދަ ހަރުކަށި މަޖުބޫރު ކުރުވުންތަކުގެ ސަބަބުން ކޯވިޑް ގެ އަސަރު މާބޮޑު ނުވެ، އެ ގައުމަަށް ހިތްހަމަ ޖެހިލުމުގެ ނޭވާއެއް ލާން ފުރުޞަތު ލިބުނެވެ.
އެހެންކަމުން ވިޔަފާރިތަކާއި ވަކި އިމެއްގެ ތެރެއިން ޢާންމުން އެއްވެ އުޅުމަށް ފުރުޞަތު ހުޅުވާލައި، ބޯޑަރުވެސް ހުޅުވައިލި އެވެ.
ނަމަވެސް ބޯޑަރު ހުޅުވާލުމާއެކު އެގައުމުގައި ކޯވިޑް ކޭސްތައް އިތުރުވާން ފެށި އެވެ. އަދި ދުވަހުން ދުވަހަށް ފެންނަ ކޭސްތަކުގެ ޢަދަދު އިތުރުވަމުން ގޮސް، މިހާރު މިވަނީ އަނެއްކާވެސް ބޮޑު ބިރުވެރިކަމަކަށް ކުރިމަތިލާން ގާތްވެފަ އެވެ.
އެ ގައުމުގެ އޮފިޝަލުން ބުނީ މިހާރު ފެންނަމުންދާ ކޭސްތަކަށް ބަލާ އިރު، ދެން ނަގާ ރާޅަކީ ބިޔަ ބޮޑު ރާޅަކަށް ވާނެ ކަމަށެވެ. އަދި ފޫނުބެއްދޭ ވަރުގެ ބޮޑު އިގްތިސާދީ ގެއްލުމަކާ ގައުމު ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.
ގައުމުގެ ހާލަތު މިހާރަށް ވުރެ، އިތުރަށް ގޯސްވިޔަ ނުދިނުމަށް، އިތުރު ފިޔަވަޅުތައް އެޅުމަށް ސިއްހީ މާހިރުން މިހާރު އަންނަނީ ތައްޔާރުވަމުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް