މިހާރު ކުރިޔައްދާ ސައުތު އެމެރިކާ ބައްރުގެ 2022 ގެ ވޯލްޑްކަޕް ކޮލިފައިންގައި ރޭ ބޮލީވިއާއާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަ ކަމާއި އެކު ބްރެޒިލް ކާމިޔާބު ކޮށްފިއެވެ.
ބްރެޒިލްގައި ކުޅުނު މިމެޗުން ބޮލީވިއާގެ މައްޗަށް އެޓީމުން ކުރި ހޯދާފައިވަނީ 0-5 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗު ފެށިގެންވެސް މޮޅަށް ކުޅެމުން ދިޔައީ ބްރެޒިލް އިންނެވެ. އެގޮތުން ފުލިފުލުގައި ބޮލީވިއާގެ ގޯލަށް ނުރައްކާ ކުރަމުން ދިޔައިރު، ބްރެޒިލްއިން އެޓީމުގެ ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީ މެޗުގެ 16 ވަނަ މިނެޓުގައި މާކީނިއޮސް ކާމިޔާބު ކޮށްދިން ލަނޑުންްނެވެ. އެޓީމުގެ ދެވަނަ ލަނޑު ޖަހާ މެޗުގެ ލީޑު ފުޅާކޮށްދިނީ މެޗުގެ 30 ވަނަ މިނެޓުގައި ރޮބާޓީ ފިރުމީނޯއެވެ.
ދެ ލަނޑުގެ ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ބްރެޒިލްއިން ނިންމާލިއިރު، ފަހު ހާފުގައިވެސް ރަނގަޅަށް ކުޅެމުން ދިޔައީ ބްރެޒިލްއިންނެވެ. އެގޮތުން މެޗުގައި ބްރެޒިލްއިން ޖެހި ތިންވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 49 ވަނަ މިނެޓުގައެވެ. މި ލަނޑުވެސް ކާމިޔާބު ކޮށްދިނީ މެޗުގެ ދެވަނަ ލަނޑުވެސް ޖަހައިދިން ރޮބާޓޯ ފިރުމީނޯއެވެ. އޭގެ ހަތަރު މިނެޓު ފަހުން ބްރެޒިލްގެ ހަތަރު ވަނަ ލަނޑު ތިއާގޯ ސިލްވާ ކާމިޔާބު ކޮށްދިންއިރު، އެޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ73 ވަނަ މިނެޓުގައި ފިލިޕޭ ކުޓީނިއޯއެވެ.
ރޭގެ މި މޮޅާއި އެކު ބްރެޒިލް ގްރޫޕުގެ އެއްވަނައިގައި އޮތްއިރު، ކޮލިފައިންގައި ދެން ކުޅެން ޖެހޭ މެޗުގައި ބްރެޒިލް ނިކުންނާނީ ޕެރޫއާއި ދެކޮޅަށެވެ. އަދި މި މެޗުން ބްރެޒިލް އަތުން ބަލިވި ބޮލީވިއާ ނިކުންނާނީ އާޖެންޓީނާއާއި ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް