އައްޑޫ ޑްރަގް އޮޕަރޭޝަންގައި ހައްޔަރު ކުރި އިތުރު ތިން މީހުން ޝަރީއަތް ނިމެންދެން ބަންދަށް

އައްޑޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަންގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އިތުރު ތިން މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފި އެވެ. ފުލުހުންގެ އިންޓެލިޖެންސް...

10 Oct 2020 | 09:21

އައްޑޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަންގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އިތުރު ތިން މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފި އެވެ.

ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި އޮޕަރޭޝަން ހިންގަން ފަށާފައިވަނީ މިމަހުގެ އެއް ވަނަ ދުވަހު އެވެ. މި އޮޕަރޭޝަންގައި ދިވެހިންތަކަކާއި ބޭރު ބަޔަކު ގުޅިގެން ރާއްޖެއަށް ކަނޑުމަގުން އެތެރެކުރަން އުޅުނު 98.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެ އެވެ.

ހައްޔަރު ކުރި މީހުންގެ ތެރެއިން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ކުރީ އައްޑޫ ސިޓީ ހިތަދޫ، ފިނިފަރު، އުމުރުން 25 އަހަރުގެ ހަސަން އާމިރު، އާއި ހިތަދޫ، ބުލޫބާރޑް، އުމުރުން 24 އަހަރުގެ ހޫދު ލަތީފް އަދި ހިތަދޫ މަންދޫބުގެ، އުމުރުން 27 އަހަރުގެ ޙުސައިން ސިމާހު އެވެ.

މީގެ ތެރެއިން ހޫދު ހައްޔަރު ކުރުމަށް ފަހު ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ އެ އޮޕަރޭޝަންގައި ހައްޔަރު ކުރި މީހުންގެ ތެރެއިން މިހާތަނަށް ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.

ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކުރި އަނެއް ދެ މީހުންނަކީ ހިތަދޫ ފިނިފަރު، އުމުރުން 33 އަހަރުގެ ޢަބްދުﷲ އިބްރާހިމް އާއި ހިތަދޫ ކޯޅި، އުމުރުން 23 އަހަރުގެ މުޙައްމަދު ޔާމީން ނަޞީރު އެވެ.

މި މައްސަލައިގަ ޖުމްލަ 16 މީހުން ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން އަށް މީހަކު ވަަނީ ކޯޓުން ދޫކޮށްލާފައި އެވެ.

ފުލުހުން ބުނީ ބޭރުގެ ބަޔަކާއި ގުޅިގެން މި މީހުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން މަސައްކަތް ކުރީ އަބްދުﷲ އިބްރާހިމް އިސްވެ ހުރެކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް