ކޯވިޑް-19 އަށް ޓެސްޓު ކުރަން ސާމްޕަލް ނެގި އާރްއާރް ޓީމްގެ މެމްބަރަކަށް ހަމަލާދިންކަމަށް ބުނާ ވާހަކަ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ދޮގު ކުރައްވައިފި އެވެ.
އިކްރާމްގެ ސާމްޕަލް ނަގާފައިވަނީ މާފަންނަނު މަދަރުސާއި ގާއިމްކޮށްފައިވާ ކޯވިޑަށް ސާމްޕަލް ނަގާ މަރުކަޒުގައި އެވެ. މިހާދިސާ ހިނގާފައިވަނީ ރޭގައި އެވެ.
ސޯޝަލް މީޑިއާގައި ބުނެފައިވަނީ ސާމްޕަލް ނަގަން ހުރި ސިއްހީ ހިދުމަތްތެރިޔާއަށް އިކްރާމް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން އިކްރާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސާމްޕަލް ނެގި މީހާ އާއި މާރާމާރީ ހިންގާފައި ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ސާމްޕަލް ނެގުމަށް ނޭފަތަށް ކަފަބުރު ލެއްވުމަށްފަހު ތަޅުވާލި ގޮތުން ތަދުވެގެން މޫނާ ކައިރީގައި އިން އެމީހާގެ ހަތް ދުރައްލި ކަމަށެވެ.
އަދި ތަދުވެރިވަރުން މިހާ އަނިޔާވެރިކޮށް ސާމްޕަލް ނަގާ ކުދިން ސާމްޕަލް ނެގުމަށް ބައިތިއްބަން ނުވާނެ ކަމަށް އެވަގުތު ރުޅިއައިސްގެން ބުނެވުނު ކަމަށް ވިދާޅުވި އެވެ. އިކްރާމް ވިދާޅުވީ، އެވަގުތު ސާމްޕަލް ނެގި މީހާއަށް ކިޔަނީ ކޮން ނަމެއްތޯވެސް އެހުމުން އެ ސުވާލަށް އޭނާ ޖަވާބު ނުދިން ކަމަށެވެ.
އޭނާ ވިދާޅުވީ އެ ތަނުގައި އިތުރު ކަމެއް ނުހިނގާ ކަމަށެވެ. އެ ސަރަހައްދުގައި ކެމެރާ ހަރުކޮށްފައި ހުރި ނަމަ ވަރަށް ސާފުކޮށް ކަންހިނގާދިޔަގޮތް އެނގޭނެ ކަމަށެވެ.
https://twitter.com/ikramhassan/status/1314647726835945477
އިތުރަށް ވިދާޅުވީ މީގެ ކުރިން އައިޖީއެމްއެޗުންވެސް ޕީސީއާރު ޓެސްޓު ހެދިކަމަށާއި ސާމްޕަލް ނަގާއިރު އެއްވެސް ވަރަކަށް ތަކުލީފު އުފުލަން ޖެހިފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ މިހާތަނަށް މާރާމާރީ ހިންގިކަމުގެ ރެކޯޑު ނޯންނާނެ ކަމަށެވެ.
ރޭ ހިނގި އެ ހާދިސާ ވަނީ ފުލުހުންނަށް ހުށަހަޅާފައި އެވެ. ފުލުހުން ވަނީ މީޑިއާގައި އެފަދަ މައްސަލައެއް ހުށަހެޅިކަން ޔަގީންކޮށްދީފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް