ފާފައަކީ އޭގެ އަސަރު ތިމާއަށާއި ތިމާގެ އާއިލާ އަދި މުދަލަށްވެސް ކުރާ ސުންޕާކަން ބޮޑު އެއްޗެއް: ޝައިޚް އަލީ ޒާހިރު

ފާފަކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ފާފަ ކުރެވޭނަމަ ޖެހޭނީ ވަގުތުން އެކަންކަން ހުއްޓައިލާށެވެ. ނަމަވެސް މިއަދުގެ ދުނިޔެއަށް ބަލާއިރު ކުރެވޭ ހުރިހާ ފާފަތައް ކުރުން އެއްފަހަރާ ހުއްޓައިލުމަކީ ކުރަން...

10 Oct 2020 | 01:44

ފާފަކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ފާފަ ކުރެވޭނަމަ ޖެހޭނީ ވަގުތުން އެކަންކަން ހުއްޓައިލާށެވެ. ނަމަވެސް މިއަދުގެ ދުނިޔެއަށް ބަލާއިރު ކުރެވޭ ހުރިހާ ފާފަތައް ކުރުން އެއްފަހަރާ ހުއްޓައިލުމަކީ ކުރަން އެހައި ފަސޭހަ ކަމެއް ނޫނެވެ.

އިންސާނުން އެމީހުން ހެއްދެވި ފަރާތް އޭނާ އާއި އެކު ކޮންމެ ތަނެއްގައިވެސް ވޮޑިގެންވާކަމުގެ އިހްސާސްކުރެވޭނަމަ ފާފަ ކުރުމާއި ދުރުވާނެއެވެ. ނަމަވެސް އާދަމް ދަރިންގެ އެންމެބޮޑު ޢަދުއްވު އިބްލީސް އަބަދުވެސް ވަނީ އިންސާނުން ހެއްދެވި ފަރާތުގެ މަތިން ހަނދުމަނެތިކޮށް އެހެން ކަންކަމުގައި، މަޝްޣޫލު ކުރުވުމަށް އަވަދި ނެތިއެވެ. މީގެ ސަބަބުން އިންސާނުންނަކީ ފާފަ ކުރުން ގިނަ ބައެކެވެ.

ވިސްނާލަން ޖެހޭ އެންމެ ނުރައްކާތެރިކަން ބޮޑުކަމަކީ ތިމާއަށް ނޭންގިއޮތް ނަމަވެސް ތިމާ ކުރަމުންދާ ނުވަތަ ތިމާ އަރައިގަންނަ ފާފަތުކގެ އަސަރު ކުރަނީ ހަމަ އެކަނި ތިމާއަށް ނޫންކަމެވެ. ތިމާ ކުރާ ފާފައިގެ އަސަރު ޚުދު ތިމާއަށް ކުރުމުގެ އިތުރުން ތިމާގެ ދަރިންނަށާއި ތިމާދެ މުދަލައްވެސް އޭގެ އަސަރު ކުރެއެވެ.

ރާއްޖޭގެ މަޝްޙޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އަލީ ރާހިރު ބިން ސަޢީދު ޤާސިމް ވަނީ ރޭ ޝައިޚް ފޭސްބުކް ޕޭޖުގައި އެކަމަށް އިޝާރާތް ކުރައްވަވާ ޕޯސްޓެއް އާންމުކޮށްފައެވެ.

މި ޕޯސްޓުގައި ޝައިޚް ވިދާޅުވެފައިވަނީ މިފަދައިންނެވެ. " ފާފައަކީ އޭގެ ނުބައި އަސަރު ތިމާ އަށާއި އާއިލާއަށާއި މުދަލަށް ކުރާ ސުންޕާ ކަން ބޮޑުވެގެންވާ އެއްޗެކެވެ. ފާފަތަކުން ދުރުވުމަކީ ބަރަކާތާއި ހެޔޮގޮތް އިތުރުވާ ކަމެކެވެ."

ކަން މިހެން އޮތްއިރު، ފާފައެއް ކުރުމުގެ ކުރިން އެކަމަށް ވަރަށް ބޮޑަށް ވިސްނާ ﷲ އަށް ބިރުވެތިވާން އެބަ ޖެހެއެވެ. ފާފައިގެ ސަބަބުން ތިމާގެ މުޅި ދިރިއުޅުމަށް އެކަމުގެ އަސަރުކުރާއިރު، އެކަމަށް ބިރުވެތިވެލައްވާކަށް ނުވޭހެއްޔެވެ.؟

ދަންނާށެވެ.! އަހަރެމެންނަށް ރިޒުޤު ދެއްވާ އަހަރެމެންގެ ހުރިހާ ބޭނުންތަކެއް ފުއްދަވާ ދެއްވަނީ އެކަލާނގެއެވެ. އަހަރެމެން ދިރިއުޅެނީ އެކަލާނގެ ބިމުގައެވެ. ކަނީ އެކަލާނގެ ދެއްވާ ރިޒުޤުންނެވެ. ﷲ ވަނީ އިންސާނުންނަށް ބޮޑެތި ނިޢުމަތްތައް ދެއްވާފައެވެ. މި ހުރިހާ ނިޢުމަތަކާއި އެކުވެސް އިންސާނުން އެކަލާނގެއަށް ކުފުރުވަނީ އެވެ. މަނާ ކުރެވިފައިވާ ބޮޑެތި ފާފަ ކުރަނީއެވެ. ވިސްނާލިން ހެއްޔެވެ؟ މަރަކީ އޭގެވަގުތު އައިސް ޖެހުމާއި އެކު ލަހެއް ފަހެއް ކުރެވޭނެ ކަމެއް ނޫނެވެ. މާދަމާ ވެސް މަރު އައިސް އަހަރެމެންނާއި ބައްދަލު ނުކުރާނެ ކަމުގެ ޔަޤީންކަން ދޭން، އެކަކަށްވެސް ކެރިދާނެހެއްޔެވެ. އަދި މަރުވުމަށް ފަހު އޭނާ ކުރި ފާފަތަކުގެ ސަޒާ އޭނާއަށް ލިބޭކަން އެބަ އެނގެއެވެ.

ވީއިރު އިންސާނުން ފާފަ ކުރުން މަތީގައި ދެމި ތިބެނީ ކީއްވެހެއްޔެވެ؟ ޝައިތާނާގެ ވަސްވާހާއިއެކު މީހަކަށް ފާފައެއް ކުރެވިދާނެއެވެ. ބުއްދިވެރިންނަކީ ފާފައެއް ކުރެވިއްޖެއްޔާ އަވަހަށް ތައުބާވެ އެކަމާ ދުރުވާ މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް