ވޯލްޑް ކަޕް 2022 ސައުތު އެމެރިކާ ބައްރުގެ ކޮލިފިކޭޝަންގައި ކޮލަމްބިއާ އަދި ވެނެޒުއެލާ ބައްދަލުކުރި މެޗު ކޮލަމްބިއާއިން ކާމިޔާބު ކޮށްފިއެވެ.
ރޭ ކޮލަމްބިއާގައި ކުޅުނު މި މެޗުން ވެނެޒުއެލާގެ މައްޗަށް ކޮލަމްބިއާއި ކުރި ހޯދީ 0-3 ގެ ނަތީޖާއަކުންނެވެ.
މޮޅަށް ކުޅެ ގިނަވަގުތު ބޯޅަ ހިފެއްޓީވެސް ކޮލަމްބިއާއިންނެވެ. މެޗު ފެށުމާއެކު ގިނަ ހަމަލާތަކެއް ވެނެޒުއެލާގެ ގޯލަށް އަމާޒުކޮށް ކޮލަމްބިއާއިން ފޮނުވާލިއިރު، މެޗުގައި ފެނިގެން ދިޔަ ތިން ލަނޑުވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ.
މެޗުގެ ފުރަތަމަ ލަނޑުޖަހާ ކޮލަމްބިއާއިން މެޗުގެ ލީޑުނެގީ ޑުއާން ޒަޕާޓާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މެޗުގެ ދެވަނަ ލަނޑާއި އަދި ތިންވަނަ ލަނޑު މެޗުގެ16 ވަނަ މިނެޓުގައާއި 45 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އިޓަލީގެ އެޓަލާންޓާ އަށް ކުޅެމުންއަންނަ ފޯވާޑް ލުއިސް މުރީލޯއެވެ. މިއީ އޭނާ2012 ވަނަ އަހަރު ކޮލަމްބިއާގެ ގައުމީޓީމަށް ކުޅެންފެށިފަހުން ގައުމީޓީމަށް ކާމިޔާބު ކޮށްދިން ފަސްވަނަ ލަނޑެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވަނީސް އަނެއްކާވެސް ކޮަލަމްބިއާއިން އިތުރު ލަނޑެއް ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރިއެވެ. މެޗުގެ 50 ވަނަ މިނެޓުގައި މުޅިން ހުހައް ހުރެ ޒަޕާޓާ ފޮނުވާލި މި ހަމަލާ ގޯލަށް ވަނުމަށް ހުރަހަކަށްވީ ވެނެޒުއެލާގެ ކީޕަރެވެ.
މިހަމަލާއަށްފަހު ދެޓީމުގެ ފަރާތުންވެސް މާނުރައްކާތެރި ހަމަލާތަކެއް ފެނިގެން ނުދިޔަ ނަމަވެސް ވެނެޒުއެލާގެ ފަރާތުން ގޯލެއް ޖެހުމަށް އިތުރު ފުރުސަތުތަކެއް ތަނަވަސް ކުރުމަށް މަސައްކަތް ކުރިތަން ފެނިގެން ގޮސްފައިވެއެވެ.
މި މެޗުން މޮޅުވި ކޮލަމްބިއާ ދެން ކުޅެން ޖެހޭ މެޗުގައި ނިކުންނާނީ ޗިލީއާއި ދެކޮޅަށެވެ. އަދި ވެނެޒުއެލާ ނިކުންނާނީ ޕެރަގުއާއި ދެކޮޅަށެވެ. މި ދެމެޗުވެސް ކުޅޭނީ މިމަހުގެ 14 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް